ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު އިތުރު މިފެށޭ މޭމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކޮށްފިއެވެ.

އެކަން ޢިއުލާނު ކުރެއްވީ ހެލްތު މިސްޓަރު ޢަބުދު ﷲ ނެރުއްވި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރަށް ދެމެހެއްޓުމަށް އިޢުލާނުކުރާ ޤަރާރުން ނެވެ.

Ad
rt

އެ ޤަރާރުގައި ބުނެފައި ވަނީ ދުނިޔޭގެ އެކި ޤައުމުތަކުގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 އަށް ދިވެހިރާއްޖޭގައި ޕޮޒިޓިވް ވި ފުރަތަމަ ކޭސް 7 މާރިޗު 2020 ގައި ފެނުނު ފަހުން، އެ ބަލި ފެތުރުން އިތުރުވަމުން އައިސްފައިވާ ކަމަށެވެ.

ކޯވިޑް-19 އަކީ "ޕެންޑަމިކް" އެއްގެ ގޮތުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ވަރލްޑް ހެލްތު އޯގަނައިޒޭޝަން)
އިން 11 މާރިޗު 2020 ގައި ކަނޑައަޅައިފައިވާއިރު، ޤާނޫނު ނަންބަރު 7/2012 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 33 ވަނަ މާއްދާގެ ދަށުން، މިނިސްޓަރ އޮފް ހެލްތަށް ލިބިދޭ ބާރުގެ ދަށުން، 12 މާރިޗު 2020 އިން ފެށިގެން 30 (ތިރީސް) ދުވަހުގެ މުއްދަތަށް، ދިވެހިރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި، އިޢުލާނު ކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު، 30 އެޕްރީލް 2010 ގެ ނިޔަލަށް ދެމެހެއްޓުމަށް 10 އެޕްރީލް 2020 ގައި ނިންމައިފައިވާކަމަށް އެ ޤަރާރުގައި ބުނެފައި ވެއެވެ.

މިގޮތުން ދިވެހިރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކޯވިޑް-19 ބަލި ފެތުރުމުގެ ނުރައްކާ އަދިވެސް އޮތްކަމަށާއި،
12 މާރިޗު 2020 ގައި އިޢުލާނު ކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ދެމި އޮތްކަމަށާއި، އަދި އެ ނުރައްކާ ކުޑަކޮށް، ޢާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ޤަބޫލު ކުރެވޭ ކަމަށް މިނިސްޓަރަށް ލަފާދީފައި ވާ ކަމަށްވެސް އެ ޤަރާރުގައި ބުނެފައި ވެއެވެ.

އެހެން ކަމުން ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން، މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުން، ދިވެހިރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި، އިޢުލާނު ކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު، 12 މާރިޗު 2020 އިން ފެށިގެން 30 މޭ 2010 ގެ ނިޔަލަށް، ދެމެހެއްޓުމަށް ނިންމައި، އެކަން އިޢުލާނު ކުރާކަމަށް އެ ޤަރާރުގައި ވެއެވެ.

އެ ޤަރާރުގައި އިތުރަށް ބުނެފައި ވަނީ ވަގުތާއި ޙާލަތަށް ރިޢާޔަތްކޮށް، ޢާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ޓަކައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އަޅަމުންގެންދިޔުމަށް، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އަންގާ ކަމަށެވެ.