ހދ. ނޮޅިވަރަމް ސްކޫލްގެ މުވައްޒަފުން މާސްކް ފަހައި، އެ މާސްކްތައް އެ ރަށުގެ ކޯވިޑް-19 ޓާސްކް ފޯހަށް ހަދިޔާ ކޮށްފިއެވެ.

ނޮޅިވަރަމް ސްކޫލްގެ ފޭސްބުކް ޕޭޖުގައި ބުނެފައިވާ ގޮތުން އެ ސްކޫލްގެ މުވައްޒަފުންވަނީ 216 ފޮތި މާސްކް އެ ރަށު ކޯވިޑް-19 ޓާސްކް ފޯހަށް ހަދިޔާ ކޮށްފައިއެވެ.

Ad
rt

އެ ސްކޫލުން ބުނެފައިވަނީ ރަަށަށްޓަކައި ކޮށްދެވުނު ކޮންމެ ކަމެއް ކުރުމަށް ތައްޔާރަށް ތިބި ކަމަށެވެ. އަދި މި އުނދަގޫ ވަގުތުގައި އެ ރަށު ޓާސްކް ފޯހަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް 216 ފޮތި މާސްކް ހަވާލުކޮށްފައި ވާކަމަށް އެ ސްކޫލުން ވަނީ ބުނެފައެވެ.

އެ ސްކޫލުން ވަނީ އެކަމަށް އެދުމުން އެ ސްކޫލްގެ މުވައްޒަފުން ދިން އަވަސް އެއްބާރު ލުމަށް ޝުކުރު އަދާ ކޮށްފައެވެ.

އެޗްޕީއޭއިން ވަނީ މިހިނގާ އޭޕްރިލް މަހުގެ 19 ވަނަ ދުވަހު އެރަށް މޮނިޓަރިންގ ހާލަތަށް ލުމަށްފަހު ޖެހިގެން އައި ދުވަހު އެރަށް މޮނިޓަރިންގ ހާލަތުން ނަގާފައެވެ.

އުތުރުން ހއ. އުލިގަމު މީހަކު ކޯވިޑް-19 އަށް ފައްސިވެފައިވާއިރު، ށ. ނަރުދޫ އަމާޒު ބޯޓުގެ ކެޕްޓަންވެސް ވަނީ ކޯވިޑް-19 އަށް ފައްސިވެފައެވެ.

އެ ދެ ކޭހާއި ގުޅިގެން އިހަވަންދޫ އިން 23 މީހަކު މިހާރު ސާމްޕަލް ނަގާފައި ވާއިރު، ކުޅުދުއްފުށީ ސިޓީއިން މީހަކު ސާމްޕަލް ނަގައި، ގެއެއްވަނީ މޮނިޓަރިންގ އަށް ގެނެސްފައިއެވެ.

ރާއްޖެއިން މިއަދުވެސް 50 މީހުން ކޯވިޑަށް ފައްސިވެފައިވާއިރު މިހާތަނަށް ޖުމްލަ 191 މީހުންވަނީ ފައްސިވެފައެވެ.

އުލިގަމުން ފައްސިވި މީހާ ދަތުރުކޮށްފައި ވަނީ ހއ. އިހަވަންދޫ ކާވިޔާ ބޯޓުގައެވެ.