ކޯވިޑް-19 ހާލަތުގައި ދިވެހި ސަރުކާރަށް އެހީތެރިވުމުގެ ގޮތުން، ދިވެހި ސަރުކާރުގެ އެދުމުގެ މަތިން ޗައިނާ ސަރުކާރުން ފޯރުކޮށް ދޭ އެހީތެރިކަމުގެ ތެރެއިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާ ކަރަންޓީން ފެސިލިޓީގެ މަސައްކަތްތައް މި މަހުގެ 18 ވަނަ ދުވަހަށް ނިންމައިލެވޭނެ ކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވެއްޖެއެވެ.

ސަފީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން ކުންފުނީގެ 200 މުވައްޒަފުން ފެސިލިޓީ ހެދުމުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

Ad
rt

މުވައްޒަފުންނާއި ވަސީލަތާއި ސާމާނާ އެކު، އެ ކަމަށް 280،000 ޑޮލަރު (4.3 މިލިއަން ރުފިޔާ) ގެ އެހީތެރިކަން މިހާރު ވެސް ފޯރުކޮށްދީފައިވާނެ ކަމަށް އަންޒާދާ ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ޕްރޮޖެކްޓުގެ ދަށުން ސީއެސްސީއީސީއިން ހަތަރު ފެބްރިކޭޓެޑް ސްޓީލް ސްޓްރަކްޗާ ގާއިމް ކޮށްދޭނެއެވެ. މީގެ އިތުރުން ބަދިގެ އަށް ހާއްސަ ބްލޮކަކާއި ފާހާނާ ބަރިއެއްވެސް ގާއިމް ކުރާނެއެވެ.

މީގެއިތުރުންް ބެއިޖީން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)ގެ ފަރާތުން ހުޅުމާލޭގައި ހުރި ދެ ބުރި އިމާރާތެއް ރެނޮވޭޓް ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. ބީޔޫސީޖީން 40 މަސައްކަތްތެރީންގެ ޓާސްކް ފޯހެއް އެކުލަވާލައުގެން މަސައްކަތް ކުރަމުން އަންނަނީ އެ އިމާރާތުގައި 327 އެނދުގެ ކަރަންޓީން ފެސިލިޓީއެއް ގާއިމު ކުރުމަށް ކަމަށް ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަނީ ވިދާޅުވެފައެވެ.

ޗައިނާއިން ވަނީ، ކޯވިޑާއި ގުޅިގެން ދިވެހި ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް އެހީތެރިވުމަށް 10 ވެންޓިލޭޓަރާއި 30،000 ސާޖިކަލް މާސްކާއި އިމަޖެންސީ ސާމާނު ވެސް ރާއްޖެއަށް ހަދިޔާކޮށްފަ އެވެ.

ޗައިނާއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މި ހަދައިދޭ ކަރަންޓީނު ފެސިލިޓީގައި ބައިތިއްބަން ސަރުކާރުން ނިންމާފައި ވަނީ މާލޭގެ ކުދިކުދި ތަންތަނުގައި ތޮއްޖެހިގެން އުޅޭ ބިދޭސީންނެވެ.

ރާޖޭގައި މިހާތަނަށް 574 މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައިވާއިރު މީގެ ތެރޭގައި ތޮއްޖެހިގެން އެކި ތަންތަނުގައި އުޅޭ ބިދޭސިން ގިނައަދަދަކަށް ހިމެނެއެވެ.

މިދިޔަ މަހުގެ ފަހުކޮޅު ހަދަން ފެށި ފެސިލިޓީގެ މަސައްކަތުގެ 68 ޕަސެންޓް މިހާރު ވަނީ ނިމިފަ އެވެ.