ދިވެހި ރާއްޖޭގެ ސަރުކާރުގެ މައި ހޮސްޕިޓަލް ކަމުގައިވާ، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ޑޮކްޓަރަކާއި، ނަރުހެއް ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް މިއަދު އެ ހޮސްޕިޓަލުން ބުނެފިއެވެ.
އެ ހޮސްޕިޓަލުން ބުނި ގޮތުގައި އެ ދެ މީހުން ބައްޔަށް ހުށަހެޅުނީ ހޮސްޕިޓަލްގައި ފަރުވާ ދިނުމުގެ ތެރޭގައި ނޫން ކަމަށެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އައިޖީއެމްއެޗުގެ މެޑިކަލް ޑިރެކްޓަރު ޑރ. އަލީ ނަޒީމް ވިދާޅުވީ އެ ހޮސްޕިޓަލުގެ ޑޮކްޓަރަކާއި ނަރުހަކު ކޯވިޑަށް-19 އަށް ޕޮޒިޓިވްވެ ފަރުވާދެމުން އަންނަ ކަމަށެވެ.
ނަމަވެސް އެ ދެ މީހުން ބައްޔަށް ހުށަހެޅުނީ ހޮސްޕިޓަލްގައި ފަރުވާ ދިނުމުގެ ތެރޭގައި ނޫން ކަމަށާއި އެނގިފައި އޮތް ގޮތުގައި ހޮސްޕިޓަލުން ބޭރުން ކަމަށް އޭނާ ވިދާޅުވި އެވެ.
އެކި ކޭސްތަކާއި ގުޅިގެން އައިޖީއެމްއެޗުގެ ސްޓާފުން މިހާރުވެސް ކަރަންޓީނު ކުރެވިފައިވާކަމަށް ޑރ. ނަޒީމް ވިދާޅުވި އެވެ. އެގޮތުން، އެ ހޮސްޕިޓަލްގެ 16 ނަރުހެއް މިހާތަނަށް އެކަހެރިކުރަން ޖެހިފައިވާކަމަށް އޭނާ ހާމަކުރެއްވި އެވެ.
"ވަރަށް ބޮޑު ނުތަނަސްކަމެއް އެބަ އޮތް އެއް ވޯޑަކުން 16 ނަރުހުން އެކަހެރިކުރަން ޖެހުމުން. މިކަހަލަ ދަނޑިވަޅެއްގައި އަނެއްކާވެސް އަޅުގަނޑުމެން މިޖެހެނީ މެކޭނިޒަމްތައް ބަދަލުކޮށްގެން އެތަން ފޫބައްދަން،" ޑރ. ނަޒީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އައިޖީއެމްއެޗަށް ގެންދާ ބަލި މީހުން ކޯވިޑް-19 އަށް ޓެސްޓު ކުރަނީ އެ ހޮސްޕިޓަލުގައި އޮންނަ އުސޫލުގެ ތެރެއިން ކަމަށެވެ. އަދި އެ ބައްޔަށް ޓެސްޓު ކުރާ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުންނާއި އަދިވެސް އެހެން ޑިޕާޓުމަންޓުތަކުގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި ނަރުހުން ތިއްބަވާނީ ފުލް ކިޓުގައި ]ޕީޕީއީ[ ކަމަށެވެ.
އައިޖީއެމް އެޗްގެ ޑޮކްޓަރަކާއި، ނަރުހެއް ކޯވިޑަށް ޕޮޒިޓިވް ވެފައިވާއިރު، ބައެއް ސިފައިންނާއި، ބައެއް ފުލުހުންނާއި އަދި ސަރުކާރުގެ އެކި ކުންފުނިތަކުގެ ޚިދުމަތުގައި ތިބި ބައެއް މުވައްޒަފުންވެސް ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ.
ރާއްޖެއިން ކޯވިޑް-19 އަށް އިތުރު މިއަދު 22 މީހަކު މިއަދުވެސް ޕޮޒިޓިވް، ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 766 އަށް އަރައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!