ފުރަބަންދުގެ ސަބަބުން މާލޭގައި ތާށިވެފައި ތިބި މީހުންގެ ތެރެއިން ކޮންމެހެން ރަށަށް ދާން ޖެހޭކަމަށް ފާހަގަ ކުރެވުނު 1800 މީހުންގެ ތެރެއިން 1078 މީހަކު ރަށްރަށަށް ގެންދިއުމަށްޓަކައި ކަރަންޓީނަށް ފޮނުވިއްޖެ ކަމަށް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 ގެ ހާލަތާއި ގުޅިގެން މިރޭ ޤައުމާއި މުހާތަބު ކުރައްވަމުން ރައީސް ވިދާޅުވީ، ބާކީ ތިބި މީހުން މި މަހުގެ 24 ގެ ނިޔަލަށް ކަރަންޓީނަށް ފޮނުވޭނެ ކަމަށެވެ. އަދި އިއްޔެގެ ނިޔަލަށް 3016 މީހަކު މާލެ އައުމަށް ހުއްދަ ދެވިފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

Ad
rt

" މާލެއިން ރަށްރަށަށް ދާ މީހުން ކަރަންޓީނުގައި ބައިތިއްބަން މިޖެހެނީ ރަށްރަށުގައި މިބަލި ފެތުރުމުގެ ފުރުޞަތު ހަނި ކުރުމަށް، މާލޭގައި މިބަލި ފެތުރިފައި ވާތީ މާލެއިން ރަށްރަށަށް ދާ މީހުން އެމީހެއްގެ ރަށުގައި ކަރަންޓީނު ކުރުމަކީ ރަށްކާތެރި ކަމެއް ނޫން. އެއީ އެރަށް ރަށުންވެސް ބޭނުންވާ ގޮތެއް ނޫން. އަޅުގަނޑުމެންނަށް ކުރެވޭ ކިތަންމެ ކުޑަކަމެއްގެ ސަބަބުން އެއްވެސް ރަށެއްގައި މިބަލި ފެތުރެން ފަށައިފި ނަމަ އެރަށެއްގައި މިބައްޔާއި ދެކޮޅަށް ކުރަންޖެހޭ މަސައްކަތް މާ ބުރަވާނެ. " ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ލޮކްޑައުންއަށް ދެވޭ ލުއިތަކުގެ ސަބަބުން ރާއްޖޭގައި ބަލީގެ ހާލަތު އިތުރަށް ގޯސްވާނަމަ، ލޮކްޑައުންގެ ހާލަތަށް އެނބުރި ދާންޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި ދެވޭ ލުއިތަކަކީ، ކުރިން އުޅެމުންދިޔަ ޢާންމު ދިރިއުޅުމަށް މުޅިން ބަދަލުވުން ކަމުގައި އަދި ދެކިގެން ނުވާނެ ކަމަށެވެ.

"އަދި ލުއިތަކެއް ދިނުމުގެ މާނައަކީ، ކޯވިޑް ބަލި ރާއްޖެއިން ފިލައިގެން ދިއުމެއް ނޫން. އަދި މި ލުއިތައް ދެނީ، މި ބަލީގެ ނުރައްކާތަކުން މުޅިން ސަލާމަތްވެގެން ކަމުގައިވެސް އަދި ގަބޫލުކުރައްވައިގެން ނުވާނެ."

ރާއްޖޭން މިހާތަނަށް 1,186 މީހަކަށް ވަނީ ކޯވިޑް-19 ޖެހިފަ އެވެ. އޭގެ ތެރެއިން 91 މީހަކު ރަނގަޅު ވެފައިވާއިރު ހަތަރު މީހަކު ވަނީ މަރުވެފަ އެވެ.