ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރި ކަމުގެ ބޭނުން ކުރުމަށް ހއ. އުތީމު ރަށްޔިތުންނަށް ބޭނުން ވެފައިވާ ފޭސް މާސްކު، ޒުވާން ވިޔަފާރިވެރިޔާ، ހަސަން މަމްދޫހު (މަންޑޭ) ގެ ފަރާތުން އެ ރަށަށް ހަދިޔާ ކޮށްފިއެވެ.

މިގޮތުން ކޭޕާކް ރެސިޑެންސް އާއި ހަމްބޯ ކުންފުނީގެ ވެރިޔާ، މަންޑޭގެ ފަރާތުން އުތީމަށް ވަނީ 1000 ފޭސް މާސްކު ހަދިޔާ ކޮށްފައެވެ.

Ad
rt

އެކަމާއި ގުޅިގެން އުތީމު ކައުންސިލުން ބުނީ ކޯވިޑް-19 އާއި ގުޅިގެން އުތީމުގެ ރައްޔިތުންނަށް ލިބުން ދަތިވެފައިވާ ފޭސް މާސްކު ހޯދުމަށް ކުރެވުނު މަސައްކަތުން، ކޭ ޕާކުގެ ވެރިޔާ މަމްދޫހު މިވަގުތު އެރަށަށް ބޭނުންވާ މިންވަރު ކަމުގައިވާ އެއްހާސް މާސްކު ހަދިޔާ ކުރަށްވާފައި ވާކަމަށެވެ.

އެހެން ކަމުން އުތީމު ރަށްޔިތުންގެ ފަރާތުން ކޭޕާކުގެ ވެރިޔާ، ހަސަން މަމްދޫހަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.

މަންޑޭ ވަނީ މެއި މަހުގެ 12 ވަނަ ދުވަހު އައިޖީއެމްއެޗަށާއި އެމްޑީއެފަށް އެއިން ކޮންމެ ފަރާތަކަށް 100 ފުޅި ސެނެޓައިޒާ އާއި 1000 މާސްކާއި 100 ސެޓް ހެދުން ހަދިޔާ ކޮށްފައެވެ.

އޭގެ އިތުރުން މަންޑޭ ވަނީ ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) 2000 މާސްކާއި 100 ފުޅި ސެނެޓައިޒާއާއި، އައްޑޫ ސިޓީއަށް 1500 މާސްކާއި 96 ފުޅި ސެނެޓައިޒާ އަދި ގއ. އަތޮޅަށް 500 މާސްކާއި 96 ފުޅި ސެނެޓައިޒާ ވަނީ ހަދިޔާ ކުރަށްވާފައެވެ.

ހއ. އުތީމަކީ މީގެ ކުރިން އެޗްޕީއޭއިން މޮނިޓަރިންގ ހާލަތަށް ގެނައުމަށްފަހު އެ ހާލަތުން ނަގާފައިވާ ރަށެކެވެ. ނަމަވެސް އެޗްޕީއޭއިން ކައުންސިލްތަކަށް ދީފައިވާ ބާރުގެ ދަށުން އުތީމު ކައުންސިލުން ވަނީ އުތީމުގައި ރައްކާތެރި ކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ.