ކޯވިޑް-19 ގެ ސަބަބުން މާލެ ފުރަބަންދު ކުރުމުން މާލޭގައި ތާށިވެފައި ތިބި އަތޮޅުތަކުގެ މީހުނަށް މާލޭގައި ތިބޭ މުއްދަތުގައި އެ މީހުންގެ އަތުން ދާ ހަރަދުތައް ސަރުކާރުން ދިނުމަށް ނައިފަރު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި އިސްލާޙު މިއަދު މަޖިލިސްއިން ފެއިލް ކޮށްލައިފިއެވެ.

ޝިޔާމްގެ އެ އިސްލާހް ހުށަހަޅުއްވާފައި ވަނީ ކޯވިޑް-19 އާއި ގުޅިގެން އަޅާ ފިޔަވަޅުތަކުގެ ސަބަބުން ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގުރާމް ތަންފީޒުކުރުމަށް މަޖިލީހުން ދެކޭގޮތް ކަނޑައެޅުމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި މައްސަލައާގުޅިގެން ހިއުމަންރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއިން އެ މަސައްކަތް ދިރާސާކޮށް ނިންމި ގޮތުގެ ކޮމިޓީ ރިޕޯރޓަށެވެ.

Ad
rt

މި ރިޕޯޓަށް ޝިޔާމް ދެ ހުށަހެޅުމެއް ހުށަހެޅުއްވިއެވެ. ފުރަތަމަ ހުށަހެޅުމަކީ ފްރޮންޓްލައިންގައި މަސައްކަތް ކުރާ ފަރާތްކަަށް ކޯވިޑް ރިސްކް އެލަވަންސްގެ ނަމުގައި ހާއްސަ އެލަވަންސެއް ކަނޑައެޅުމަށެވެ. ދެވަނަ ހުށަހެޅުމަކީ މިހާލަތުގައި ވަޒީފާގެއްލި މާލޭއައިސް ދިރިއުޅޭ ރަށަށް ނުދެވި ތިބި މީހުނަށް މާލޭގައި ތިބޭ މުއްދަތުގައި އެ މީހުންގެ އަތުން ދާ ހަރަދުތައް ސަރުކާރުން ހަމަޖައްސައި ދިނުމަށެވެ.

އެ ދެ އިސްލާހު ވެސް ފެންނަ ކަމަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ. އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް 40 މެންބަރަކު ވޯޓު ދެއްވި އެވެ. އެހެންކަމުން އެއިން އެއްވެސް އިސްލާހެއް ފާހެއް ނުވެ އެވެ.

މާލެއައިސް ރަށަށް ނުދެވިފައި ތިބި އަތޮޅުތަކުގެ ރައްޔިތުންނަށް އެހީތެރިވުމަށްޓަކައި، ސަރުކާރުން ހުޅުމާލެއިން 500 ކޮޓަރި ހަމަޖެއްސުމުގެ މަސައްކަތް ކުރަށްވަމުން ގެންދަވާ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު ރޭ ވަނީ ވިދާޅުވެފައެވެ.