ހއ. ހޯރަފުށީ ހަދަމުން އަންނަ އެއާޕޯޓްގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހުގެ 18 އަށް ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން މިއަދު ބުނީ، މިހާރު ކުރިއަށް ދަނީ ތާރު އަޅަން ބޭނުންވާ ޕްލާންޓް ގާއިމްކޮށް ޓެސްޓް ކުރުމުގެ މަސައްކަތް ކަމަށެވެ.

Ad
rt

ހޯރަފުށީ އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް "މަހާޖައްރާފު" ބޭނުންކޮށްގެން އެމްޓީސީސީން ފެށީ މިދިޔަ އަހަރުގެ އޭޕްރީލް މަހު އެވެ. އެ ކުންފުނިން ވަނީ ޖުމްލަ 345،500 އަކަމީޓަރުގެ ސަރަހައްދެއް ހިއްކާފަ އެވެ. އެ މަސައްކަތް ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ނިންމާފަ އެވެ.

ކުރީގެ ސަރުކާރުން ހއ. މާފިނޮޅުގައި އެއާޕޯޓު އެޅުމަށް ބިން ހިއްކަން އެމްޓީސީސީއާ 2018 ވަނަ އަހަރު ހަވާލުކުރި އެވެ. ނަމަވެސް ސަރުކާރު ބަދަލުވުމާ އެކު، މި ސަރުކާރުން ވަނީ މާފިނޮޅުގެ ބަދަލުގައި ހޯރަފުށީ ފަޅުން ބައެއް ހިއްކައިގެން އެއާޕޯޓް އަޅަން ނިންމައިފަ އެވެ. މި ބަދަލާ އެކު، އެއާޕޯޓުގެ ހުރިހާ މަސައްކަތެއް އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު، މި މަޝްރޫއުގެ ޖުމްލަ އަގަކީ 198،390،988.54 ރުފިޔާ އެވެ.

މި މަޝްރޫއުގެ ދަށުން ކުރާ މަސައްކަތްތަކުގެ ތެރޭގައި:

  • 842200.33 ކިއުބިކް މީޓަރުގެ ކޮނުމާއި ބިން ހިއްކުން
  • ގޮނޑުދޮށް ހިމާޔަތްކުރުމަށް 1120 މީޓަރުގެ ރިވެޓްމަންޓް ޖެހުން
  • އޭޕްރަން އަދި ޓެކްސީވޭ (8635 އަކަމީޓަރު)
  • ސާވިސް ރޯޑް އަދި ފަޔާ އެކްސެސް ރޯޑް ހެދުން
  • 1200 މީޓަރުގެ ރަންވޭއެއް
  • 9،473 އަކމީޓަރުގެ ޕާކިން އޭރިއާއެއް
  • 720 މީޓަރުގެ އެއާޕޯޓު ސެކިއުރިޓީ އޭރިއާ އާއި ބޭޗް ފެންސް އޭރިއާއެއް

ހޯރަފުށީ އެއާޕޯޓްގެ މަސައްކަތް ނިންމައި، ހުޅުވުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ ތެރޭގަ އެވެ. އެހެން ނަމަވެސް، ކޮވިޑް-19 އާ ގުޅިގެން، އެއާޕޯޓް ހުޅުވުން ފަސްކުރާނެ ކަމަށް ބެލެވެ އެވެ.