ދާންމަތީވަޅުކޮޅަކީ، އިހުގައި މާލޭގައި ހުރި މިރާއްޖޭގެ ރަސްކަމުގެ ކޮއިލު، ބޮޑުގަނޑުވަރުގެ ތެރޭގައި ހުރި ހިރިގަލު ވަޅުކޮޅެކެވެ. މާ މޮޅު، މާ ދުވަސްވީ އާސާރީ ވަޅުކޮޅެކެވެ. ބުރާރަ ވާހަކައިގައި ކިޔާ ގޮތުގައި މިވަޅުކޮޅު ބެހެއްޓުނީ، ހަދި ޙަސަން ރަސްގެފާނަށް ޖެހިވަޑައިގަތް ބިރުވެރި، ވޭނީ އާލާސްކަންފުޅުގެ ސަބަބުން، ރަސްގެފާނުންގެ ގައިކޮޅުން ދިލަކޮޅުނަގަން ފެށީމާ ދާންމަތީވެޔޮކޮޅަށް ފެން އެޅުމަށެވެ. މިއާލާސްކަންފުޅާ ބެހޭ ގޮތުން މިންވަރެއް މިމަޒުމޫނުގައި ހިމަނާލައިފައި ވާނެއެވެ. ރާދަވަޅީގައި ވާގޮތުގައި މިރަސްގެފާނުންގެ ނަންފުޅަކީ، (އައްސުލްޠާން) ޙާއްޖީ ޙަސަން (ތިންވަނަ) ހަދި ކަލަމިންޖާ ސިރީ ރާދަވީރަ މަހާރަދުންނެވެ. ދެފަހަރެއްގެ މަތީން ރަސްކަން ކުރެއްވިއެވެ. އެއީ، 846ހ. ވަނަ އަހަރުން 871ހ. ވަނަ އަހަރަށެވެ. އަދި 872ހ. (1468މ.) ވަނަ އަހަރުގައެވެ. މިރަދުންނާ ބެހޭގޮތުން "ތާރީޚް އިސްލާމި ދީބާ މަޙަލް" އާއި، އެޗް.ސީ.ޕީ ބެލްގެ "މޮނޮގްރާފް" އާއި، ބުރާރަ ވާހަކަގައި ބަޔާންކޮށްފައި ހުރި ވާހަކަތަކުގެ މައްޗަށް ބިނާކުރާއިރު ދާންމަތީ ވަޅުކޮޅު ބެހެއްޓުނީ ހިޖުރައިން 872 ވަނަ އަހަރުގެ ފަހުކޮޅެވެ. މީލާދީން 1468 ވަނަ އަހަރުގެ ކުރީކޮޅު ނުވަތަ މެދުތެރޭގައެވެ. މީގެ ގާތްގަނޑަކަށް 552 އަހަރު ކުރީންނެވެ. މިވަޅުކޮޅު ހުރިކަމަށް ބުނެވެނީ ބޮޑުގަނޑުވަރުތެރޭގައި ހުރި ފާރަވެރީންގެ ދޮރޯށީން އެތެރެއަށް ވަންނަ އިރު ވާތްފަރާތުގައި ކިޔެވެނި ބޭކަލުންގެ އަށި ކުރިމަތީގައެވެ.

