ހއ. އުލިގަމުން ކޮވިޑް19 އަށް ފުރަތަމަ ޕޮޒިޓިވްވި މީހާ ބަލިން ރަނގަޅުވެއްޖެ ކަމަށް ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ސަލީމް މިއަދު ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ އުލިގަމުން ކޮވިޑް-19 އަށް ފުރަތަމަ ޕޮޒިޓިވްވި ފާރާތް ބަލި ރަނގަޅު ވެފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި ރާއްޖެ މި ބަލިމަޑުކަމުން ސަލާމަތް ކުރައްވާ އުފާވެރި ދުވަސްތަކެއް ދިވެހިންނާ ބައްދަލު ކުރާނެ ކަމުގެ އުންމީދު ކުރައްވާ ކަމަށްވެސް ސަލީމް ވިދާޅުވެއެވެ.

Ad
rt

އިތުރު މީހަކު ބަލިން ރަނގޅުވެފައިވާ ކަމަށް ސަލީމް ބުނެފައިވާއިރު ހެލްތް ޕްރޮޓެކްޝަން އެޖްނެސީ (އެޗްޕީއޭ) އިން އަދި އިތުރު މީހަކު ރަނގަޅުވެފައިވާ ކަމެއް އަދި އިއުލާނެއް ނުކުރެއެވެ.

އުލިގަމުން ފުރަތަމަ ކޭސްއެއް ފެނި ޓެސްޓްކުރި މީހާ ކޮވިޑް19 އަށް ޕޮޒިޓިވް ވިކަން ސަރުކާރުން އިއުލާން ކޮށްފައި ވަނީ މިދިޔަ އޭޕްރީމް މަހުގެ 19 ވަނަ ދުވަހެވެ. މިއީ މާލެ ފިޔަވާ މީހުން ދިރިއުޅޭ ރަށަކުން ކޮވިޑަށް ޕޮޒިޓިވް ވި ފުރަތަމަ ކޭސް އެވެ. އެއީ ކާވިޔާ ބޯޓުން އެރަށަށް ދަތުރު ކުރި މީހެކެވެ.

ރާއްޖޭގައި ޕޮޒިޓިވް ވި މީހުންގެ ޖުމްލަ އަދަދު ވަނީ 897 އަށް އަރާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 302 ދިވެހިންނާއި 595 ބިދޭސީންނެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން ތިން މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އަދި މީގެ އިތުރުން މި ބަލި ޖެހުނު މީހުންގެ ތެރެއިން 31 މީހަކު މިހާރު ރަނގަޅުވެފައި ވާ ކަމަށް ސަރުކާރުން ވަނީ އިއުލާން ކޮށްފައެވެ.