މާލެ ސިޓީ ހިމެނޭހެން ރާއްޖޭގެ 7 ރަށެއް ފިޔަވައި ހުރިހާ ރަށެއްގައި ޖަމާޢަތުގައި ނަމާދު ކުރުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ދެއްވުމާއި އެކު ކުރިން ޢީދު ނަމާދުކުރުން މަނާކޮށްފައިވާ އުތުރުގެ 17 ރަށެއްގައި ޖަމާޢަތުގައި ޢީދު ނަމާދު ކުރަން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މިވަގުތު ރާއްޖޭގައި ފުރަބަންދުގެ ޙާލަތުގައި ހުރި ރަށްރަށާއި، މޮނީޓަރިންގެ ޙާލަތުގައި ހުރި ރަށްރަށާއި އެ ރަށެއްގައި މީހަކު ކަރަންޓީނު ކޮށްފައިވާ ރަށްތައް ފިޔަވައި އެހެން ރަށްރަށުގައި ޖަމާޢަތުގައި ނަމާދުކުރުން އެންމެ ރަނގަޅު ކަމުގައި ކުރިން ވިދާޅުވެފައިވީނަމަވެސް ރަށެއް، މޮނީޓަރިންގެ ޙާލަތުން ދޫކޮށްލާތާ 14 (ސާދަ) ދުވަސް ނުވާނަމަ، އެ ރަށެއްގެ މިސްކިތްތަކުގައިވެސް ޖަމާޢަތް ނުހެދުމަށް، ހެލްތް ޕްރޮޓެކްޝަން އެޖެންސީން ލަފާދެއްވާފައިވާތީ، އެ ރަށްރަށުގެ މިސްކިތްތަކުގައިވެސް ޖަމާޢަތް ނުހެދުމަށް ނިންމަވާފައިވާކަމަށެވެ.

Ad
rt

އެގޮތުން ޖަމާޢަތުގައި ނަމާދުކުރުން މަނާކޮށްފައިވާ 7 ރަށަކީ، މިވަގުތު މޮނިޓަރިންގެ ޙާލަތުގައިވާ މާލެ ސިޓީއާއި ށ.ނަރުދޫއާއި މަނަދޫގެ އިތުރުން މޮނިޓަރިންގެ ހާލަތު އުވާލިފަހުން އަދި 14 ދުވަސްނުވާ 4 ރަށް ކަމަށްވާ ކ.ހިންމަފުއްޓާއި ކ ތުލުސްދޫއާއި ހއ.ތަކަންދޫގެ އިތުރުން ށ.މިލަންދޫއެވެ.

އިއްޔެ ހުކުރު ނަމާދުން ފެށިގެން ރަށްރަށުގެ މިސްކިތްތަކުގައި ޖަމާއަތް ހަދައިގެންނަމާދު ކުރަން ފަށާފައިވާއިރު، މިސްކިތްތަކުގެ ޖަމާއަތް ނުހުޅުވާ 25 ރަށެއް ހިމަނައި އިސްލާމިކް މިނިސްޓްރީން އެކަން ވަނީ ކައުންސިލްތަކަށް އަންގާފައެވެ.

އެ އެންގުމާއި އެކު މިނިސްޓްރީއިން ވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީން ފުރަބަންދު ހާލަތަށް ގެނެސްފައިވާ ރަށްތަކާއި މޮނިޓަރިންގެ ހާލަތުގައި ހުރި ރަށްރަށާއި އެރަށެއްގައި ކަރަންޓީނުކޮށްފައިވާ ރަށްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ރަށްތަކުގެ ލިސްޓެއް ހިމަނާފައި އެވެ. އެ ލިސްޓްގައި 25 ރަށެއް ވަނީ ހިމަނާފައި އެވެ. ނަމަވެސް ދެންމެ އިސްލާމިކް މިނިސްޓްރީއިން އެންގި އެންގުމާއިއެކު ތިރީގައި މިވާރަށްތައް ވަނީ އުނިކޮށްފައެވެ.

