ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ރޯދަ ވިއްލުމެއްދިނުމުގެ ފުރުސަތު އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ހުޅުވާލައިފިއެވެ.
އިފްތާރު ޕެކޭޖް ހަދިޔާކުރުމާއި ބެހޭގޮތުން މަޢުލޫމާތުދެއްވަމުން އައިއޭސީގެ އިންޓަނޭޝަނަލް ރިލޭޝަން ހެޑް މުހައްމަދު އަލީ ވިދާޅުވީ، ދުނިޔެއަށް ކުރިމަތިވެފައިވާ ޕެންޑެމިކް ހާލަތާއި ގުޅިގެން ވަރަށް އުނދަގޫ ހާލަތެއްގައި ގިނަ ބަޔަކު ދިރިއުޅެމުންދާއިރު، މީގެކުރިން އެތައް އަހަރެއް ވަންދެން ހަމަނުޖެހުމާއި ފަޤީރު ހާލަތުގައި ދިރިއުޅެމުންދިޔަ ފަރާތްތަކުން މިއަދު އުޅެމުންދަނީ މާދަތި ހާލަތެއްގައި ކަމަށެވެ. މީގެއިތުރުން، އެހެން އަހަރުތަކޭ އެއްގޮތައް ރަމަޟާން މަހާއި ދިމާކޮށް ކުރިޔަށް ގެންދާ ލޮތްބާއެކު ކެމްޕޭނު މި އަހަރު އަމާޒުކޮށްފައިވަނީ ދުނިޔަށް ކުރިމަތިވެފައިވާ ޕެންޑެމިކް ހާލަތާއި ގުޅިގެން ކަމަށްވުމާއިއެކު، މިއަހަރުގެ ކެމްޕޭން ކުރިޔަށް ގެންދަނީ ލޮތްބާއެކު 2020 ޕެންޑެމިކް ރިލީފްގެ ނަމުގައިކަން މުހައްމަދު އަލީ ހާމަކުރެއްވިއެވެ. އައިއޭސީގެ އިންޓަނޭޝަނަލް ރިލޭޝަން ހެޑް ވިދާޅުވިގޮތުގައި އިފްތާރު ޕެކޭޖް ހަދިޔާ ކުރުމުގެ ބަޔަކީ ލޮތްބާއެކު 2020 ޕެންޑެމިކް ރިލީފް ކެމްޕޭނުގެ ތެރޭގައި ހިމެނޭ ބައެކެވެ.

އައިއޭސީއިން މަޢުލޫމާތުދޭގޮތުގައި ދިވެހި ރައްޔިތުންގެ ތެރެއިން ކޮންމެ ފަރާތަކަށްވެސް އައިއޭސީއިން އެހީވުމަށް ކަނޑައަޅާފައިވާ 6 ޤައުމުގެ ތެރެއިން ކޮންމެވެސް އެއް ޤައުމެއްގެ އެންމެ މަދުވެގެން 50 ފަރާތެއްގެ އެއް ދުވަހުގެ ރޯދަ ވިއްލުމެއް ހަދިޔާ ކުރުމުގެ ފުރުސަތު އެބައޮތެވެ. އައިއޭސީއިން ރޯދަ ވިއްލުމުގެ ޕެކޭޖްތައް ތައްޔާރު ކުރަނީ އެހީ ވުމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުގެ ތެރެއިން އެއް ސަރަހައްދަކަށް 100 މީހުންނަށް ވާވަރަށް އިފްތާރު ޕެކޭޖް ހަމަވުމުންނެވެ. މީގެއިތުރުން، ރޯދަ ވިއްލުން ހަދިޔާކުރުމުގެ ޑޮނޭޝަން ނަގަނީ މަދުވެގެން 50 ފަރާތެއްގެ ރޯދަ ވިއްލުންހަދިޔާކުރަން ބޭނުންވާ ފަރާތްތަކުގެ ފަރާތުންކަން އައިއޭސީއިން ހާމަކުރެއެވެ.

