މިހާރު މާލޭ ސަރަހައްދުގައި މި އޮތް ފުރަބަންދު ރަނގަޅަށް ތަންފީޒުވަމުންދާ ނަމަ، މި މަހު 28 ގެ ފަހުން ފުރަބަންދަށް ލުއިތަކެއް ދޭން ތައްޔާރުވަމުން ދާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 ގެ ހާލަތާއި ގުޅިގެން މިރޭ ޤައުމާއި މުހާތަބު ކުރައްވަމުން ރައީސް ވިދާޅުވީ، މާލެ ސަރަހައްދުގެ ފުރަބަންދަށް ލުޔެއް ދޭއިރު، އެކަން ކުރާނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށެވެ.

Ad
rt

މިގޮތުން ފުރަތަމަ ކަމަކީ ގެއިން ބޭރަށް ނުކުމެ އުޅުމަށް ލުއިތަކެއް ދިނުމާއި މިހާރަށް ވުރެ ފަސޭހަ އިންތިޒާމަކުން އާންމު ވިޔަފާރިތަކަށް ފުރުސަތު ހުޅުވައިލުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެހެން ފިޔަވަހިތަކުގައި މީހުން އެއްވެ އުޅުމުގެ ކަންކަމަށް ލުއިތަކެއް ދޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެގޮތުން މިސްކިތްތައް ހުޅުވާލައި، ހޮޓާތަކާއި ކެފޭތައް ހުޅުވުމަށާއި ސްކޫލްތަކުގެ ކިޔަވައިދިނުން ފެށުމަށްވެސް، ވަކި އިންތިޒާމުތަކެއްގެ ދަށުން ހުއްދަ ދެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ އޮފީސްތަކުގެ ވަޒީފާއަށް ނުކުތުމަށްވެސް ހާއްސަ އިންތިޒާމުތަކެއް ހަމަޖެއްސޭނެ ކަމަށާއި މި ލުއިތައް ދޭނެ ގޮތުގެ ތަފްސީލުތައް ކަމާ ގުޅޭ ފަންނީ ބޭފުޅުން ކުރިއަށް އޮތް ދުވަސްތަކުގައި ދެއްވަމުން ގެންދަވާނެ ކަމަށެވެ.

މަނިކުފާނު ވިދާޅުވި ގޮތުގައި، މާލެ ސަރަޙައްދުގެ ފުރަބަންދުގެ ހާލަތު ދޫކޮށްލާއިރު ކޯވިޑް-19 އަށް ޓެސްޓް ކުރުމުގެ ގާބިލްކަން މިހާރަށް ވުރެ އިތުރު ކުރެވޭނެ އެވެ. ފަރުވާ ދިނުމަށް ބޭނުންވާ އެންމެހައި ވަސީލަތްތަކާއި އާލާތްތައް ވެސް ހަމަކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

މާލެއިން ފުރަތަމަ ކޯވިޑް-19 ކޭސް ފެނުމާއި އެކު، މާލެ ސަރަޙައްދު ފުރަބަންދު އެންމެ ފުރަތަމަ އިއުލާން ކުރީ މިދިޔަ އޭޕްރިލް މަހުގެ 15 ވަނަ ދުވަހު އެވެ. އޭގެ ފަހުން އެކި ފަހަރު މަތިން ފުރަބަންދުގެ މުއްދަތު ވަނީ އިތުުރުކޮށްފައެވެ. އެންމެ ފަހުން އިތުރުކުރި މުއްދަތު މިމަހުގެ 28 ގެ ނިޔަލަށް ހަމަވާނެ އެވެ.