މާތް ﷲ ގެ ޙަޟްރަތުގައި ހަމައެކަނި ދީނަކީ އިސްލާމްދީނެވެ. އެހެންކަމުން މުޙައްމަދު ޞައްލަﷲ އަލައިހި ވަސަލަމަ ރަސޫލުކަމާގެން ފޮނުއްވުމާއެކު އެހެން ހުރިހާ ދީންތައްވަނީ މަންސޫޙު ކުރައްވައިފައެވެ. އިސްލާމުންނަކީ މީގެ ކުރިން ފޮނުއްވުނު ރަސޫލުންނާއި އެބޭކަލުންނަށް ބާވައިލެއްވި ފޮތްތަކަށް އިމާންވާ ބައެކެވެ.
ކީރިތި ރަސޫލާއަށް ބާވާލެއްވި ޝަރިޢަތް ކަމުގައިވާ ކީރިތި ޤުރްއާނުގައި އެހެން ހުރިހާ ޝަރިޢަތްތަކެއްގެ ތަޢުލީލު އައިސްފައި ވެއެވެ. އެހެންކަމުން ކީރިތި ޤުރްއާނަށް އީމާންވުމުން އެހެން ހުރިހާ ސަމާވީ ފޮތް ތަކަކަށް އީމާންވެވޭނެއެވެ. ޤުރްއާން ނައްސު ކުރެއްވުމާއެކު މަންސޫހު ވެގެން ދިޔަ ދީންތަކުގެ އަޚްލުވެރިންނާއި އެހެނިހެން މުސްތަޝްރިޤުން ޤުރްއާނާމެދު ތަފާތު ޝައްކުތައް އުފައްދަމުން ދިޔައެވެ. އެގޮތުން އެބައިމީހުން ބުނަމުން އައި އެއްވާހަކައަކީ ކީރިތި ޤުރްއާނަކީ ރަސޫލާ ޢަމިއްލަ ފުޅަށް ގެންނެވި އެއްޗެކެވެ. މިޢީ އެއްވެސް އަސާސެއް ނެތް ވާހަކައެއްކަން ހާމަވާ އެތައްކަމެއް ރަސޫލާގެ ޙަޔާތްޕުޅަށް ނަޒަރު ހިންގާލުމުން ފެނިގެންދެއެވެ.
ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަކީ ލިޔެންކިޔަން ދެނެ ވަޑައިގަންނަވާ ބޭކަލެއް ނޫކަން އިސްލާމީ ތާރީޚު ހެކި ދެއެވެ. އެގޮތުން އެކަލޭގެފާނަށް އެންމެ ފުރަތަމަ ވަޙީ ބާއްވާލެއްވުނު ދުވަހު ހިނގައި ދިޔަ ހާދިސާއިންވެސް މިކަން ދޭހަވެގެން ދެއެވެ. ސަލާމް ލެއްވި ޖިބުރީލުލް އަމީން ވަހީ އައިގެން ވަޑައިގެން 3 ފަހަރަށް ކިޔަވާ ވިދާޅުވުމަށް އެންގެވުމުންވެސް އެކަލޭގެފާނަކީ ކިޔަން ދެނެވަޑައިގަންނަވާ ބޭކަލެއް ނޫންކަމަށެވެ.
އިންސާނުން، އާއްމު ގޮތެއްގައި ބަސްމޮށި އުޅޭ ގޮތަށް ބަލައި އިރު، އަމިއްލައަށް ގެންނަ ނުވަތަ ލިޔާ އެއްޗެއްގައި ލިޔުނު މިހާއަށް ރައްދުކޮށް "ކަލޭގެފާނު ވިދާޅުވާށޭ" މިހެން ގެނައުމަކީ ލިޔުންތެރިކަމުގެ އަދަބިއްޔަތާއި ޚިލާފުކަމެއްކަން ޔަޤީނެވެ. އެހެންނަމަވެސް ބަހުގެ އަދަބިއްޔާތަށް ބަލާއިރުވެސް ހާއްޞަ މަޤާމެއް ދެވިފައިވާ ކީރިތި ޤުރްއާނުގެ އެތައް އާޔަތެއްގައި (قُلْ) "ކަލޭގެފާނުން ވިދާޅުވާށެވެ" މިގޮތަށް އައިސްފައި ވެއެވެ. އެފަދަ ބައެއް އާޔަތްތަކަށް މިތަނުގައި ބަލައިލާނަމެވެ. قُلْ مَن كَانَ عَدُوًّا لِّجِبْرِيلَ فَإِنَّهُ نَزَّلَهُ عَلَىٰ قَلْبِكَ بِإِذْنِ اللَّـهِ مُصَدِّقًا لِّمَا بَيْنَ يَدَيْهِ وَهُدًى وَبُشْرَىٰ لِلْمُؤْمِنِينَ ﴿البقرة: ٩٧﴾ މާނައީ :"ކަލޭގެފާނު ވިދާޅުވާށެވެ! جبريل ގެފާނަށް عداوة ތެރިޔަކު ކަމުގައިވާ މީހަކީ، (اللَّهއަށް عداوة ތެރިޔަކު ކަމުގައިވާ މީހެކެވެ.) އެހެނީ އެކަލޭގެފާނުން، ކަލޭގެފާނުގެ ހިތްޕުޅުގެ މައްޗަށް އެ قرآن ގެނެސްދެއްވީ، اللَّه ގެ إذنފުޅަށެވެ. އޭގެ ކުރިން ބާވައިލެއްވި ފޮތްތައް ތެދުކުރާ حال ގައެވެ. مؤمنތަކުންނަށް ތެދުމަގެއް ކަމުގައްޔާއި، އުފާވެރި خبر އެއް ކަމުގައެވެ." މިއާޔަތުގެ އޮޅުމެއް ނެތި އެނގެނީ ކީރިތި ޤުރްއާނަކީ ޖީބުރީލުގެފާނު މާތް ﷲގެ އަމުރުފުޅަށް ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ބާވާލެއްވި އެކަލާނގެ ވަހީ ބަސްފުޅުކަމެވެ. މިއީ އެކަލޭގެފާނުގެ އަމިއްލަފުޅަށް ގެންނެވި އެއްޗެއްނަމަ މިފޮތް އެކަލޭގެފާނަށް ނިސްބަތް ކުރެއްވައި، "ކަލޭގެފާނު ވިދާޅުވާށޭ" މިއިބާރާތް ތަކުރާރުކޮށް ނުގެނައީހެވެ.
ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައި ވެއެވެ. تركت فيكم أمرين لم تضلوا ما تمسكم بهما كتاب الله وسنتي "ތިމަންކަލޭގެފާނުތިޔަބައިމީހުންގެ ތެރެއަށް ދެ އެއްޗެއް ދޫކުރައްވައިފީމެވެ. އޭގައި ތިޔަބައިމީހުން ހިފަހައްޓައިގެން ތިބިހައި ހިނދަކު ތިޔަބައިމީހުން ހަމަ ހިލާމަގުފުރެދިގެން ނުދާ ހުއްޓެވެ. އެއީ މާތްﷲގެ ފޮތާއި ތިމަން ކަލޭގެފާނުގެ ގޮތެވެ." އިސްވެބަޔާން ކުރެވުނު ޙަދީޘްގައި މާތްﷲގެ ފޮތާއި ތިމަންކަލޭގެފާނުގެ ގޮތޭ އައިސްފައި އޮތުން ދަލީލުކުރަނީ ކީރިތި ޤުރްއާން އެކަލޭގެފާނަށް ނިޞްބަތް ނުކުރައްވާކަމާއި އަދި ކީރިތި ޤުރްއާނަކީ ﷲގެ ފޮތްކަމެވެ.
އަދި އެހެން އާޔަތެއްގައި ވެއެވެ. قُلْ إِنِّي أُمِرْتُ أَنْ أَكُونَ أَوَّلَ مَنْ أَسْلَمَ وَلَا تَكُونَنَّ مِنَ الْمُشْرِكِينَ ﴿الأنعام: ١٤﴾ މާނައީ "ކަލޭގެފާނު ވިދާޅުވާށެވެ! إسلام ވީ އެންމެ ފުރަތަމަ މީހާ ކަމުގައިވުމަށް ހަމަކަށަވަރުން، ތިމަންކަލޭގެފާނަށް އަމުރު ކުރައްވާފައިވެއެވެ. އަދި ހަމަކަށަވަރުން، شريك ކުރާ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ! މިއާޔަތުން އޮޅުމެންނެތި އެނގެނީ އެންމެ ފުރަތަމަ އިސްލާމްވާ މީހަކު ކަމުގައި ވުމަށް ﷲ ކީރިތި މާތް ނަބިއްޔާއަށް އަމުރުކުރެއްވިކަމެވެ. އަދި ހަމައެހެންމެ މިގޮތަށް އިބާރާތް އައިސްފައިއޮތުމުން ވެސް ކީރިތި ޤުރްއާނަކީ ރަސޫލާ އަމިއްލަފުޅަށް ގެންނެވި އެއްޗެއް ނޫންކަމާއި ﷲ ބާވައިލެއްވި ފޮތެއްކަން ދަލީލުކޮށްދެއެވެ.
އެމީހަކީ މޮޅު މީހެއްކަން މީހުންނަށް ދައްކަން އުޅޭ މީހަކު ގެންނަ ފޮތެއްގައި އެމީހަކުގެ ކިބައިން ފާހަގަ ކުރެވޭ އުނި ކަންތައްތައް ބަޔާންކޮށް އެއީ ގޯހެއްކަމެއް ލިޔަފެއެއް ނުހުންނާނެވެ. އެހެންނަމަވެސް ކީރިތި ޤުރްއާނުގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބައެއް ޢަމަލުފުޅުތަކާއި ގުޅިގެން ބައެއް އާޔަތްތައް ބާވައިލައްވާފައި ވެއެވެ. އެފަދަ ބަސްފުޅުތަކުން ދަލިލުކުރަނީ ކީރިތި ޤުރްއާނަކީ ﷲ ގެ ވަޙީ ބަސްފުޅުކަމާއި ރަސޫލާގެ ތެދުވެރިކަމެވެ.
މިފަދަ އެއްމިސާލަކީ، އެއްދުވަހަކު ރަސޫލުﷲގެފާނު ޤުރައިޝު ވަންހައިގެ މާތް ބޮޑުންގެ މަޖުލީހެއްގައި އިންނެވިއެވެ. އަދި އެކަލޭގެފާނު އެކުވެރިކަމާއެކު އެމީހުންނާ ވާހަކަފުޅު ދައްކުވާ އެކަލޭގެފާނު އެމީހުންނަށް ޤުރްއާން ހުށައަޅުއްވާ އުޅުއްވިއެވެ. އެބައިމީހުންގެ ފުށުން، އެކަލޭގެފާނު ދައްކަވާ ދީނުގެ ވާހަކަފުޅު ކަނުލައި އަހައިގެން ތިބުމެއް ފެނިވަޑައިގެން އެމީހުން އީމާންވެދާނެކަމުގެ އެދުންފުޅުގައި އިންނެވިއެވެ.
މިހެން އިންނަވަނިކޮށް ކީރިތި ރަސޫލާގެ ޞަހާބީންގެ ތެރެއިން ބޭކަލެއްކަމުގައިވާ ޢަބްދުﷲ ބުން އުއްމު މަކްތޫމް މިތަނަށް ވަޑައިގެން ރަސޫލާގެ އަރިހުން ބައެއްކަންތައްތައް އޮޅުންފިލުވައި ޢިލްމު އުނގަންނަވާ ދެއްވުމަށް އެދިވަޑައިގަތެވެ. އެކަލޭގެފާނަކީ ލޯފަން ފަޤީރު މިސްކީނު މީހެކެވެ. އެފަދަ ދެރަމީހަކަށް މިފަދަ މޮޅުމީހުން ތިއްބައި ޖަވާބުދީ ވާހަކަ ދައްކަން ފަށައިފިނަމަ އެމީހުން ރަސޫލާއަށް ނުރުހި ފޫހިކަމެއް އަތުވެދާނެކަމަށް ރަސޫލާއަށް ހީފުޅު ކުރެއްވިއެވެ.
އެހެންކަމުން އެކަލޭގެފާނު ޖަވާބެއް ނުދައްވާ އިންނެވީއެވެ. އެކަލޭގެފާނުގެ ފަރާތުން ޖަވާބެއް ނުލިބުމުން ޢަބްދުﷲ ބުން އުއްމު މަކްތޫމް އެނބުރި ވަޑައިގެންނެވީއެވެ. ހަމައެހެންމެ ޤުރައިޝުންގެ ބޮޑުންވެސް އީމާންނުވެ އެނބުރި ދިޔައީއެވެ. މިކަމާމެދު ﷲ ތަބާރަކަ ވަތަޢަލާ ރުހިވޮޑިގެން ނުވިކަމުގެ ބަސްފުޅުތައް ޢަބަސަ ސޫރަތުގައި ﷲ ބާވާލެއްވިއެވެ. " عَبَسَ وَتَوَلَّىٰ ﴿١﴾ أَن جَاءَهُ الْأَعْمَىٰ ﴿٢﴾ وَمَا يُدْرِيكَ لَعَلَّهُ يَزَّكَّىٰ ﴿٣﴾ أَوْ يَذَّكَّرُ فَتَنفَعَهُ الذِّكْرَىٰ ﴿٤﴾ أَمَّا مَنِ اسْتَغْنَىٰ ﴿٥﴾ فَأَنتَ لَهُ تَصَدَّىٰ ﴿٦﴾ وَمَا عَلَيْكَ أَلَّا يَزَّكَّىٰ ﴿٧﴾ وَأَمَّا مَن جَاءَكَ يَسْعَىٰ ﴿٨﴾ وَهُوَ يَخْشَىٰ ﴿٩﴾ فَأَنتَ عَنْهُ تَلَهَّىٰ ﴿١٠﴾" މާނައީ " އެކަލޭގެފާނު (އެބަހީ: محمد ގެފާނު) ހިތްޕުޅާނުވުމުގެ ގޮތް މޫނުފުޅުން ދައްކަވައި (އަނެއްފަރާތަށް) އެނބުރިވަޑައިގަތެވެ. (1) ލޯޯފަންމީހާ އެކަލޭގެފާނުގެ އަރިހަށް އައުމުންނެވެ. (2) އަދި އޭނާ ކުށްތަކުން ސާފުވެ، طاهر ވެދާނެކަން، ނުވަތަ އޭނާ ހަނދުމަކޮށް، ދެން އެ ހަނދުމަކުޅައުން އޭނާޔަށް މަންފާކޮށްފާނެކަން ކަލޭގެފާނަށް އަންގައިދެނީ ކޮންއެއްޗެއްތޯއެވެ؟