ހަދި ޙަސަން ރަސްގެފާނުންގެ އަމުރުފުޅަށް ދާންމަތީ ވަޅުކޮޅު ބެހެއްޓުނުތާ 438 އަހަރު ވީފަހުން، ޝަމްސުއްދީން ރަދުންގެ ފަސްވަނަ އަހަރު، ހިޖުރައިން 1324 ވަނަ އަހަރު ރަޖަބު މަހުން 19 ދުވަހު (މީލާދީން 8 ސެޕްޓެންބަރު 1906) ގައި ދާންމަތީވަޅުކޮޅު ދުވަސްވެގެން ގައުތައް ކަންފަތިވެފައި ހުރުމުން ހިރިގަލުން އައު ވަޅުކޮޅެއް ބެހެއްޓުނެވެ. ދައުލަތުގެ ރިކޯޑުގައި ވާގޮތުގައި، މިވަޅުކޮޅު ހެދީ ފެންފުށީ މީހުން ލައްވައި، ރިނބުދޫ މީހުންގެ ޚަރަދުގައެވެ. ވަރަށް މޮޅަށް ހަދާފައި ހުރި ވަށްވަޅުކޮޅެކެވެ. މިވަޅުކޮޅު މާލެ ގެންނަވައި، ބޮޑުގަނޑުވަރު ތެރޭގައި ބެހެއްޓެވީ ކުރީން (ހަދި ޙަސަން ރަސްގެފާނު ބެހެއްޓެވި) ވަޅުކޮޅު ހުރިތަނަށްވުރެ އިރާއި ހުޅަނގުން ދޮޅު ރިޔަން އިރުމައްޗަށް ޖައްސަވާފައެވެ. ވަޅުކޮޅުވަށާ މާމުށެއްގެ ދުރުމިނުގައި ވެލިގަލުން ގާހޮޅެއް ރޭނުއްވިއެވެ. އަދި ގާހޮޅާއި ވަޅުކޮޅާ ދެމެދުގައި ވެލިގާ އަޅުއްވައި، ގާހޮޅު މަތީ ސިމެންތި ޖައްސަވައި ހެއްދެވިއެވެ. ވަޅުކޮޅުދޮށަށް އެޅޭ ފެން ގާހޮޅުގެ ދެކުނު ކައިރީން ބިމުވަތުން ގޮސް ދުރަށް އެޅޭނޭހެން ހެއްދެވިއެވެ. މިވަޅުކޮޅު ބަހައްޓަން ބިން ކޮނެ، ވަޅުކޮޅު ބަހައްޓައި ހެދީ ހަވަރުން ފަންސަވީސް ބޭކަލުން ނެރުއްވައިގެނެވެ. މިބޭކަލުންނަށް ބޮޑުބަދިގޭގައި ކޭން ކެއްކުނެވެ. އަދި މިވަޅުކޮޅުގެ އަގުގެ ގޮތުގައި 160 ބޮލިކޮއްޓޭ ރިނބުދޫ މީހުންނަށް ދެއްވިއެވެ. އަދި ވަޅުކޮޅު ހަދާން ތައްޔާރުކުރި ކޭމުގެ ޚަރަދަށް 100 ބޮލިކޮއްޓޭ ދެއްވިއެވެ (ޝަމްސުއްދީން ރަދުންގެ ދުވަސްވަރުގެ ޔައުމިއްޔާ).

Ad
rt

ހިޖުރައިން 871 ވަނަ އަހަރު (މީލާދީން 1467 ވަނަ އަހަރު) ހަދި ޙަސަން ރަސްގެފާނުން ޙައްޖުވެވަޑައިގެންފައި، ހިޖުރައިން 872 ވަނަ އަހަރު (މީލާދީން 1468 ވަނަ އަހަރު) ގެ ތެރޭގައި އެނބުރި ރާއްޖެ ވަޑައިގެންނެވި އިރު 70 އަޅުން ގެންނެވިކަމުގައި ބުނެވެއެވެ. ދިވެހި ޚާދިމުންގެ ބަދަލުގައި ގަނޑުވަރު ތެރޭގެ އެކިއެކި ވަޒީފާތަކުގައި ރަސްގެފާނު މި 70 އަޅުން ގެންގުޅުއްވާން ފެއްޓެވިއެވެ. ރަސްގެފާނުން މާ އަހަންމިއްޔަތުކަން ދެއްވަވާ އަރިސް ބަޔަކަށް ހެއްދެވިއެވެ.

