ހދ. ކުޅުދުއްފުށި ސިޓީގެ ލޮކްޑައުންގެ މުއްދަތު އަނެއްކާވެސް 10 ދުވަސް އިތުރުކޮށްފި އެވެ. ކުޅުދުއްފުށީގެ ލޮކްޑައުންގެ މުއްދަތު ހަމަވާނީ މި މަހުގެ 23 އެވެ.
ކުޅުދުއްފުށީގައި އެންމެ ފުރަތަމަ ލޮކްޑައުން އިޢުލާންކުރީ މިދިޔަ މަހުގެ 21 ވަނަ ދުވަހެވެ. ލޮކްޑައުން ލުއިކުރުމަށް ފަހު، ހެނދުނު 6:00 އިން މެންދުރު 3:30 އާ ހަމައަށް ޒަރޫރީ ބޭނުންތަކަށް ގެއިން ބޭރަށް ނުކުމެއުޅެވޭނެ ގޮތް ހަމަޖެއްސީ މި މަހުގެ ފުރަތަމަ ދުވަހު އެވެ.
ކާފިއުގެ ވަގުތު، ކައުންސިލްގެ ހުއްދައާ ނުލައި ގެއިން ބޭރަށް ނުކުންނަ ނަމަ އެ މީހަކު ޖޫރިމަނާ ކުރުމުގެ ބާރު ކުޅުދުއްފުށީ ކައުންސިލަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދީފައިވެ އެވެ. ޖޫރިމަނާ ކުރާނީ 500-5،000ރ. އާ ދެމެދުގެ އަދަދަކުންނެވެ.
މާލެ ސަރަހައްދުގެ ލޮކްޑައުން ވެސް މި މަހުގެ 28 އާ ހަމައަށް އެޗްޕީއޭ އިން ވަނީ އިއްޔެ އިތުރުކޮށްފަ އެވެ. މާލެ، ވިލިމާލެ އަދި ހުޅުމާލެ އެންމެ ފުރަތަމަ ލޮކްޑައުން ކުރީ މިދިޔަ މަހުގެ 15 ވަނަ ދުވަހެވެ. އެއީ ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކު ފުރަތަމަ ފަހަރަށް މާލެއިން ފެނުމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!