•  
  •  
  •  
  •  
  •  
  •  
  •  

މިއަދަކީ ހއ. މޮޅަދޫއަށް އުފާވެރި ތާރީޚީ ދުވަހެއް ކަމަށް މޮޅަދޫ ނިސްބަތްވާ އިހަވަންދޫ ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

ޝިފާއު މިމޭރުމުން ވިދާޅުވީ ޒަމާނުއްސުރެ މޮޅަދޫ ރައްޔިތުން ދެކެމުންއައި ހުވަފެނެއްގައި ކުލަޖެހި، މިއަދަކީ އެރަށު ފަޅަށް ފުރަތަމަ ފަހަރަށް ދޯންޏެއްވަދެ މުދާ ހުސްކުރި ދުވަހަށް ވުމުންނެވެ.

މޮޅަދޫގައި ފަޅުކޮންނަމުން ދަނީ ސަރުކާރުން އެ ރަށުގައި ތަރައްޤީކުރުމަށް ނިންމަވާފައިވާ ބަނދަރު ހެދުމުގެ މަޝްރޫޢުގެ ތެރެއިންނެވެ. މީގެ ކުރިން މޮޅަދޫއަށް މުދާ ބޭލުމަށާއި، ލަފާ ފުރުމަށް ބޭނުން ކުރަމުން އަންނަނީ ފާލަމެކެވެ.

“24 މެއި 2020: މިއަދަކީ ހއ. މޮޅަދޫއަށް އުފާވެރި ތާރީޙީ ދުވަހެއް. ތާރީޙުގައި ޕުރަތަމަފަހަރަށް މޮޅަދޫފަޅަށް މުދާދޯންޏެއްވަދެ ރަށަށް މުދާހުސްކުރި ދުވަސް.” މެމްބަރު ޝިފާއު

މޮޅަދޫ ރައްޔިތުންގެ އަޑު ސަރުކާރާއި ހަމައަށް ގެންގޮސް ދެއްވައި، މި ބަނދަރުގެ މަސައްކަތް ފެށުމުގެ މަގު ތަނަވަސް ކުރުމުގައި މެމްބަރު ޝިފާއުވަނީ މުހިންމު ދައުރެއް އަދާ ކުރަށްވާފައެވެ.

މޮޅަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ނިޝާމް “ތިލަދުން” އަށް ވިދާޅުވީ، މިއަދަކީ މޮޅަދޫއަށް އުފާވެރި ދުވަހެއް ކަމަށާއި، މޮޅަދޫ ބަނދަރު ހެދި ބޭނުން ކުރެވޭ ގޮތް ވުމަކީ މޮޅަދޫ ރައްޔިތުންގެ ޒަމާންވީ އުންމީދެއް ކަމަށެވެ. އެރަށުގެ ރައްޔިތުން ބަނދަރެއްނެތި ހޭދަ ކުރަމުން ދަނީ ތަކުލީފީ ދުވަސް ތަކެއް ކަމަށާއި، މިމަސައްކަތް ފެށި ކުރިއަށް ގެންދިއުމަށް ދާއިރާގެ މެމްބަރު ޝިފާއު ކޮށްދެއްވާ މަސައްތަށް ޝުކުރު ދަންނަވާ ކަމަށް ނިޝާމް ވިދާޅުވިއެވެ.

އެރަށުގައި ތަރައްޤީ ކުރާ ބަނދަރުގެ މަޝްރޫޢުގެ ތެރެއިން ކޮނެފައިވާ ފަޅަށް ފުރަތަމަ ފަހަރަށް ދޯންޏެއް ވަދެ، މުދާ ހުސްކުރި މި ތާރީޚީ ދުވަހަކީ މޮޅަދޫ ރައްޔިތުންނަށް ހިނިތުންވުން ގެނެސްދިން ދުވަހެކެވެ.

ސަރުކާރުގެ ޑޮމެސްޓިކް ބަޖެޓުން ތަރައްޤީ ކުރާ މޮޅަދޫ ބަނދަރުގެ މުޅި މަޝްރޫޢުގެ އަގަކީ 21،065،364 ރުފިޔާއެވެ. މީގެ ތެރެއިން މިއަހަރުގެ ބަޖެޓަށް ކަނޑައަޅާފައި ވަނީ 8،05،364 ރުފިޔާއެވެ.

މިމަޝްރޫޢުގެ ދަށުން ބަނދަރާއި، މަގަތު ފާލަމުގެ މަސައްކަތް ކުރާގޮތަށް ހަމަޖެހިފައިވާއިރު މިހާރު ވަނީ މި މަޝްރޫޢުގެ 28 އިންސައްތަ މަސައްކަތް ފުރިހަމަކޮށްފައެވެ.

ޚިޔާލު

Your email address will not be published.

More in ކުޑަ