ބުރާރަ ވާހަކަ ކިޔާގޮތުގައި، ދެން މި 70 އަޅުން މާލޭގައި މިހެން އުޅެމުން ދަނިކޮށް ބަންގާޅު މޫސުން އައިސް ބޯމަތިވެއްޖެއެވެ. އާދަކާދައިގެ މަތީން މޫސުމުގެ ކުރިއަށް އޮޑިފަހަރު ދަތުރަށް ތައްޔާރުކޮށް ހަދާ ދުވަސް އަތުވެއްޖެއެވެ. ދެބައިލަޝްކަރީންނަށް ގޮވައި އޮޑިފަހަރު ބާލާ ވަގުތު ޖެހިއްޖެއެވެ. މި 70 އަޅުންވެސް އޮޑިފަހަރު ބާލާ ތަނަށް ނުކުންނަށް އޮތީ ރަސްގެފާނު އަމުރުފުޅު ކުރައްވާފައެވެ. އޮޑިބާލާން ދެބައިލަޝްކަރީން ނުކުމެ ތިއްބައި އެތަނަށް މި 70 އަޅުން އަންނަތަން ދެކިފައި ދެބައިލަޝްކަރީންގެ ތެރެއިން މީހަކު މިބައިމީހުންނަށް ރައްދުވާ ގޮތަށް ކޮންމެވެސް އެއްޗެކޭ ("ސާހިބު ރަސްގެފާނު ޢަރަބިކަރައަށް ވަޑައިގެންފައި ބާރުނެތް ފަންތޮށި ބަބުރުން ގެންނެވި ދެއްތޯ") ބުނެއްޖެއެވެ. މިހެން ބުނި އަޑު މި 70 ބަބުރުން އަހައިގެން މިހެން ބުނި މީހާދެކެ ނިކަން ރުޅިއައިސްފައި ތިބެއްޖެވެ. ޞަލަވާތް ފާތިޙާ ކިޔަވައި، އޮޑިބާލަން ހިފި ވަގުތުގައި އޮޑިފައިބައިގެން ގޮސްގޮސް އޮއްވާ އެހެން ބުނި މީހާ ޖަހައި ހިފައިގެންފައި، ނަގައިގެންފައި ކަޗޯރިމައްޗަށް ޖަހަތްޕެވެ. އޮޑިފައިބައިގެން ދިޔައީ އެމީހާގެ ގައިމަތީން އަޅައިފައި ކަމުން، ކައްޓާއި މަހާ ވަކިވެ އެމީހާ މަރުވެއްޖެއެވެ. ދެން މިހިނގައިދިޔަ އަނިޔާވެރި އަމަލުގެ ޚަބަރު މިރާއްޖޭގައި އޭރު ހުންނެވި ފަނޑިޔާރުކަލޭގެފާނު، އަލްޤާޒީ ޙަސަން ޝީރާޒީ އަށް ލިބިވަޑައިގެން، އެކަން ބައްލަވައި، އަޅުކަލޭގެ އަށް ޙައްޤު އަދަބު ދިނުމަށް ވިދާޅުވިއެވެ (ބުރާރަ ވާހަކަ).

އެހެންނަމަވެސް، ރަދުން އެއަޅުކަލޭގެއަށް އަދަބު ދެއްވުމެއް ޤަބޫލުފުޅެއް ނުކުރެއްވިއެވެ. އަދި ރަދުންނާއި ފަނޑިޔާރުކަލޭގެފާނާ ދެމެދުގައި ވަރަށް މަތީ ދަރަޖައަކަށް ދެބަސްވެވިއްޖެއެވެ (ތަންޤީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚުގެ ތަންތަންކޮޅު).

ތަކުރާރުކޮށް ވެސް ފަނޑިޔާރުކަލޭގެ ވިދާޅުވަމުން ގެންދެވީ، ޙައްޤު ޙުކުމް ޤާއިމްކުރައްވަން ޖެހިވަޑައިގަންނަވާކަމާއި، ޙުކުމް ޤާއިމް ނުކުރައްވައިފިނަމަ ނަރަކައިގެ އަލިފާނަށް ރަސްގެފާނު ހުށަހެޅިވަޑައިގެންފާނޭ ކަމަށެވެ. ދެބަސްވުން ގަދަވެ، ފަނޑިޔާރުކަލޭގެފާނު ދެކެ ރަސްގެފާނުން ކޯފާ އިސްކުރައްވައިފިއެވެ. ދެން ރަސްގެފާނުން 70 އަޅުންނަށް އަމުރުފުޅު ކުރައްވައިގެން ފަނޑިޔާރުކަލޭގެ ހިފައިގެންފައި ފަނޑިޔާރުކަލޭގެ ގައިކޮޅުގައި ކަފަ ބަނދެ، ތެޔޮއަޅައި ރޯކޮށްލީއެވެ (މޮނޮގްރާފް، ބުރާރަ ވާހަކަ).

