ރާއްޖޭގައި ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަށް ލުއިދިނުމުގެ ގޮތުން، ހެލްތް ޕޮރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފުރަބަންދު ކޮށްފައިވާ ނުވަތަ މޮނިޓަރިންގ ހާލަތަށް ލާފައި ނެތް ރަށްތަކުގެ ތެރެއިން އަތޮޅު ތަކުގެ މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ނަމާދު ކުރަން ހުއްދަ ދިން ރަށްތަކުގެ ތެރޭ ހިމެނިފައި ނުވާ ހއ. އުލިގަމު، ޖަމާއަތް ހަދައިގެން ނަމާދު ކުރެވޭ ރަށެއްގެ ގޮތުގައި ކަނޑައަޅައި ދިނުމަށް އުލިގަމު ކައުންސިލުން އެދިއްޖެއެވެ.

މިގޮތަށް އެ ކައުންސިލުން އެދިފައި ވަނީ އުލިގަމު ކައުންސިލްގެ ރައީސް އަޙްމަދު މުޢާދު މުޙައްމަދު ސޮއިކުރަށްވައި، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް މިއަދު ފޮނުވާފައިވާ ސިޓީއެއްގައެވެ.

Ad
rt

އެ ސިޓީގައި ބުނެފައި ވަނީ ކޯވިޑް-19 އާއި ގުޅިގެން ފުރަބަންދުގައިވާ ރަށްރަށް ފިޔަވައި އެހެން ރަށްރަށުގައި ޖަމާއަތް ހަދައިގެން ނަމާދު ކުރުމަށް މިސްކިތްތައް ހުޅުވާލުމާއި ބެހޭ ގޮތުން ނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ފޮނުއްވާފައިވާ ސަރކިއުލަރއާއި އެކު އެޗްޕީއޭއިން ފުރަބަންދުގެ ޙާލަތަށް ގެނެސްފައިވާ ރަށްރަށާއި، މޮނިޓަރިންގ ޙާލަތުގައި ހުރި ރަށްރަށާއި އެރަށެއްގައި މީހަކު ކަރަންޓީނު ކޮށްފައިވާ ރަށްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ރަށްތަކުގެ ލިސްޓްގައި އުލިގަމު ހިމެނިފައިވާކަމަށެވެ.

ނަމަވެސް ހއ. އުލިގަމަކީ 01 މެއި 2020 ވަނަ ދުވަހުގެ 00:00 ގައި އެޗްޕީއޭ އިން
މޮނިސްޓަރިންގ ގެ ޙާލަތުން ޢާއްމު ޙާލަތައް ގެނެސްފައިވާކަމުގެ ލިޔުން ފޮނުވާފައިވާ ރަށެއްކަމަށް އެސިޓީގައި ބުނެފައިވެއެވެ.

މިވަގުތު ރަށުގެ އެއްވެސް ގެއެއް އަދި މީހަކުވެސް ކަރަންޓީނުކޮށްފައިވާ ރަށެއް ނޫންކަމުގައި ދަންނަވާކަމަށްވެސް އެސިޓީގައި ބުނެފައި ވެއެވެ.

އެހެން ކަމުން ކޯވިޑް-19 އާއި ގުޅިގެން ފުރަބަންދުގައިވާ ރަށްރަށް ފިޔަވައި އެހެން ރަށްރަށުގައި ޖަމާއަތް ހަދައިގެން ނަމާދު ކުރުމަށް މިސްކިތްތައް ހުޅުވާލުމާއި ބެހޭ ގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ފޮނުއްވާފައިވާ ސަރކިއުލަރ އާއި އެކު ފޮނުވާފައިވާ ލިސްޓުން އުލިގަމު އުނިކޮށްދެއްވައި، މިސްކިތްތަކުގައި ޖަމާޢަތްހަދައިގެން ނަމާދުކުރެވޭ ރަށެއްގެ ގޮތުގައި ހއ. އުލިގަމު ކަނޑައަޅާދެއްވުން އެދޭކަމަށް އެސިޓީގައި ބުނެފައިވެއެވެ.

އުލިގަމަކީ މާލެ ފިޔަވައި، އަތޮޅުތަކުން މީހުން އުޅޭ ރަށްތަކުން ފުރަތަމަ ކޯވިޑަށް މީހަކު ޕޮޒިޓިވްވި ރަށެވެ. އެރަށުން ކޯވިޑަށް ޕޮޒިޓިވްވީ 2020 އޭޕްރިލް 15 ވަނަ ދުވަހު އިހަވަންދޫ ކާވިޔާ ބޯޓުން އެރަށަށް ދަތުރުކުރި މީހެކެވެ. އެމީހާ މިހާރުވަނީ ބަލިން ރަނގަޅުވެފައެވެ. އެ މީހާ ބަލިން ރަނގަޅުވެއްޖެ ކަމަށް ހާމަކުރެއްވީ ހޯރަފުށި ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ސަލީމް، މި މޭމަހުގެ 12 ވަނަ ދުވަހުއެވެ.

ކާވިޔާ ބޯޓުން ދަތުރު ކުރި ހއ. ތަކަންދޫން 3 މީހުން ކޯވިޑަށް ޕޮޒިޓިވް ވެފައިވާއިރު، އެ ބޯޓުން ދަތުރުކުރި އިތުރު އެއްވެސް މީހެއް އެބަށްޔަށް މިހާތަނަށް ޕޮޒިޓިވް ވެފައެއް ނުވެއެވެ.

ރަށްރަށުގެ މިސްކިތްތަކުގެ ޖަމާއަތް މިއަދު ހުކުރު ނަމާދުން ފެށިގެން ހުޅުވާލަން ނިންމާފައިވާއިރު މިސްކިތްތަކުގެ ޖަމާއަތް ނުހުޅުވާ 25 ރަށެއް ހިމަނައި އިސްލާމިކް މިނިސްޓްރީން އެކަން ކައުންސިލްތަކަށް އެންގި ލިއުމުގައި އުތުރުގެ 20 ރަށެއް ވަނީ ހިމެނިފައެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން ފުރަބަންދު ހާލަތަށް ގެނެސްފައިވާ ރަށްތަކާއި މޮނިޓަރިންގެ ހާލަތުގައި ހުރި ރަށްރަށާއި އެރަށެއްގައި ކަރަންޓީނުކޮށްފައިވާ ރަށްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ރަށްތަކުގެ ލިސްޓެއް ހިމަނާފައި އެވެ. އެ ލިސްޓްގައި 25 ރަށެއް ވަނީ ހިމަނާފައި އެވެ. އެ ލިސްޓްގައި ހިމެނޭ އުތުރުގެ ރަށްތަކަކީ

  1. ހއ ދިއްދޫ
  2. ހއ އުލިގަމު
  3. ހއ އުތީމް
  4. ހއ ތަކަންދޫ
  5. ކުޅުދުއްފުށި ސިޓީ
  6. ހދ ކުމުންދޫ
  7. ހދ ހިރިމަރަދޫ
  8. ށ ޅައިމަގު
  9. ށ މިލަންދޫ
  10. ށ މާއުނގޫދޫ
  11. ށ ފުނަދޫ
  12. ށ ފީވަކު
  13. ށ ގޮއިދޫ
  14. ށ ނަރުދޫ
  15. ނ ވެލިދޫ
  16. ނ ހޮޅުދޫ
  17. ނ މަނަދޫ
  18. ނ ހެނބަދޫ
  19. ނ ކެނދިކުޅުދޫ
  20. ނ މިލަދޫ
  21. ނ މާފަރު

މީގެ އިތުރުން

  1. ކ. ތުލުސްދޫ،
  2. ކ ހިންމަފުށި،
  3. ބ ކެންދޫ،
  4. ކ މާފުށި

ކޮވިޑް-19 އާ ގުޅިގެން މިސްކިތް ތަކުގައި ޖަމާޢަތުގައި ނަމާދުކުރުން މެދުކަނޑާލުމަށްފަހު އަލުން ފަށާއިރު ތިރީގައިވާ ކަންކަމަށް ސަމާލުކަން ދެއްވުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވަނީ އިރުޝާދު ދެއްވާފައެވެ.

  • ގެއިން ވުޟޫކޮށްގެން މިސްކިތަށް ދިޔުން
  • މުސައްލަ ހިފައިގެން މިސްކިތަށް ދިޔުން
  • އުމުރުން ދުވަސްވީ މީހުން މިސްކިތަށް ނުދިޔުން
  • ރޯގާޖެހި، ކިނބިހި އަޅާނަމަ މިސްކިތަށް ނުދިޔުން
  • މާސްކު އަޅައިގެން މިސްކިތަށް ދިޔުން
  • މިސްކިތުގައި ގިނަ ވަގުތު ހޭދަނުކުރުން

އިސްލާމިކް މިނިސްޓްރީއިން ހުއްދަ ދެއްވުމާއިއެކު މިލިސްޓުގައި ނުހިމެނޭ ރަށްތަކުގައި މިއަދު ހުކުރު ނަމާދުން ފަށައިގެން ވަނީ ޖަމާއަތުގައި ނަމާދު ކުރަން ފަށާފައެވެ.