ކޯވިޑް-19 އާއި ދެކޮޅަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތައްކަށް އެހީތެރިވުމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އިން ރާއްޖެއަށް އިތުރު 10،000 ޓެސްޓްކިޓްއާއި، ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) ހަދިޔާކޮށްފިއެވެ.
މިކަން ހާމަކޮށް ހެލްތު މިނިސްޓްރީން ބުނީ ކޯވިޑް -19 ބައްޔާއި ދެކޮޅަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތައްކަށް އެހީތެރިވުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ފަރާތުން 10،000 ޓެސްޓްކިޓްއާއި ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) މިއަދު ރާއްޖެއަށް ހަދިޔާކޮށްފައިވާ ކަމަށެވެ.
މި އެހީއާ ގުޅިގެން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ ރާއްޖޭގައި ހުންނަވާ ޑަބްލިއުއެޗްއޯގެ މަންދޫބު ޑރ. އަރްވިންދު މާތުރު އަށް ގުޅުއްވައި ޝުކުރު އަދާކުރައްވާފައި ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ފަރާތުން މިއަދު ހަދިޔާކުރި ޕީޕީއީ އާލާތްތަކުގެ ތެރޭގައި ގައުންއާއި، ފޭސްމާސްކުގެ އިތުރުން އަންގިއާއި، ފޭސް ޝީލްޑްފަދަ މުހިންމު އާލާތްތައް ހިމެނޭ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.
މިއަދު ހަދިޔާކުރި ކޯވިޑް-19 ބަލީގެ ޓެސްޓިންގ ކިޓާއިއެކު ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ރާއްޖެއަށް މިހާތަނަށް 21،000 ޓެސްޓްކިޓް ވަނީ ހަދިޔާކޮށްފައި ކަމަށާއި، ކުރިއަށް އޮތް ތަނުގައި ރާއްޖެއަށް ކަނޑައަޅާ ޓެސްޓްކިޓްގެ ޢަދަދު އިތުރުވެގެންދާނެކަމަށް އެޖަމިއްޔާއާއި ހަވާލާދީ ހެލްތު މިނިސްޓްރީއިން ހާމަކުރަށްވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!