މިކަމެއް ހިނގިއިރު، މަނީދާގެ ދަންނަބޭކަލެއް ކަމުގައިވާ އަލްފަޤީހް ސުލައިމާން އޭރު މާލޭގައި ހުންނެވިއެވެ. މިކަލޭގެފާނު ރަސްގެފާނުންގެ އަރިހުގައި ރަހުމްކުރެއްވުމަށް އާދޭސް ދަންނަވައި ހެއްދެވީމާ ވެސް ރަޙުމެއް ނުކުރެއްވިއެވެ (ތާރީޚް އިސްލާމި ދީބާ މަޙަލް).

ބުރާރަ ވާހަކައިގައި ކިޔައިދޭ ގޮތުގައި، އޭރު މާލޭގައި ތިއްބެވި ދަންނަބޭކަލުންގެ ތެރޭގައި ފަޤީން ވަޑައިގެންނެވި ހަތް ބޭކަލަކު ތިއްބަވައެވެ. ރަސްގެފާނަށް ނަސޭހަތްޕުޅު އެރުވުމަށް މިބޭކަލުން ވަޑައިގެންނެވުމުން މިބޭކަލުން ވެސް ޤަތުލުކުރުމަށް 70 އަޅުންގެ މައްޗަށް އަމުރުފުޅު ކުރެއްވުމުން މިބޭކަލުން ޝަހީދުކޮށްފިއެވެ. މިވާހަކަ އައްސަވާފައި މާލޭގައި ދެންވެސް ތިއްބެވި ދަންނަބޭކަލުން ރަސްގެފާނަށް ނަސޭހަތްޕުޅު އެރުވުމަށް ބޭނުންވެ ތިއްބަވާވެސް ނިންމެވީ މިދަނޑިވަޅުގައި ރަސްގެފާނުންގެ އަރިހަށް ދުރުވެއްޖެނަމަ އެބޭކަލުން ވެސް ޤަތުލުވެދާނޭ ކަމަށެވެ. އަދި ރަސްގެފާނުން ކޯފާމަޑުކުރައްވާންދެން މިބޭކަލުން ތިއްބެވީއެވެ. ދެން ރަސްގެފާނުންގެ ކޯފާމަޑުވީމާ ދުރުވެ ނަސޭހަތްޕުޅު އަރުވައި އިސް ދަންނަބޭކަލުންނާމެދު ރަސްގެފާނުން ކަންތައް ކުރެއްވި ގޮތުގެ ނުބައި ކަމުގެ ބޮޑުކަމާއި، އޭގެ ނުބައި ނަތީޖާ ރަސްގެފާނަށް ލިބިވަޑައި ނުގަންނަވާ ނުދާނޭ ކަމުގައި ދަންނަވައިފިއެވެ. ދެން، ހަދި ޙަސަން ރަސްގެފާނު، ކަނބުރުވެރީން ބަލައިފޮނުއްވައި ގެންނަވާފައި ބަރޯސީއެއް ދޮންކުރުމަށް އަމުރުފުޅުކުރައްވައި ފިއެވެ. ރަނގަޅަށް ދޮންވެ ކަނިޖެހީމާ ނަންގަވައިފައި ރަސްގެފާނުންގެ ޕައިންޕުޅުގެ މާކަޅުވާމަސްފުޅުގައި ޖައްސަވައި "ކަލޭމެން ތިޔަބުނާ ދުވަހަކުންވެސް މިވަރީވިއްޔާ ކެތްކޮށްފާނަމެވެ" ވިދާޅުވެއްޖެއެވެ. ދެން ވޭން ބޮޑު، ރިހުން ގަދަ ބައްޔެއްގެ ކޯފާއެއް މާތްކަލާނގެ މިރަސްގެފާނަށް ފޮނުއްވައިފިއެވެ. ރަސްގެފާނުންގެ ގައިކޮޅުން ވަރުގަދަ ދިލަކޮޅެއް ނެގުމުގެ އާލާސްކަން ފުޅު ޖެހިވަޑައިގެން ހާލުކޮޅު ބޮޑުވިއެވެ. ހަކީމުން ލައްވައި ލައްކަ ފަރުވާ ކުރައްވާ އިރުވެސް އެއްވެސް ލުޔެއް ހަމަޖެހުމެއް ލިބިވަޑައެއް ނުގަންނަވައެވެ.

