ކުޅުދުއްފުށީ ސިޓީގެ ކޯވިޑް-19 ޓާސްކް ފޯހުން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރި ވުމުގެ ގޮތުން އެސިޓީގެ އަފީފުއްދީން ސްކޫލުން ކުޅުދުއްފުށީ ސިޓީގެ ކޯވިޑް-19 ޓާސްކް ފޯހަށް ފޭސް މާސްކު ހަދިޔާ ކޮށްފިއެވެ.

މިގޮތުން އަފީފުއްދީން ސްކޫލުން ވަނީ 230 ފޭސް މާސްކު ކުޅުދުއްފުށީ ސިޓީގެ ކޯވިޑް-19 ޓާސްކް ފޯހަށް ހަދިޔާ ކޮށްފައިއެވެ.

Ad
rt

މީގެ ކުރިން އެސިޓީގެ އަނެއް ދެ ސްކޫލް ކަމުގައިވާ ހދ. އަތޮޅު ތަޢުލީމީ މަރުކަޒާއި، ޖަލާލުއްދީން ސުކޫލް ފަރާތުންވެސް ވަނީ ފޭސް މާސްކު ފަހައި، އެ މާސްކްތައް އެ ސިޓީގެ ކޯވިޑް-19 ޓާސްކް ފޯހަށް ހަދިޔާ ކޮށްފައެވެ.

ފީފުއްދީން ސުކޫލްގެ ފަރާތުން ފޭސް މާސްކު ހަދިޔާ ކުރުމާއި ގުޅިގެން ކުޅުދުއްފުށީ ކައުންސިލުން ބުނީ އެ ސްކޫލްގެ ފަރާތުން ކުޅުދުއްފުށީގައި ކޯވިޑް-19 އާއި ގުޅިގެން ކުރެވެމުންދާ މަސައްކަތްތަކުގައި ބޭނުން ކުރުމަށް މާސްކު ފަހައި ހަދިޔާ ކުރުމަކީ އެކައުންސިލްގެ މަސައްކަތަށް ލިބުނު އިތުރު ހިތްވަރެއް ކަމަށެވެ.

އެ ޓާސްކް ފޯހުން ކުރަމުންދާ ބުރަ ބޮޑު މަސައްކަތަށް އެކި ފަރާތްތަކުން ދެމުންގެންދާ އެހީތެރިކަން އުފަލާއެކު ބަލައިގަންނަ ކަމަށްވެސް ކުޅުދުއްފުށީ ކައުންސިލުން ވަނީ ބުނެފައެވެ.

ކުޅުދުއްފުށީ ސިޓީގައި ހިންގާފައިވާ ފުރަބަންދު، އަނެއްކާވެސް ކުޅުދުއްފުށީ ކައުންސިލުން ވަނީ އިއްޔެ ދަމަހައްޓާފައިއެވެ. އެ ގޮތުން 01 މެއި 2020 އިން 07 މެއި 2020 ގެ ނިޔަލަށް އިތުރުކުރި ފުރަބަންދުގެ މުއްދަތު ވަނީ 14 މެއި 2020 ގެ ރޭގަނޑު 12:00 އާއި ހަމައަށް އިތުރުކޮށްފައެވެ.

ކުޅުދުއްފުށީ ސިޓީ ތިން ދުވަހަށް ފުރަތަމަ ފުރަ ބަންދުކުރީ އޭޕްރިލް މަހުގެ 21 ވަނަ ދުވަހު މެންދު 12:00 ގައިއެވެ. އޭގެ ފަހުން 23 އޭޕްރިލްގައި އެ ނިންމުމުގެ މުއްދަތުވަނީ ހަތް ދުވަހަށް އިތުރު ކޮށްފައެވެ.

ކުޅުދުއްފުށީ ސިޓީއަކީ އުތުރުގެ ދަތުރު ފަތުރުގެ މައިހަބުގެ އިތުރުން، އުތުރުގެ ވިޔަފާރީގެ މައި މަރުކަޒެވެ. އަދި އެސިޓީއަކީ އުތުރުގެ 3 އަތޮޅު ރައްޔިތުން ސިއްޙީ ޚިދުމަތް ލިބިގަންނަ މައި ހޮސްޕިޓަލްވެސް ގާއިމުކޮށްފައި ހުންނަ ސިޓީއެވެ.

މީގެ ކުރިން ވަނީ ހދ. އަތޮޅުން ކުމުންދޫ އަދި ނޮޅިވަރަމް ސްކޫލްގެ މުވައްޒަފުންވެސް ފޮތި ފޭސް މާސްކު ފަހައި، އެރަށްތަކު ޓާސްކް ފޯހަށް މާސްކު ހަދިޔާ ކޮށްފައެވެ.