ރާއްޖޭގެ އަތޮޅުތަކުން އެންމެ ގިނަ މީހުން މިހާތަނަށް ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ށ. އަތޮޅުން ރޭ ދިހައެއް ޖެހުމާއި ހަމައަށް ޖުމްލަ 117 ސާމްޕަލް ނަގާފައިވާ ކަމަށް ށ. އަތޮޅު ހޮސްޕިޓަލުން ހާމަކޮށްފައިވާ މަޢުލޫމާތު ތަކުން ދައްކައިފިއެވެ.
ށ. ފުނަދޫގައި ހުންނަ އެ އަތޮޅު އަތޮޅު ހޮސްޕިޓަލުން ހާމަކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު 3 މެއި 2020 ވަނަ ދުވަހުގެ ރޭ ގަނޑު 22:00 އާއި ހަމައަށް ޖުމްލަ 117 ސާމްޕަލެއް އެ އަތޮޅުން ކޯވިޑަށް ޓެސްޓު ކުރުމަށް ނަގާފައި ވެއެވެ.
މިގޮތުން އެއަތޮޅުން ނަގާފައިވާ ސާމްޕަލް ތެރެއިން 12 ސާމްޕަލެއް މިހާތަނަށް ޕޮޒިޓިވް ބުނެފައި ވާއިރު، 75 ސާމްޕަލެއް ވަނީ ނެގެޓިވު ވެފައެވެ. އަދި މިހާތަނަށް ނަތީޖާ ނުލިބޭ 30 ސާމްޕަލްވާ ކަމަށް އެމައުލޫމާތުން ހާމަވެއެވެ.
އެ ހޮސްޕިޓަލުން ހާމަކޮށްފައިވާ ގޮތުގައި ށ. އަތޮޅުގެ ހަ ރަށެއް މޮނިޓަރިންގ ހާލަތުގައި އެބައޮތެވެ.
އެ އަތޮޅުން ކޯވިޑަށް ޕޮޒިޓިވް ވެފައިވަނީ އެ އަތޮޅު އަމާޒު ބޯޓުގެ ކެޕްޓަންގެ ކޭހާއި ގުޅިގެން ޕޮޒިޓިވްވެފައިވާ 12 މީހުންނެވެ. އެއީ އަމާޒުބޯޓުގެ ކެޕްޓަން ނިސްބަތްވާ ނަރުދޫއިން 11 މީހަކާއި، އެ ބޯޓުން ދަތުރު ކުރި ށ. މިލަންދޫ މީހެކެވެ.
އެ ހޮސްޕިޓަލުން ހާމަކޮށްފައިވާ ގޮތުގައި އެސާމްޕަލް ތަކުގެ ތެރެއިން 19 ސާމްޕަލަކީ އެ އަތޮޅު ފުނަދޫން ނަގާފައިވާ 19 ސާމްޕަލެވެ. އެ 19 ސާމްޕަލްވެސް ނެގެޓިވް ކަމަށް އެހޮސްޕިޓަލުން ހާމަ ކުރަށްވާފައިވެއެވެ.
އެ އަތޮޅުން ޕޮޒިޓިވްވި މީހުން ވަނީ ހއ. ދޮނަކުޅީގައި ހިންގަމުންދާ ހައިޑް އަވޭ ބީޗް ރިސޯޓް އެންޑް ސްޕާ ރިސޯޓްގެ ކަރަންޓީން ފެސިލިޓީއަށް ބަދަލުކޮށްފައެވެ.
އުތުރުގެ ރަށްތަކުން ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުން ކަރަންޓީންކޮށް ފަރުވާ ދިނުމަށް ހަމަޖައްސާފައި ވަނީވެސް ހއ. ދޮނަކުޅީގައި ހިންގާ ހައިޑަވޭ އައިލެންޑް ރިސޯޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!