ރަސްގެފާނުންގެ ގައިކޮޅުން ނަގާ ދިލަކޮޅަށް ފިނިކަމެއް ލިބިވަޑައިގަނޭތޯ ރަސްގެފާނުން އަމުރުފުޅުކުރައްވައިގެން ކޮއިލުތެރޭގައި ފެންގަނޑެއް ކޮންނެވިއެވެ. ބޮނޑުގަނޑުވަރުގައި ހުރި ދާންމަތީވެޔޮކޮޅަކީ މިފެންގަނޑެވެ. ރަސްގެފާނުންގެ ދާންކޮޅު އެފެންގަނޑުގެ ތެރޭގައި ބަހައްޓަވައިގެން ތިއްބަވާ އިރުވެސް ފިނިކަންފުޅެއް ވެސް ލިބިވަޑައެއް ނުގަންނަވައެވެ. ހިނދުކޮޅެއް ތެރޭގައި ފެންގަނޑު ހޫނު ވެއްޖެއެވެ. ދެން ދާންކޮޅު ހުރި ފެންގަނޑަށް ފެން އެޅުމަށްޓަކައި ވަޅެއް ކޮންނަވަން އަމުރުފުޅުކުރައްވައި ދާންމަތީވަޅުކޮޅު ބެހެއްޓިއްޖެއެވެ. މިވަޅުކޮޅުން ދާންމަތީވެޔޮކޮޅަށް ފެން އަޅަމުން ގެންދާއިރު، ކިތަންމެ ވަރަކަށް ފެންއެޅިޔަސްވެސް ރަސްގެފާނަކަށް ފިނިކަމެއް ލިބިވަޑައެއް ނުގަންނަވައެވެ. ރަސްގެފާނު އަވަހާރަވީ މި ވޭންދެނިވި އާލާސްކަންފުޅުގެ މަތީގައި ހިޖުރައިން 872 (މީލާދީން 1468) ވަނަ އަހަރުއެވެ. މުސްކުޅީން ބުނާގޮތުގައި މިރަސްގެފާނުން ފަސްދާނުލާފައިވަނީ މާލޭ ލޮނުޒިޔާރަތްކޮޅުގައި އޮންނަ ގާސަންދޯކުގައެވެ.

ކޮންމެއަކަސް، އަދަކު ގާސަންދޯކެއް ވެސް، ބޮޑުގަނޑުވަރެއް ވެސް، ދާންމަތީވެޔޮކޮޅެއް ވެސް، ދާންމަތީވަޅުކޮޅެއް ވެސް ފެންނާކަށެއް ނެތެވެ. މިރާއްޖޭގެ ރަށްރަށުގައި ހުރި ފެންމީރުހައި ވަޅުތަކެއްހެން އަޅުގަނޑުމެންނަށް ގެއްލިއްޖެއެވެ. އަލުން ހިމާޔަތްކޮށް، އެއިން ފައިދާ ހާސިލުކުރާން ވެސް ހުރީ ވަރަށް މަދު ވަޅެކެވެ. މިފަދަ ވަޅުތަކީ އަޅުގަނޑުމެން ހިމާޔަތްކޮށް ބަލަހައްޓައި އޭގެ މީރު ފެނާއި، ފައިދާތައް އަލުން ލިބިގަންނަންވީ ތަރިކައެވެ.

ރިފަރެންސް:

- ބުރާރަ ވާހަކަ

- ބެލްގެ މޮނޮގްރާފް

- ތާރީޚް އިސްލާމި ދީބާ މަޙަލް

- ޝަމްސުއްދީން ރަދުންގެ ދުވަސްވަރުގެ ޔައުމިއްޔާ

- ރާދަވަޅި

- ތަންޤީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚުގެ ތަންތަންކޮޅު