(3) އަދި އޭނާ ކުށްތަކުން ސާފުވެ، طاهر ވެދާނެކަން، ނުވަތަ އޭނާ ހަނދުމަކޮށް، ދެން އެ ހަނދުމަކުޅައުން އޭނާޔަށް މަންފާކޮށްފާނެކަން ކަލޭގެފާނަށް އަންގައިދެނީ ކޮންއެއްޗެއްތޯއެވެ؟ (4) އެމީހާ އަމިއްލަޔަށް ފުދިގެންވާކަމަށް ދެކޭމީހާ ދަންނާށެވެ! (5) ފަހެ، ކަލޭގެފާނު އެމީހަކާ ކުރިމަތިލައްވަމުއެވެ.(6) އެމީހަކު (كافرކަމުން) طاهر ނުވުމަކުން، ކަލޭގެފާނުގެ މައްޗަކަށް ކުށެއް ނެތެވެ. (7) އެމީހަކު (كافر ކަމުން) طاهر ނުވުމަކުން، ކަލޭގެފާނުގެ މައްޗަކަށް ކުށެއް ނެތެވެ.(8) އަދި ބިރުވެތިވާ حال، ކަލޭގެފާނުގެ އަރިހަށް ހިނގަމުންއައިމީހާ ދަންނާށެވެ!(9) ފަހެ، އެމީހާއާ ކަލޭގެފާނު އަޅައިނުލައްވައި مشغول ވެވަޑައިގަންނަވަމުއެވެ.(10) ކީރިތި ޤުރްއާނަކީ ރަސޫލާ އަމިއްލަފުޅަށް ގެންނެވި އެއްޗެއްނަމަ ޢަބަދުމެ ކިޔެވޭނެ ގޮތަށް، އެކަލޭގެފާނަށް މިކުރެއްވުނު ނުރަނގަޅު ކަންތައްކުގެ ވާހަކަ ނުގެނައީސްކަން ޔަޤީނެވެ.
އެހެނަމަވެސް މިވާހަކަތައް ކީރިތި ޤުރްއާނުގައި އައިސްފައިވުމުން ދަލީލު ލިބެނީ އެއީ ﷲގެ ވަހީ ބަސްފުޅުކަމާއި ﷲ ތަބާރަކަ ވަތަޢަލާ، އެކަލޭގެފާނުގެ ކަންތައްތައް އިޞްލާޙު ކުރައްވައި އަދަބުވެރި ކުރައްވާކަމެވެ.
އަނެއް މިސާލަކީ، އެއްދުވަހަކު ޤުރައިޝުންގެ މީހުން، މުޙައްމަދުޞައްލަﷲ ޢަލައިހި ވައްސަލައަކީ ޙަޤީޤަތުގައިވެސް ރަސޫލެއްތޯ ދެނެގަތުމަށްޓަކައި މަދީނާގައި ތިބި ޔަހޫދީންގެ ގާތަށް، ނަޟުރު ބިން ހާރިޘްއާއި އަޤަބަތު ބިން އަބީ މުޢީޠާ ދެމީހުން ފޮނުވިއެވެ. އެކަމުގެ ހަބަރު އެމީހުން އެޔަހޫދީނަށް ދިނުމުން، އެއީ ރަސޫލެއްކަން ދެނެގަތުމަށްޓަކައި، އެޔަހޫދީންގެ ތެރެއިން ދަންނަ މީހުން އެމީހުން ގާތު ބުންޏެވެ. ތިޔަބައި މީހުންގޮސް އެކަލޭގެފާނާ ތިން ކަމަކުން ސުވާލު ކުރާށެވެ. އެތަނުން ދެ ސުވާލަށް ފުރިހަމައަށް ޖަވާބު ދެއްވާ އަނެއް ސުވާލަށް ކުރުކޮށް ޖުމުލަ ބަސްފުޅަކުން ޖަވާބު ދެއްވާފިނަމަ އެއީ ކަށަވަރު ވެގެންވާ ނަބީ ބޭކަލެކެވެ. އެގޮތަށް ޖަވާބު ނުދެއްވުނު ނަމައެއީ ދޮގުވެރިއެކެވެ.
އެސުވާލުތަކުން ކުރެ ފުރަތަމަ ސުވާލަކީ ދީން ހޯދުމަށް ރަށުންނިކުމެގެން ދިޔަ ބަޔަކު އަދި އަދަށްވެސް ޣައިބުވެފައި ވެއެވެ. އެއީ ކޮންބައެއްތޯއެވެ؟ އަދި އެމީހުންނަށް ތިބީ ކީއްވެފައިތޯއެވެ؟ ދެވަނަ ސުވާލަކީ، އިހުޒަމާނުގައި މުޅިދުނިޔޭގައި ހިނގާ މަޝްރިޤުން މަޤުރިބަށް ވެރިކަން ހިންގީ ކާކުތޯއެވެ؟ ތިންވަނަ ސުވާލަކީ ފުރާނައަކީ ކޮންއެޗެއް ތޯއެވެ؟
ދެން އެމީހުން މައްކާއަށް އެނބުރިގޮސް،ޤުރައިޝުވަންހައިގެ ބޮޑުންނާއެކު، ރަސޫލުﷲގެ ފާނުގެ އަރިހަށް ގޮސް އެސުވާލަތަކަށް އެކަލޭގެފާނު، ޖަވާބު ދެއްވާފިނަމަ އެބައިމީހުން އީމާންވާނެކަމަށް ބުންޏެވެ. އެހިނދު ރަސޫލާ ޙަދީޘް ކުރެއްވިކަމަށް ސީރަތުއް ނަބަވިއްޔާގައި އައިސްފައި ވެއެވެ. "އާއެކެވެ. މާދަމާއަންނާށެވެ. ޖަވާބުދެއްވާފައިވާ ހުށީމެވެ." މިބަސްފުޅު ވިދާޅުވިއިރު ﷲ އިރާދަކުރެއްވިއްޔާއޭ މިހެން ވިދާޅުވުމަށް ހަނދުމަފުޅު ނެތުނެވެ. އެދުވަހަކު އެރެއަކު ވަހީއަށް ނާދެއެވެ. ދެން ކީރިތި ރަސޫލާގެ އަރިހައް އަނެއްދުވަހު ޤުރައިޝުންގެ މީހުން ދިޔުމުން "މާދަމައިން އަންނާށޭ އަދި ވަހީއެއް ނާދެއޭ ޙަދީޘް ކުރައްވާފިއެވެ". މިގޮތަށް ތިން ދުވަސް ވަހީ ނައިސް މެދުކެނޑިގެން ދިޔައެވެ. ތިން ދުވަހަށް ފަހު އެކަލޭގެފާނަށް ވަހީ ބާވާލައްވާފިއެވެ. އަދި އެމީހުންގެ ދެ ސުވާލުގެ ޖަވާބު ކަހަފު ސޫރަތުގައި ފުރިހަމައަށް ބާވާލެއްވިއެވެ. އަދި ފުރާނަކީ ކޮބައިކަމާ ގުޅޭގޮތުން ކުރި ސުވާލަށް ބަނީއިސްރާއިލު ސޫރަތުގެ ފަހުކޮޅުގައި ޖަވާބު ބާވައިލައްވާފައި ވެއެވެ. ދަންނަވަން މިއުޅެނީ ކީރިތި ޤުރްއާނަކީ ރަސޫލާގެ އަމިއްލަފުޅަށް ގެންނެވި އެއްޗެއްނަމަ، އެކަލޭގެފާނުގެ ތެދުވެރިކަން ހާމަކުރުމަށް ލަސްކުރުމެއް ނެތި ވަގުތުން އެ ސުވާލުތަކަށް ޖަވާބު ދިނީހެއެވެ.
އަދި މިހާދިޘާގައި އެކަލޭގެފާނު އެމީހުންނާ މުޢަމަލާތް ކުރުމުގައި ﷲ ގެ އިރާދަކުރެއްވިއްޔާ މިހެން ވިދާޅު ނުވެވުމުން ﷲ އެކަމާ ބެހޭގޮތުންވެސް ކަހަފު ސޫރަތުގެ 23 އަދި 24 ވަނަ އާޔަތުގައި ބަސް ވަހީ ކުރައްވާފައި ވެއެވެ. وَلَا تَقُولَنَّ لِشَيْءٍ إِنِّي فَاعِلٌ ذَٰلِكَ غَدًا ﴿٢٣﴾ إِلَّا أَن يَشَاءَ اللَّـهُ ۚމާނައީ " އަދި ކަލޭގެފާނު އެއްވެސްކަމަކާ ދޭތެރޭގައި، ހަމަކަށަވަރުން، ތިމަންކަލޭގެފާނު މާދަމާ އެކަމެއް ކުރައްވާނަމޭ ވިދާޅުނުވާހުށިކަމެވެ! اللَّه އިރާދަކުރެއްވިއްޔާއޭ ވިދާޅުވެފައި މެނުވީއެވެ." މިގޮތަށް އަކަލޭގެފާނަށް ކުރެވޭ ކަންތައްތަކާއި ގުޅިގެން އާޔަތްތައް ބާވައިލެއްވުމުން ދަލިލުކުރަނީ މިއީ ރަސޫލާގެ އަމިއްލަފުޅަށް ގެންނެވި އެއްޗެއް ނޫންކަމެވެ.
އަނެއް މިސާލަކީ ބަދުރު ހަނގުރާމައިގާ ހައްޔަރުވެވުނު އަސީރުންނާ މެދު ކަންކުރާނެ ގޮތަކާމެދު އަޞްހާބުންގެ މެދުގައި މަޝްވާރާކުރެއްވުމަށްފަހު ނިންމީ އެ އަސީރުންގެ ހަށިގަނޑުގެ އަގު (ފިދުޔަ) ދިނުމަށްފަހު އެމީހުން ދޫކޮށްލުމަށެވެ. މިގޮތަށް ނިންމިއިރު ހަނގުރާމައިގައި ހައްޔަރުކުރެވޭ އަސީރުންނާމެދު ކަންކުރާނެގޮތް އަންގަވާފައި ނުވެއެވެ.
އެހެންނަމަވެސް މިގޮތަށް ހަނގުރާމައިގައި ހިފޭ އަސީރުން ހިތްޕެވުން އެއީ ރަނގަޅުނޫގޮތް ނޫކަން އެންގެވުމުގެ ގޮތުން މާތް ﷲ އަލްއަންފާއު ސޫރަތުގެ 67-68 އާޔަތް ބާވައިލެއްވިއެވެ. مَا كَانَ لِنَبِيٍّ أَن يَكُونَ لَهُ أَسْرَىٰ حَتَّىٰ يُثْخِنَ فِي الْأَرْضِ ۚ تُرِيدُونَ عَرَضَ الدُّنْيَا وَاللَّـهُ يُرِيدُ الْآخِرَةَ ۗ وَاللَّـهُ عَزِيزٌ حَكِيمٌ ﴿٦٧﴾ لَّوْلَا كِتَابٌ مِّنَ اللَّـهِ سَبَقَ لَمَسَّكُمْ فِيمَا أَخَذْتُمْ عَذَابٌ عَظِيمٌ ﴿٦٨﴾ މާނައީ "(ހަނގުރާމައިގެ) ބިމުގައި (އަދުއްވުންގެ މެދުގައި) ޤަތުލު ގިނަވެއްޖެއައުމަށް ދާނދެން (އެބަހީ؛ މުސްލިމުން ގަދަވެ ގަތުލުވެވޭ އަދުއްވުންގެ އަދަދު ގިނަވެ، ހަނގުރާމައަށް ނުކުޅަދިއްޖައުމަށް ދާނދެން) ހަނގުރާމައިގައި މީހުން ހިފައި ހައްޔަރު ކުރުމަކީ އެއްވެސް ނަބީއަކަށް އޮތްކަމެއް ނޫނެނެވެ. ދުނިޔޭގެ މުދަލަށް ތިޔަބައިމީހުން އެދެމުއެވެ. ﷲ އިރާދަކުރައްވަނީ އާހިރަތެވެ. ﷲއީ ގަދަފަދަ ވަންތަ ހަކީމުވަންތަ ރަސްކަލާނގެއެވެ. ﷲ ކަނޑައަލޫއްވާފައިވާ ހުކުމެއް އިސްވެގޮސްފައި ނުވާނަމަ، ތިޔަބައި މީހުން ހިފި ތައްކެއްޗާމެދު ތިޔަބައި މީހުންނަށް ބޮޑުވެގެންވާ އަޛާބެއް އައިސްޖައީހެވެ." މިއާޔަތުންވެސް ކީރިތި ޤުރްއާނަކީ ﷲ ގެ ވަހީ ބަސްފުޅުކަމާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަމިއްލަފުޅަށް ގެންނެވި އެއްޗެއް ނޫންކަން ހާމަވެގެންދެއެވެ. އެހެނީ އެއްވެސް މީހަކު އަމިއްލައަށް އެކުލަވާލައިފައިވާ މިފަދަ މާތްފޮތެއްގައި އެމީހަކު އަމިއްލައަށް ކުރެވުނު ގޯސްކަމެއްގެ ވާހަކަ ޒަމާނަށް ކިޔެވޭނެހެން ނުގެނައީހެވެ.
އަނެއް މިސާލަކީ، އުޙުދު ހަނގުރާމައިގެ ދުވަހުގައި ރަސޫލާ ޞައްލަﷲ އަލައިވަސަލަމަށް ވަރަށް ހާނިކަފުޅުވިއެވެ. އަދި އެކަލޭގެފާނުގެ މޫނުފުޅުން ލޭ އޮހޮރިގެން ދިޔައެވެ. އެހިނދު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައި ވާކަމަށް ސީރިތުއް ނަބަވިއްޔާގައި އައިސްފައި ވެއެވެ. " އެބައެއްގެ ނަބިއްޔާގެ މޫނުފުޅުން ލޭ އޮހޮރުވާފި ބަޔަކު ދިނޭނީ ކޮންފަދައަކުން ހެއްޔެވެ؟" އެހިނދު އެކަލޭގެފާނުގެ އެބަސްފުޅާމެދު ﷲ ތަބާރަކަ ވަތަޢަލާ އާލް ޢިމްރާނު ސޫރަތުގެ 128 ވަނަ އާޔަތް ބާވާލެއްވިއެވެ. لَيْسَ لَكَ مِنَ الْأَمْرِ شَيْءٌ أَوْ يَتُوبَ عَلَيْهِمْ أَوْ يُعَذِّبَهُمْ فَإِنَّهُمْ ظَالِمُونَ މާނައީ " (އެއުރެންގެ) ކަންތަކުގެ ތެރެއިން އެއްވެސްކަމެއް، ކަލޭގެފާނަކަށް މިލްކުވެގެނެއް ނުވެއެވެ. (އެކަންއޮތީ ހަމައެކަނި اللَّه އަށެވެ.) އެކަލާނގެ (އިރާދަކުރައްވާނަމަ) އެއުރެންގެ މައްޗަށް، توبة ލައްވައިފާނެތެވެ. ނުވަތަ، އެއުރެންނަށް عذابދެއްވައިފާނެތެވެ. ފަހެ، ހަމަކަށަވަރުން، އެއުރެންނީ އަނިޔާވެރިންނެވެ."މިފަދަ ކޮންމެ އާޔަތަކުންވެސް ދަލީލު ލިބިގެންދަނީ ކީރިތި ޤުރްއާނަކީ ﷲ ތަބާރަކަ ވަތަޢަލާގެ ވަޙީ ބަސްފުޅުކަމާއި އެއީ ރަސޫލާ އަމިއްލަ ފުޅަށް ގެންނެވި އެއްޗެއް ނޫންކަމެވެ.
މިފަދަ އެނެއް މިސާލަކީ އިފްކުގެ ވާހަކައެވެ. އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ދޮގުތުހުމަތުން ބަރީއަވެގެންވާ ހާލު، މުނާފިޤުން އެކަމަނާއަށް އެކަމުންތުހުމަތު ކުރަމުން ގެންދިޔައެވެ. އަދި މީހުން މާތް ރަސޫލާގެ ހިތްޕުޅަށް ދަތިވާނޭޒާތުގެ ވާހަކަތައް ދައްކަމުން ގެންދިޔައެވެ. ނަމަވެސް އެކަލޭގެފާނުގެ ހިތްޕުޅު އުދާސްތަކުން ކެކިއުތުރިއަރަމުން ދިޔައިރުވެސް އެކަމެއް މަނައެއް ނުކުރެއްވުނެވެ. އެކަލޭގެފާނަށް ވިދާޅުވެވުނު ހަމައެކަނި ބަސްފުޅަކީ: "އޭ ޢާއިޝާއެވެ! ތިމަންއެކަލޭގެފާނު އެކަމެއް ނުވަތަ މިކަމެއްގެ ޚަބަރު އައްސަވައިފީމުއެވެ. ކަމަނާ އެކަމުން ބަރީއަވެގެންވާނަމަ މާތް ﷲ އެކަން ހާމަކޮށްދެއްވާނެއެވެ. އަދި ކަމަނާ ކުށަކަށް އަރާވަޑައިގަންނަމަ، މާތްﷲގެ މަޣްފިރަތަށް އެދިވަޑައިގަންނަވާށެވެ." މިގޮތަށް ފުރިހަމަ މަސްދުވަސް ވޭތުވެދިޔަމަށްފަހު، އެކަމަނާ އެތުހުމަތުކުރެވޭ ކަމުން ބަރީއަވެގެންވާކަމާއި މާތް ރަސޫލާގެ އަހުލުބައިތުންގެ ޢިއްފަތްތެރިކަން ހާމަކޮށްދޭ ވަޙީބާވައިލެއްވުނެވެ.ޤުރުއާނަކީ އެކަލޭގެފާނު އަމިއްލަ ފުޅަށް އެކުލަވާލައްވާ އެއްޗެއްނަމަ، މިފަދަ ބަސްފުޅުތަކެއް އެކުލަވާލައްވާ އެކަލޭގެ ފާނުގެ އަބުރުފުޅާއި މެދު މީސްތަކުން ދައްކަމުން އައި އެވާހަކަތައް ހުއްޓަވާ ލެއްވީސް ނޫހެއްޔެވެ؟
ކީރިތި ޤުރްއާނަކީ މާތް ﷲ ގެ ވަހީބަސްފުޅުކަން ހާމަވާ އިތުރު ބައެއް އާޔަތްތައް މިތާނގައި ނަކަލުކޮށްލާނަމެވެ. سورة يونس 15-16 ގައި ވެއެވެ. "وَإِذَا تُتْلَى عَلَيْهِمْ آَيَاتُنَا بَيِّنَاتٍ قَالَ الَّذِينَ لَا يَرْجُونَ لِقَاءَنَا ائْتِ بِقُرْآَنٍ غَيْرِ هَذَا أَوْ بَدِّلْهُ قُلْ مَا يَكُونُ لِي أَنْ أُبَدِّلَهُ مِنْ تِلْقَاءِ نَفْسِي إِنْ أَتَّبِعُ إِلَّا مَا يُوحَى إِلَيَّ إِنِّي أَخَافُ إِنْ عَصَيْتُ رَبِّي عَذَابَ يَوْمٍ عَظِيمٍ (15) قُلْ لَوْ شَاءَ اللَّهُ مَا تَلَوْتُهُ عَلَيْكُمْ وَلَا أَدْرَاكُمْ بِهِ فَقَدْ لَبِثْتُ فِيكُمْ عُمُرًا مِنْ قَبْلِهِ أَفَلَا تَعْقِلُونَ (16) މާނައީ: އަދި އެއުރެންނަށްތިމަންރަސްކަލާނގެ އާޔަތްތައް ބަޔާންވެގެންވާ ގޮތުގައިކިޔަވައިދެއްވާހިނދު، ތިމަންރަސްކަލާނގެއާ ބައްދަލުވުމަށް ނޭދޭމީހުންބުނެތެވެ. ތިޔަނޫން އެހެން ޤުރްއާނެއް ގެނެސްދެއްވާށެވެ! ނުވަތައެޤުރްއާންއަށް ބަދަލުގެނެސް ދެއްވާށެވެ! ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު އަމިއްލަފުޅަށް އެބަދަލުކުރެއްވުމަކީ، ތިމަންކަލޭގެފާނަށްއޮތްކަމެއް ނޫނެވެ. ތިމަންކަލޭގެފާނަށް އިއްވަވާ ވަޙީއަށް މެނުވީ،ތިމަންލޭގެފާނު ތަބަޢުވެވަޑައެއް ނުގަންނަވަމެވެ. ތިމަންކަލޭގެފާނުގެވެރިރަސްކަލާނގެއަށް ތިމަންކަލޭގެފާނު އުރެދިއްޖެނަމަ، ބޮޑުވެގެންވާދުވަހެއްގެ ޢަޒާބަށް ހަމަކަށަވަރުން، ތިމަންކަލޭގެފާނުބިރުވެތިވެޑައިގަންނަވަމެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ﷲއިރާދަކުރެއްވިނަމަ، ތިމަންކަލޭގެފާނު އެއާޔަތްތައް ތިޔަބައިމީހުންނަށްވިދާޅުވެއެއް ނުދެއްވީމުހެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްއެއާޔަތްތަކެއް ނުވެސް އެންގެވީހެވެ. ފެހެ، މީގެކުރިން ތިޔަބައިމީހުންގެތެރޭގައި އެތައްދުވަހެއް ވަންދެން (އެބަހީ: ސާޅީސް އަހަރުވަންދެން) ހަމަކަށަވަރުން، ތިމަންކަލޭގެފާނު ހުންނެވީމެވެ. (މިބާވަތުގެ ވާހަކައެއްނުދައްކަވަމެވެ.) ފަހެ، ތިޔަބައިމީހުންނަކަށް ނުވިސްނޭހެއްޔެވެ؟"މިއާޔަތުންވެސް އޮޅުމެއް ނެތި އެނގެނީ ކީރިތި ޤުރްއާނަކީ ﷲގެ ބަސްފުޅުކަމެވެ. ރަސޫލާގެ އަމިއްލަފުޅު އެއްޗެއް ނޫންކަމެވެ.
ނަމަވެސް އެއްވެސް އިންސާނަކަށް އިތުރުފުޅެއް ނަހައްދަވާއިރު މާތް ﷲ އެކަލޭގެފާނު އިތުރުފުޅެއް ހައްދަވާނީ ކޮންފަދައަކުން ހެއްޔެވެ. އެކަލޭގެފާނުގެ ހައްޤުގައި މާތްﷲ سورة الحاقة 44-45 އާޔަތުގައި ވަޙީ ކުރައްވާފައި ވެއެވެ. وَلَوْ تَقَوَّلَ عَلَيْنَا بَعْضَ الْأَقَاوِيلِ (44) لَأَخَذْنَا مِنْهُ بِالْيَمِينِ (45) މާނައީ: " އަދި އެކަލޭގެފާނު ތިމަން ރަސްކަލާނގެއަށް ނިސްބަތްކޮށް ހަދާގެން ބައެއްވާހަކަ ދައްކަވައިފިނަމަ ތިމަން ރަސްކަލާނގެ ބާރުވެރިކަމުން އެކަލޭގެފާނު (ކިބައިން އިންތިޤާމް) ހިތްޕެވީމުހެވެ."މިއާޔަތުން އޮޅުމެއް ނެތި އެނގެނީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލާނގެއަށް ނިސްބަތްކޮށް އިތުރުފުޅު ނުހައްދަވާ ކަމާއި، އެކަލޭގެފާނުގެ ތެދުވެރިކަމެވެ. އަދި ކީރތި ޤުރްއާނަކީ ﷲގެ ވަޙީ ބަސްފުޅުކަމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!