ވައިގެ މަގުން ދިވެހިރާއްޖެއަށް އެތެރެކޮށްފައިވާ މުދަލުގެ ތެރެއިން، ވެރިފަރާތުން ހަވާލުނުވެ ގިނަ ދުވަސް ވުމުގެ ސަބަބުން ނައްތާލުމަށް ކަނޑައެޅުނު މުދާ ތަކުގެ ތެރޭގައި ހިމެނޭ ޕެކޭޖެއްގެ ތެރެއިން މަސްތުވާތަކެތި ފެނިއްޖެކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސަސްއިން ބުނެފިއެވެ.
ކަސްޓަމްސްއިން އެ ތަކެތި ތަހުލީލު ކުރިއިރު މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކެނެބިހަށް އެތަކެތި ވަނީ ޕޮޒިޓިވް ވެފައި ކަމަށް ކަސްޓަމްސްއިން ބުނެއެވެ.
އެ ތަކެތީގެ ބަރުދަނުގައި ޕެކިންގ އާއެކު 42 ގްރާމު ހުރިއިރު، އެ ތަކެތީގެ މަގުމަތީ އަގު ގާތްގަޑަކަށް 433,600.00 (ހަތަރު ލައްކަ ތިރީސް ތިން ހާސް ހަސަތޭކަ) ރުފިޔާއަށް އަރާނެ ކަމަށް ބެލެވޭ ކަމަށްވެސް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.
ކަސްޓަމްސް އިން ބުނީ އެ ތަކެތި ފެނިފައިވަނީ، ނައްތާލުމަށްޓަކައި ކާގޯ ގުދަނުން އެ މުދާތައް ނެރުނު މަރުޙަލާގައި 2020 މެއި 03 ވަނަ ދުވަހު ކަސްޓަމްސްއިން ބަލާފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
މި މައްސަލަ ތަޙުޤީޤުކުރުމަށްޓަކައި، އަތުލައިގަނެވެނު މަސްތުވާތަކެތި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކުރެވިފައި ކަމަށްވެސް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!