ހއ ދިއްދޫ
ހއ އުލިގަމު
ހއ އުތީމް
ހދ. ކުޅުދުއްފުށި ސިޓީ
ހދ ކުމުންދޫ
ހދ ހިރިމަރަދޫ
ށ ޅައިމަގު
ށ މާއުނގޫދޫ
ށ ފުނަދޫ
ށ ފީވަކު
ށ ގޮއިދޫ
ނ ވެލިދޫ
ނ ހޮޅުދޫ
ނ ހެނބަދޫ
ނ ކެނދިކުޅުދޫ
ނ މިލަދޫ
ނ މާފަރު

މީގެ އިތުރުން

ބ ކެންދޫ،
ކ މާފުށި

މިއާއި އެކު ގިނަރަށްރަށުން ވަނީ މާދަމާ ޖަމާއަތުގައި އީދު ނަމާދުކުރަން ނިންމާފައެވެ. އެގޮތުން ކުޅުދުއްފުށި ސީޓިގައި އީދު ނަމާދު ކުރާ މިސްކިތްތަކުގައި ނަމާދު ކުރުން އޮންނާނެކަމަށް ކުޅުދުއްފުށީ ކައުންސިލްގެ ރައީސްވަނީ ވިދާޅުވެފައެވެ. އަދި ހއ. ދިއްދޫގައިވެސް އީދު ނަމާދު ކުރާ 3 މިސްކިތުގައިވެސް ނަމާދު ކުރަން ނިންމާފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ މިސްކިތަތްތައް ނުހުޅުވާ ރަށްތަކާއި ރިސޯޓުތަކުގައި، ކުރިއެކޭވެސް އެއްގޮތަށް މިސްކިތުގައި ހަމައެކަނި ބަންގިގޮވުމަށާއި، ބަންގީގެ ފަހުގައި " صلوفي بيوتكم " މިފަދައިން 2 ފަހަރު ގޮވުމަށް ދަންނަވާފައެވެ. އަދި މި ދަނޑިވަޅުގައި ކަމާބެހޭ ފަރާތްތަކުން ދޭއިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށާއި، ފަރުޟު ފަސް ނަމާދާއި، ސުންނަތް ނަމާދުތައް ބަރާބަރަށް އަދާކުރުމަށާއި، ކީރިތި ޤުރްއާން ކިޔަވައި، ﷲގެ ރަޙްމަތުން މާޔޫސްނުވެ، ސަބަބު ތަކުގައި ހިފާ، ފުރިހަމައަށް ﷲއަށް ވަކީލުކޮށް ގިނަގިނައިން ދުޢާކޮށް، އިސްތިޣްފާރު ކުރުމަށް އެ މިނިސްޓްރީން ވަނީ ނަސޭހަތްތެރިވެފައެވެ. އަދި މިސްކިތުގެ ޖަމާޢަތް ހެދުމަށް ހުއްދަ ދީފައިވާ ރަށްތަކުގައި ކޮންމެ ނަމާދަގެއްގައިވެސް ޤުނޫތު ނާޒިލާ ކިޔުމަށްވެސް ވަނީ ނަސޭހަތްތެރިވެފައެވެ.

ކޯވިޑް-19 އާ ގުޅިގެން މިސްކިތް ތަކުގައި ޖަމާޢަތުގައި ނަމާދުކުރުން މެދުކަނޑާލުމަށްފަހު އަލުން ފަށާއިރު ތިރީގައިވާ ކަންކަމަށް ސަމާލުކަން ދެއްވުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވަނީ އިރުޝާދު ދެއްވާފައެވެ.

  • ގެއިން ވުޟޫކޮށްގެން މިސްކިތަށް ދިޔުން
  • މުސައްލަ ހިފައިގެން މިސްކިތަށް ދިޔުން
  • އުމުރުން ދުވަސްވީ މީހުން މިސްކިތަށް ނުދިޔުން
  • ރޯގާޖެހި، ކިނބިހި އަޅާނަމަ މިސްކިތަށް ނުދިޔުން
  • މާސްކު އަޅައިގެން މިސްކިތަށް ދިޔުން
  • މިސްކިތުގައި ގިނަ ވަގުތު ހޭދަނުކުރުން

އިސްލާމިކް މިނިސްޓްރީން މިހާރު ވަނީ އީދު ޚުތުބާ އެ މިނިސްޓްރީގެ ވެބްސައިޓްގައި ޝާއިއުކޮށްފައެވެ. އެހެންނަމަވެސް ގޭގައި ޢިދުނާމާދު ކުރާއިރު ޚުތުބާ ކިޔާކަށް ނުޖެހޭނެކަމަށް ދީނީ ޢިލްމުވެރިން ވިދާޅުވެއެވެ.