ކުޅުދުއްފުށީ ސިޓީގެ ކޯވިޑް-19 ޓާސްކް ފޯހުން ކުރަމުންދާ މަސައްކަތްތަކަށް ވާގިވެރިވުމުގެ ގޮތުން އެސިޓީގެ ހދ. އަތޮޅު ތަޢުލީމީ މަރުކަޒާއި، ޖަލާލުއްދީން ސުކޫލް ފަރާތުން މާސްކު ފަހައި، އެ މާސްކްތައް އެ ސިޓީގެ ކޯވިޑް-19 ޓާސްކް ފޯހުގެ ސޯޝަލް ސަޕޯޓް ޑެސްކަށް ހަދިޔާ ކޮށްފިއެވެ.
އެކަމާއި ގުޅިގެން ކުޅުދުއްފުށީ ކައުންސިލުން ބުނީ ހދ. އަތޮޅު ތަޢުލީމީ މަރުކަޒު އަދި ޖަލާލުއްދީން ސުކޫލް ފަރާތުން ސޯޝަލް ސަޕޯޓް ޑެސްކުގައި މަސައްކަތް ކުރާ ފަރާތްތަކަށް މާސްކު ފަހައި ހަދިޔާ ކުރުމަކީ އެސިޓީގެ ކޯވިޑް-19 ޓާސްކް ފޯހުން ކުރަމުންދާ މަސައްކަތަށް ލިބުނު އިތުރު ހިތްވަރެއް ކަމަށެވެ.
އެ ޓާސްކް ފޯހުން ކުރަމުންދާ ބުރަ ބޮޑު މަސައްކަތަށް އެކި ފަރާތްތަކުން ދެމުންގެންދާ އެހީތެރިކަން އުފަލާއެކު ބަލައިގަންނަ ކަމަށްވެސް ކުޅުދުއްފުށީ ކައުންސިލުން ވަނީ ބުނެފައެވެ.
މާސްކު ހަދިޔާ ކުރި އެއް ސްކޫލް ކަމުގައިވާ ޖަލާލުއްދީން ސްކޫލް ފޭސްބުކް ޕޭޖްގައި އެކަމާއި ގުޅިގެން ބުނެފައި ވަނީ ކޯވިޑް-19 އިން ރައްޔިތުން ރައްކާތެރި ކުރުމަށް އެސިޓީގެ ފްރަންޓް ލައިންގައި މަސައްކަތް ކުރަމުންދާ ބަތަލުންނާއި މެދު ފަޚުރުވެރިވާ ކަމަށާއި، އެމީހުންގެ މަސައްކަތުގެ އަގު ވަޒަންކޮށް އެ ސްކޫލުގެ މުވައްޒަފުން ފަހާފައިވާ 117 ފޮތި މާސްކު ހަދިޔާކޮށްފައިވާ ކަމަށެވެ. އެ ސްކޫލުންވަނީ އެ ސްކޫލުގެ މުދައްރިސުންނަށް އެމަސައްކަތުގައި ދިން އެއްބާރުލުމަށް ޚާއްސަ ޝުކުރެއް އަދާކޮށްފައެވެ.
މާސްކު ހަދިޔާކުރި އަނެއް ސްކޫލް ކަމުގައިވާ ހދ. އަތޮޅު ތައުލީމީ މަރުކަޒުންވެސް ބުނެފައިވަނީ އެމައްސަކަތުގައި އެހީތެރިވެވުމުން އުފާކުރާ ކަމަށެވެ. އެ ސްކޫލުންވެސް ވަނީ އެސްކޫލްގެ މުވައްޒަފުން ކޮށްދިން ބުރަ މަސައްކަތަށް ޝުކުރު އަދާކޮށްފައެވެ.
ކުޅުދުއްފުށީ ސިޓީގައި ހިންގާފައިވާ ފުރަބަންދު، ބަދަލު ތަކަކާއިއެކުވަނީ ކުޅުދުއްފުށީ ކައުންސިލުން ދަމަހައްޓާފައިއެވެ. އެ ގޮތުން 01 މެއި 2020 އިން 07 މެއި 2020 ގެ ނިޔަލަށް ޒަރޫރީ ބޭނުންތަކަށް ހުއްދަ ހޯދުމަކާއި ނުލައި ހެނދުނު 06:00 އިން ހަވީރު 03:30 އަށް ނުކުމެ އުޅެވޭގޮތައް ހަމަޖައްސައި، މި ނޫން ގަޑިތަކުގައި ކުޅުދުއްފުށި ސިޓީގައި ހުއްދަ ހޯދުމަކާއި ނުލައި ބޭރަށް ނުކުމެ އުޅުން ވަނީ މަނާކަން ކޮށްފައެވެ.
ކުޅުދުއްފުށީ ސިޓީ ތިން ދުވަހަށް ފުރަތަމަ ފުރަ ބަންދުކުރީ އޭޕްރިލް މަހުގެ 21 ވަނަ ދުވަހު މެންދު 12:00 ގައިއެވެ. އޭގެ ފަހުން 23 އޭޕްރިލްގައި އެ ނިންމުމުގެ މުއްދަތުވަނީ ހަތް ދުވަހަށް އިތުރު ކޮށްފައެވެ.
ކުޅުދުއްފުށީ ސިޓީއަކީ އުތުރުގެ ދަތުރު ފަތުރުގެ މައިހަބުގެ އިތުރުން، އުތުރުގެ ވިޔަފާރީގެ މައި މަރުކަޒެވެ. އަދި އެސިޓީއަކީ އުތުރުގެ 3 އަތޮޅު ރައްޔިތުން ސިއްޙީ ޚިދުމަތް ލިބިގަންނަ މައި ހޮސްޕިޓަލްވެސް ގާއިމުކޮށްފައި ހުންނަ ސިޓީއެވެ.
މީގެ ކުރިން ވަނީ ހދ. އަތޮޅުން ކުމުންދޫ އަދި ނޮޅިވަރަމް ސްކޫލްގެ މުވައްޒަފުން ފޮތި މާސްކު ފަހައި، އެރަށްތަކު ޓާސްކް ފޯހަށް މާސްކު ހަދިޔާ ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!