ރައްޔިތުންގެ ގޭގައި މިހާރު ކުރަމުންދާ ބަހުސާމެދު ކުރީގެ އުއްތަމަ ފަނޑިޔާރުގެ ނަޒަރިއްޔާތައް!

D94BC7A9-8E56-45E0-8638-454FC7F90868

ރައްޔިތުންގެ ގޭގައި މިހާރު ކުރަމުންދާ ބަހުސާމެދު ކުރީގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޒު އަހުމަދު ފާއިޒް ހުސެއިންއަށް ޢިލްމީ ނަޒަރަކުން ފެނިވަޑައިގަންނަވާ ނަޒަރިއްޔާތައް ހިއްސާކުރައްވައިފިއެވެ.

ފޭސްބުކްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި މިކަންކަން ހިއްސާ ކުރަމުން ބުނެފައި ވަނީ މިއީ، ޤާނޫނުގެ ދަރިވަރެއްގެ ހައިސިއްޔަތުން ދައްކާ ވާހަކައެއްކަމަށެވެ. ތިރީގައި މި ހިއްސާކޮށްލަނީ ފާއިޒްގެ ނަޒަރިއްޔާތަކެވެ.

ފުރަތަމަ ނަޒަރިއްޔާ: ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ނ) ގެ ދަށުން އިންތިޚާބުވެގެން، މަގާމުގައި ތިއްބެވި ކައުންސިލަރުންގެ މަގާމުގެ މުއްދަތު ހަމަވުމުގެ ކުރީން، އެ މާއްދާގެ (ނ) އިސްލާހުކޮށް، 3 އަހަރުގެ ބަދަލުގައި މިހާރު ވަނީ 5 އަހަރަށް ބަދަލުކޮށްފައިއެވެ.

މިދެންނެވި ގޮތަށް (5 ވަނަ ) އިސްލާހުކުރިއިރު މަގާމުގައި ތިއްބެވި ކައުންސިލަރުންނަށް 5 އަހަރުގެ ދައުރެއް ނުލިބޭނަކަމަށް ބުނާ އިސްތިސްނާއެއް، އެ އިސްލާހުގައި ނެތެއެވެ. (މިފަދަ ހާލަތްތަކުގައި ރިޢާޔަތްކުރެވިދާނެ ދުސްތޫރީ ޢިލްމުވެރިންގެ ޤާޢީދާތަކެއް ހުރެއެވެ)
ދެން އުފެދޭ ސުވާލަކީ މިހާރު މަގާމުގައި ތިއްބެވި ކައުންސިލަރުންނަށް 5 ވަނަ އިސްލާހުގެ ސަބަބުން ފައިދާ ނުކުރަންވީ ކީއްވެތޯ؟ މިއީ، އުފެއްދިދާނެ ސުވާލެކެވެ.

5 ވަނަ އިސްލާހުގެ 4 ވަނަ މާއްދާއަކީ، އެއިސްލާހުގެ ދަށުން އިންތިޚާބު ބާއްވާއިރު އަމަލުކުރަންވި ގޮތުގެ ޓެކްނިކަލް މާއްދާއެކެވެ.

ދެވަނަ ނަޒަރިއްޔާ: މިހާރު ތިއްބެވި ކައުންސިލަރުންނަކީ ޤާނޫނުއަސާސީގެ ދަށުން ކަނޑައެޅިފައިވާ މުއްދަތަކަށް އިންތިޚާބު ކުރެވިފައިވާ ބަޔަކަށްވެފައި އެމީހުންގެ މަގާމުގެ މުއްދަތު ހަމަވުމުގެ ކުރީން ޤާނޫނުއަސާސީގެ ދަށުން އާކައުންސިލަރުން އިންތިޚާބު ނުކުރެވިއްޖެނަމަ ދުސްތޫރީ ހުސްކަމަށްދާ ދިއުމެވެ.

ދުސްތޫރީ ހުސްކަމާއި، ޤާނޫނީ ހުސްކަމަކީ ވަގުތީ ހާލަތްތަކެވެ. ވަގުތީ ހާލަތްތަކަށް ދުނިޔޭގެ އެހެންތަންތަނުގައި ހޯދަނީ ޤަޟާއީ ހައްލެކެވެ. ނުވަތަ އިންތިޤާލީ އިންތިޒާމެއްގެ ދަށުން ހައްލު ހޯދައެވެ.

