ވެލާ ރިސޯޓުން ނަރުދޫއަށް ހަދިޔާ ކުރި ތަކެތި މިއަދު އެރަށަށް ގެންގޮސްފިއެވެ.
އެތަކެތި މިއަދު އެރަށަށް ގެންދިޔައީ ހެނދުނު 11:40 ހާއިރު އެވެ. ވެލާ ރިސޯޓުން ނަރުދޫއަށް ހަދިޔާ ކުރި ތަކެތީގެ ތެރޭގައި ހިމެނެނީ 3000 އަންގިއާއި، 3000 މާސްކާއި، 110 ޕީޕީއީ އަދި 2500 ގުޅަ ޕެނެޑޯލެވެ.
ވެލާ ރިސޯޓުން އެތަކެތި އެރަށަށް ހަދިޔާ ކުރިއިރު އެރަށުން ކޯވިޑް-19 އަށް ޓެސްޓު ކުރި 52 މީހުންގެ ސާމްޕަލްގެ ނަތީޖާވެސް ވަނީ ލިބިފައެވެ.
އޭގެ ތެރެއިން 41 މީހުންގެ ނަތީޖާ ނެގެޓިވް ވެފައިވާ ކަމަށް ނަރުދޫ ކައުންސިލް މެމްބަރަކު ވަނީ ވިދާޅުވެފައެވެ. އޭގެ ތެރެއިން 12 މީހުން ކޯވިޑަށް ވަނީ ޕޮޒިޓިވް ވެފައެވެ.
ވެލާގެ އެހީތެރިކަން ނަރުދޫއަށް ދީފައިވާއިރު މޭމަހުގެ 3 ވަނަ ދުވަހު ހެލްތު މިނިސްޓަރު އަބުދު ﷲ އަމީނާއި، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ކޯވިޑް-19 ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގެ ލީޑަރު ޑރ. އަލީ ލަތީފާއި، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ﷲ ފައިރޫޟާއި އަދި އެމްއެންޑީއެފުގެ އިސް ބެފުޅެއް ހިމެނޭ ސަރުކާރުގެ ވަފުދެއް ވަނީ އެރަށަށް ޒިޔާރަތްކޮށްފައެވެ
އެ ވަފުދު ވަނީ އެރަށުކައުންސިލާއި، އެރަށު ކޯވިޑް-19 ޓާސްކް ފޯހާއި އަދި އެރަށު ސިއްޙީމަރުކަޒު ހިމެނޭހެން އެރަށުގައި ހުރި މުވައްސަސާ ތަކާއި ބައްދަލު ކުރައްވާފައެވެ.
އެވަފުދުން ވަނީ ސަރުކާރުގެ ފަރާތުން އެރަށަށް ކޯވިޑް-19 ހާލަތުގައި ވެދެއްވަން ޖެހޭ ހުރިހާ އެހީތެރިކަމެއް ވެދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައިކަމަށް ނަރުދޫ ކައުންސިލް މެމްބަރު މުޙައްމަދު ނިޒާރު އެދުވަހު ވަނީ މިނޫހަށް ވިދާޅުވެފައެވެ.
ކޯވިޑް-19 އަތޮޅުތަކުގައި ފެތުރުމާ ގުޅިގެން ށ. އަތޮޅާއި ނ. އަތޮޅުގެ ބައެއް ރަށްތަކަށް ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!