މުހައްމަދު އަލީ ވިދާޅުވީ އިފްތާރު ޕެކޭޖް ހަދިޔާކުރުމުން ފަގީރު ހާލުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ވަރަށް ބޮޑު ހަދިޔާއަކަށް ވެގެން ދާނެއެވެ. މީގެއިތުރުން އެ ފަރާތްތަކަށް ދުނިޔޭގެ ކޮންމެވެސް ބަޔަކު އެ ފަރާތްތަކާއި މެދު ވިސްނަމުންދާކަން އިޚްސާސްވާނެ ކަން މުހައްމަދު އަލީ ހާމަކުރެއްވިއެވެ. އައިއޭސީއިން އިފްތާރު ޕެކޭޖް ހަދިޔާ ކުރުމުގެ ޕްރޮގްރާމް ކުރިޔަށް ގެންދަނީ މި ރަމަޟާން މަހު ފަޤީރުންނަށްއެހީވުމުގައި ގިނަ ބަޔަކު ޝާމިލްކުރުމުގެ ބޭނުމުގައެވެ. ދުނިޔޭގެ ހާލުގައި ޖެހިފައިވާ ޤައުމުތަކުގެ މީހުންނައް އިފްތާރު ޕެކޭޖު ހަދިޔާ ކުރުމަށް އައިއޭސީއިން އިންޓަނޭޝަނަލް ރިލޭޝަން ހެޑް މުހައްމަދު އަލީ ވަނީ ދިވެހި ރައްޔިތުންނަށް ގޮވާލައްވާފައެވެ.
އިފްތާރު ޕެކޭޖް ހަދިޔާ ކުރުމަށް ބޭނުންވާ ފަރާތްތަކުން އައިއޭސީގެ ހޮޓްލައިން ނަންބަރު 9122121 އަށް ގުޅުއްވައިގެން، އިފްތާރު ޕެކްތަކުގެ އަގާއި އަދި ހަދިޔާ ކުރެވޭނެ ޤައުމު ތަކުގެ މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.
މީގެއިތުރުން، މި ކެމްޕޭނަށް ހަދިޔާ ކުރުމަށް ބޭނުންވާ ފަރާތްތަކަށް އައިއޭސީގެ އެކައުންޓް ނަންބަރު 7770000026259 މެދުވެރިކޮށް މި ކެމްޕޭނަށް ޑޮނޭޓް ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
މިހާތަނަށް އިންޓަނޭޝަނަލް އެއިޑް ކެމްޕޭނުގެ ފަރާތުން ވަނީ ތުރުކީގެ ބޯޑަރު ސަރަހައްދުގައި ދިރިއުޅޭ ސީރިއާގެ ރެފިއުޖީންނަށް 500 އިފްތާރު ޕެކޭޖް ހަދިޔާކޮށްފައެވެ. މި 500 އިފްތާރު ޕެކޭޖަކީ ދިވެހިންތަކެއްގެ ހެޔޮއެދުމާއިއެކު ހަދިޔާކޮށްފައިވާ ޕެކޭޖްތަކެކެވެ.
އައިއޭސީއިން ކުރިޔަށްގެންދާ ލޮތްބާއިއެކު 2020 ޕެންޑެމިކް ރިލީފް ކެމްޕޭނަށް ގިނަ ބަޔެއްގެ ތަރުޙީބު ލިބިފައިވާއިރު، މި ކެމްޕޭނުގެ ތެރެއިން ޖުމުލަ 60 ޑޮލަރަަށް 6 މީހުންގެ އާއިލާއަކަށް އެއް މަސް ދުވަހުގެ ކާބޯތަކެތީގެ އިތުރުން އެއް މަހުގެ ހައިޖީން ޕެކެއް ދެވޭނެ އިންތިޒާމް ހަމަޖައްސާފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!