ކުރިމަތިވާ ކޮންމެކަމެއްގައި ޤާނޫނުއަސާސީ އަށް ބަދަލު ގެނައުމަކީ ދިވެހި ދުސްތޫރީ ޙަޔާތް ދިރާސާ ކުރާއިރު ފެންނަ ހަގީގަތެކެވެ. ކައިރި މަޒީގައިވެސް އެކަން ކޮށްފައިވެއެވެ. ވަގުތީ ހައްލު ހޯދުމަށް ގާނޫނުއަސާސީއަށް ބަދަލުގެންނަ ކޮންމެފަހަރަކު ދުސްތޫރީ ޙަޔާތަށް ލޮޅުންއަރައެވެ.

މިވަގުތު ރާއްޖޭގައި އޮތީ ޤާނޫނުއަސާސީގެ ދަށުން އިއުލާނު ކުރައްވާފައިވާ ހާލަތެއް ނޫންކަމުގައި ވިއަސް، ޤާނޫނުއަސާސީފަދަ މުހިއްމު އަސާސީ "ޤާނޫނެއް" އިސްލާޙުކުރުމުގެ މަސައްކަތް ކުރުމުގެ މާހައުލެއް އޮތްކަމަކަށް ނުބެލެވެ. ވަރަށް ގިނަ ސަބަބުތަކެއް އެބަހުއްޓެއެވެ. (ނޯޓު؛ ގާނޫނީ ވާހަކަތަކެއް ނަމަވެސް، ލިޔެފައި އެވަނީ އާދައިގެ މީހަކަށްވެސް އެނގޭގޮތަށެވެ. ފޭސްބުކު ޕޯސްޓަކަށް ވާތީ ކުރުކޮށް ލިޔަނީއެވެ.)

މިހާރު ރާއްޖޭގެ ސިޔާސީ މަޝްރަޙުގައި ބަހުސްކުރެވެމުންދާ ކަންކަމާއި ގުޅިގެންފެހި ޤާނޫނު އަސާސީގެ ދަށުން ފުރަތަމަ އައްޔަންކުރި ދާއިމީ ސުޕްރީމްކޯޓުގެ ފުރަތަމަ އުއްތަމަ ފަނޑިޔާރު ފާއިޒު ދެކެވަޑައިގަންނަވާ ގޮތަކީއެއީއެވެ.

ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކޮށްފައިވާ މި ދަނޑިވަޅުގައި އެޗްޕީއޭގެ ހުއްދަނެތި ރައްޔިތުންގެ މަޖިލީހުގައި ޖަލްސާތައް ބޭއްވުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ބައެއް ޤާނޫނީ ވަކީލުން ނާއި ސިޔާސީ ފަރާތްތަކުން މަޖިލިސް ބޭއްވުމާއި ބެހޭގޮތުން ދެކެވަޑައިގަންނަވާ ގުޅޭގޮތުން ދެކެވަޑައިގަންނަވާގޮތް ހާމަކުރަމުން އިއްޔެ ބުނެފައިވަނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މިހާލަތުގައިވެސް، އެޗްޕީއޭ އަށް ދަޢުލަތުގެ ބާރުތަކުގެ މައްޗަށް ބަސް ނުކިޔޭނެ ކަމަށާއި، ދައުލަތް ހުއްޓުމަކަށް ނާންނާނެ ކަމަށެވެ.

އެގޮތުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާނުކުރެވިދާނެ ދެގޮތަކީ؛ ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނުއަސާސީން ދީފައިވާ ދުސްތޫރީބާރުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ އިއުލާނުކުރައްވާ ސިއްހީކުއްލި ނުރައްކަލުގެ ހާލަތާއި އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ޑިރެކްޓަރ ޖެނެރަލްގެ ލަފާގެމަތީން މިނިސްޓަރ އޮފް ހެލްތު އިއުލާނުކުރައްވާ ސިއްހީކުއްލި ނުރައްކަލުގެ ހާލަތު ކަމަށް ފާއިޒް ވަނީ ވިދާޅުވެފައެވެ.

ރަައީސުލްޖުމްހޫރިއްޔާއަކީ ދައުލަތުގެ އެންމެ އިސްވެރިޔާގެ އިތުރުން ސަރުކާރުގެވެސް އެންމެ އިސްވެރިޔާކަން ފާހަގަ ކުރަށްވާ ފާއިޒް ވިދާޅުވީ، މި ދެ ހައިސިއްޔަތުން، ޤާނޫނުއަސާސީގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އިއުލާނުކުރައްވާ ސިއްހީކުއްލި ނުރައްކަލުގެ ހާލަތުގައިވެސް ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ބަސްވިދާޅުވެ ގޮތް ކަނޑައެޅުއްވުމުގެ ބާރު ރައީސަކަށްވެސް ލިބިވަޑައި ނުގަންނަވާނެ ކަމަށެވެ. ހަމައެގޮތަށް، އެހާލަތުގައި ސުޕްރީމް ކޯޓުގެ މައްޗަށް ބަސްވިދާޅުވެ ގޮތް ކަނޑައެޅުއްވުމުގެ ބާރުވެސް ރައީސަށް ލިބިވަޑައި ނުގަންނަވާނެ ކަމަށް ފާއިޒު ވިދާޅުވެފައި ވެއެވެ.

އަދި ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް ދުސްތޫރީ މި މުއައްސަސާތައް، ކުއްލި ހާލަތު މެދުވެރިވުމުގެ ކުރިން ހިނގަމުންއައި ގޮތަށް މަސައްކަތުގައި ދެމިއޮންނާނެ ކަމަށް ފާއިޒު ވަނީ ވިދާޅުވެފައެވެ.

ފާއިޒް ވިދާޅުވީ ރާއްޖޭގައި މިވަގުތު މިއޮތީ މިނިސްޓަރ އޮފް ހެލްތް އިއުލާނު ކުރައްވާފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ކަމަށާއި، ހެލްތު ޕްރޮޓެކްޝަންގެ އެޖެންސީގެ ޑިރެކްޓަރ ޖެނެރަލްގެ ލަފާގެމަތީން މިނިސްޓަރ އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި، ބައެއް އަސާސީ ޙައްޤުތައް ހިފެހެެއްޓުމުގެބާރު ދީފައިވާ ކަމަށާއި، ޤާނޫނުއަސާސީގައި ދުސްތޫރީ އުޞޫލުތަކެއް އެކަމަށް ކަނޑައަޅާފައިވާކަމަށެވެ.

އެގޮތުން އާއްމު ޚިދުމަތްދޭ ތަންތަނާއި އެއާރޕޯޓު، ސްކޫލު ފަދަ ތަންތަން ބަންދުކުރުމާއި މިންގަނޑު ކަނޑައެޅުމުގެބާރު އެޗްޕީއޭ އަށާއި މިނިސްޓަރއަށް ލިބިވަޑައިގަންނަވާ ކަމަށާއި، ނަމަވެސް ސަރުކާރުގެ އޮފީސްތައް ބަންދުކުރަން ރައީސުލްޖުމްހޫރިއްޔާއަށް އެންގުމުގެ ބާރު މިނިސްޓަރަށް ލިބިވަޑައި ނުގަންނަވާނެ ކަމަށް ފާއިޒް ވިދާޅުވިއެވެ.

އެހެން ނަމަވެސް އެޗްޕީއޭގެ އުޞޫލުތަކާ އެއްގޮތަށް ސަރުކާރު ބަންދުކުރެއްވުމަކީ ރައީސްގެ އިޚުތިޔާރީ ބާރެއް ކަމަށާއި، ހަމައެގޮތަށް ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް އެޗްޕީއޭގެ އުޞޫލުތަކާ އެއްގޮތަށް ގެންދިއުމަކީ މަޖިލީހުގެ އިޚުތިޔާރުގައި އޮތްކަމެއް ކަމަށްވެސް ފާއިޒް ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން ސުޕްރީމް ކޯޓުގައި ހުސްވެފައިވާ ފަނޑިޔާރު ކަމުގެ މަގާމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިން އައްޔަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ޖޭއެސްސީގެ ލަފައަކަށް އެދިވަޑައިގެންފައިވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުއެވެ.

އަހުމަދު ފާއިޒް ހުސެއިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނުކުރަން ނުފެންނަކަމަށް ޖޭއެސްސީން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ވަނީ ލަފާއަރުވާފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *