ކޯވިޑް-19 ގެ މި އުނދަގޫ ދަނޑިވަޅުގައި ހދ. ނޮޅިވަރަމް ޕްރީސްކޫލްގެ ދަރިވަރުންގެ ބެލެނިވެރިންނަށް ލުޔެއް ދިނުމުގެ ގޮތުން އެ ޕްރީސްކޫލް ދަރިވަރުންގެ ޕްރީސްކޫލް ފީ 3 މަހަށް މާފުކޮށް ދިނުމަށް ނޮޅިވަރަމް ކައުންސިލުން ނިންމައިފިއެވެ.
މިގޮތުން އެ ކައުންސިލުން ނިންމާފައި ވަނީ މާރިޗް، އޭޕްރިލް އަދި މޭ މަހުގެ ފީ މާފުކުރާށެވެ.
މިކަމާއި ގުޅިގެން އެ ކައުންސިލުން ބުނީ މި ތިން މަހުގެ ފީ، ނުވަތަ މި ތިން މަހުން ކުރެ މަހެއްގެ ފީ ދައްކާފައިވާ ބެލެނިވެރިން އަތުން އެ ފީ ދެއްކި މަހަށް ނުވަތަ މަސްތަކަށް ކުރިއަށް ހުރި މަސްތަކުގައި ފީ ނުނަގާނެ ކަމަށެވެ.
އެޗްޕީއޭއިން ވަނީ ހުސްވި އޭޕްރިލް މަހުގެ 19 ވަނަ ދުވަހު އެރަށް މޮނިޓަރިންގ ހާލަތަށް ލުމަށްފަހު ޖެހިގެން އައި އޭޕްރިލް 20 ވަނަ ދުވަހު އެރަށް މޮނިޓަރިންގ ހާލަތުން ނަގާފައެވެ.
ނޮޅިވަރަމް ކައުންސިލުން ދަނީ އެ ކައުންސިލްގެ ކޯވިޑް-19 ޓާސްކު ފޯހާއި ގުޅިގެން ރައްޔިތުންގެ ސަލާމަތާއި ރަށްކާތެރި ކަމަށްޓަކައި މަސައްކަތް ތަކެއް ކުރަމުންނެވެ.
ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު 648 އަށް އަރާފައިވާއިރު، މިބަލީގައި ވަނީ 3 މީހުން މަރުވެފައެވެ. މިބަލީގައި މަރުވި 3 ވަނަ މީހާ މަރުވީ މިރޭގައެވެ.
ރޭ އެންއީއޯސީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝީނާ މޫސާ ވަނީ ފެތުރެމުންދާ ކޯވިޑް-19 ބަލި ރާއްޖެއިން 77،000 އަށް ވުރެ ގިނަ މީހުންނަށް ޖެހޭނެ ކަމަށް ލަފާ ކުރަށްވާ ކަމަށާއި، މިހާރުގެ ހާލަތުން މަރުވާނީ 900 މީހުން ކަމަށް ލަފާ ކުރަށްވާ ކަމަށް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!