ސަރުކާރުގެ ކޭޝްފްލޯ ހަމަޖެއްސުމަށްޓަކައި މަރުކަޒީ ބޭންކް (އެމްއެމްއޭ)ގެ ޕަބްލިކް އެކައުންޓުން ފައިސާ ނެގުމަށްޓަކައި ސަރުކާރުން އެދުނު އެއް އަހަރު ދުވަހުގެ ހުއްދަ ދޭން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނަށް އިސްތިސްނާ ވާން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެދިވަޑައިގަންނެވި ގޮތަށް މަޖިލީހުން ހުއްދަ ދިނުމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ހުށަހެޅުއްވި ހުށަހެޅުއްވުން ފާސްކުރީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައިވެރިވި ވެވަޑައިގެންނެވި 69 މެމްބަރުންގެ ތެރެއިން 60 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ ކަމާ ދެކޮޅަށް ހަތް މެންބަރަކު ވޯޓު ދެއްވި އެވެ.

Ad
rt

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައިވާ ގޮތުން އެމްއެމްއޭއިން ސަރުކާރުގެ ދަރަންޏަށް ފައިސާ ނެގޭ ލިމިޓަކީ އެވެރެޖް އާމްދަނީގެ އެއް ޕަސެންޓެވެ. އެއީ ގާތްގަނޑަށް 220 މިލިއަން ރުފިޔާ އެވެ. އެ ގޮތަށް ނަގާ ދަރަންޏެއް 91 ދުވަސް ތެރޭގައި ސަރުކާރުން އެމްއެމްއޭއަށް ދައްކަން ޖެހޭ ކަމަށް ވެސް ގާނޫނުގެ އެ މާއްދާގައި ބުނެ އެވެ.

މިނިސްޓަރު އަމީރު އެދިވަޑައިގެންފައި ވަނީ 4.4 ބިލިއަން ރުފިޔާއަށް އެ ލިމިޓް މަތިކޮށްދިނުމަށެވެ. އަދި އެއް އަހަރު ދުވަހުގެ މުއްދަތަކަށް ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނަށް އަމަލު ކުރުން އިސްތިސްނާކޮށްދިނުމުގެ ހުއްދައަކަށެވެ. އޭރުން އެ ފައިސާ އެމްއެމްއޭއަށް އަނބުރާ ދައްކަން ޖެހޭނީ ވެސް އަހަރު ދުވަހުގެ ތެރޭގަ އެވެ.

ފިނޭންސް މިނިސްޓަރު އަމީރު ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ފޮނުވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫގެ 32 ވަނަ މާއްދާގެ ހ. އާއި ރ. އަދި ބ. އަށް އަމަލުކުރުން އެއް އަަހަރު ދުވަހަށް ހުއްޓައިލުމުގެ ހުއްދަ ދިނުމަށެވެ.

ސަސްޕެންޑް ކޮށްދޭން ސަރުކާރުން އެދިފައިވާ އެއް މާއްދާ، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ ހ. ގައި ބުނެފައި ވަނީ ސަރުކާރުން ދަރަންޏަށް މަރުކަޒީ ބޭންކުން ފައިސާ ނެގޭނީ 91 ދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް ކަމަށެވެ. އެގޮތަށް ނެގޭނީ މާކެޓް އިންޓަރެސްޓް ރޭޓަށް ނުވެ ދަށް ނުވާ ރޭޓެއްގައި އެޑްވާންސްގެ ގޮތުގައި ކަމަށް ވެސް އެ މާއްދާގައި ވެ އެވެ. އެމްއެމްއޭއިން ދަރަންޏަށް ފައިސާ ނެގޭނެ މިންވަރެއް ވެސް އެ މާއްދާގައި ބުނެފައި ވެ އެވެ.

އެ ގާނޫނުގައި އިތުރަށް ބުނާ ގޮތުން އެ ގާނޫނުގައި ދައުލަތުގެ ފައިސާ ހަރަދު ކުރުމުގައި މިނިސްޓްރީއަށް އަމަލު ކުރަން ލާޒިމުވާ މާއްދާތަކުން މަޖިލީހުން ކަނޑައަޅާ މުއްދަތަކަށް އިސްތިސްނާ ކުރެވޭނެ އެވެ. އިސްތިސްނާ ކުރެވެނީ ގުދުރަތީ ނޫނީ އިގްތިސޯދީ ކާރިސާތަކުގެ ދަނޑިވަޅުތަކުގައި ކަމަށް ވެސް އެ ގާނޫނުގައި ބުނެ އެވެ.

ސަރުކާރު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ސުޕަމެޖޯރިޓީ މަޖިލީހުގައި އޮތްއިރު، ހުރިހާ މެންބަރުން ވެސް ހުއްދަ ދޭން ތާއީދު ކުރެއްވި އެވެ. ނަމަވެސް ބައެއް މެންބަރުން ވަނީ އެ ފައިސާ ހަރަދު ކުރަން ރާވާފައިވާ ގޮތުގެ ތަފުސީލުތައް މަޖިލީހުން ހޯދަން ޖެހޭނެ ކަމަށް ވިދާޅުވެ ވަކާލާތު ކުރައްވާފަ އެވެ. ރައްޔިތުންގެ މަޖިލީހުގައި އެ މައްސަލައިގައި ކުރި ތިން ދަވުގެ ބަހުސްގައި 57 މެމްބަރަކު ވާހަކަ ދެއްކެވި އެވެ.

ބެލެވޭ ގޮތުގައި އެމްއެމްއޭއިން ސަރުކާރަށް ދަރަންޏަށް ނަގާ އެ ފައިސާ ހަރަދު ކުރާނެ ގޮތުގެ މައްސަލަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބަލާނެ އެވެ. މަޖިލީހުގެ ގަވާއިދު އޮންނަ ގޮތުން ވެސް އެ މައްސަލަ ބެލުމުގެ މެންޑޭޓް މާލިއްޔަތު ކޮމިޓީއަށް އޮވެ އެވެ.