ހދ. ނޮޅިވަރަންފަރު ސްކޫލްގެ 51 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން، ކޯވިޑް-19 އާއި ގުޅިގެން އެރަށުގެ ފްރޮންޓް ލައިންގައި އިސްކޮށް މަސައްކަތް ކުރާ މުއައްސަސާތަކަށް އެހީތެރިކަންދީ، އެފަރާތްތަކުން ކުރަމުންދާ މަސައްކަތުގައި އެކުގައި ތިބިކަން ދައްކުވައި ދީފިއެވެ.

މިގޮތުން ނޮޅިވަރަންފަރު ސްކޫލުން ވަނީ ކޯވިޑް-19 އާއި ގުޅިގެން އެރަށުގައި އިސްކޮށް މަސައްކަތްކުރާ 3 މުއައްސަސާއަކަށް، ނޮޅިވަރަންފަރު ސްކޫލަށް މިއަހަރު ފުރޭ 51 އަހަރާއި ގުޅުވައިގެން 51 ފޭސް ޝީލްޑް ހަދައި، ހަދިޔާކޮށްފައިއެވެ.

Ad
rt

ނޮޅިވަރަންފަރު ސްކޫލުން 51 ފޭސް ޝީލްޑް ހަދިޔާ ކޮށްފައި ވަނީ އެރަށުގެ ކައުންސިލްގެ ސޯޝަލް ސަޕޯޓް ޑެސްކަށާއި، ސިއްހީ މަރުކަޒަށާއި އަދި ނޮޅިވަރަންފަރު ޕޮލިސްޓޭޝަނަށެވެ.

މިކަމާއި ގުޅިގެން ނޮޅިވަރަންފަރު ސްކޫލްގެ ޕްރިންސިޕަލް ޢަލީ އަޙްމަދު "ތިލަދުން" އަށް ވިދާޅުވީ، ނޮޅިވަރަންފަރު ސްކޫލުން އެ ސްކޫލްގެ 51 ވަނަ އަހަރީ ދުވަހާއި ގުޅިގެން އެރަށުގައި ކޯވިޑް-19 ގެ މަސައްކަތްތަކުގައި އިސްކޮށް މަސައްކަތް ކުރަށްވާ މުއައްސަސާތަކަށް މި އެހީތެރިކަން ދިނުމުގެ އެންމެ ބޮޑު ބޭނުމަކީ، އެ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގައި އެއްބާރުލުންދިނުން ކަމަށެވެ.

" މިހާލަތުގައި އެފަރާތްތަކުން އެ ކޮށްދެއްވަނީ ވަރަށް ބުރަ، އަގު ބޮޑު މަސައްކަތްތަކެއް، ނޮޅިވަރަންފަރު ސްކޫލުން އެފަރާތްތަކަށް ހިތްވަރުދީ، އެކޮށްދޭ މަސައްކަތްތަކަށް ޝުކުރު ދަންނަވަން" ޢަލީ އަޙުމަދު ވިދާޅުވިއެވެ.

ޢަލީ އަޙްމަދު ވިދާޅުވީ މީގެ ކުރީންވެސް އެރަށުގެ ސޯޝަލް ސަޕޯޓް ޑެސްކަށް އެ ސްކޫލުން 233 ފޭސް މާސްކު ހަދިޔާ ކޮށްފައިވާނޭ ކަމަށެވެ.

މިތަކެތި ހަދައި، ހަދިޔާ ކުރުމުގައި ނޮޅިވަރަންފަރު ސްކޫލްގެ މުވައްޒަފުން ދެއްވި އެއްބާރުލުމަށާއި، ކޮށްދެއްވި މަސައްކަތް ފާހަގަކޮށް ޕްރިންސިޕަލް ވަނީ އެ ސްކޫލްގެ މުވައްޒަފުންނަށް ޝުކުރު ޢަދާކުރަށްވާފައިއެވެ.

1969 ވަނަ އަހަރުގެ ނޮޅިވަރަންފަރުގައި ގާއިމުކުރެވުނު މިސްކޫލްގެ 51 ވަނަ އަހަރީ ދުވަހަކީ މި ހިނގާ މެއި މަހުގެ 19 ވަނަ ދުވަހެވެ.