މިމަހުގެ 15 ވަނަ ދުވަހު މާލެއިން އުތުރުގެ ބައެއް ރަށްތަކަށް ދަތުރުކޮށްފައިވާ ށ.ނަރުދޫ "އަމާޒު" ބޯޓުން ދަތުރުކުރި ކުޅުދުއްފުށީ 2 މީހުން އަމިއްލަ އަށް ގޭގައި އެކަހެރި ވެއްޖެއެވެ.
އަމާޒު ބޯޓުގެ ކެޕްޓަން ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން، އެޗްޕީއޭ އިން މިރޭ ވަނީ މި މަހުގެ 15 ވަނަ ދުވަހު އެ ބޯޓުން ދަތުރުކުރި މީހުން އެޗްޕީއޭގެ ހޮޓްލައިނަށް ގުޅައި އެންގުމަށް އެދިފައެވެ.
އެ ބޯޓުން ދަތުރުކުރި ކުޅުދުއްފުށީ ކައުންސިލްގެ ކުރީގެ ނައިބް ރައީސް މުޙައްމަދު އައިމަން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ އޭނާ އާއި ދެން އެ ބޯޓުން ދަތުރުކުރި ކުޅުދުއްފުއްޓަށް ނިސްބަތްވާ މީހާގެ ހާލުވެސް އަދި އެމީހުންގެ އާއިލާގެ ހާލުވެސް ރަނގަޅު ކަމަށެވެ. މިއާއި އެކު އަމިއްލައަށް ގޭގައި އެކަހެރިވެގެން ހުރިކަމަށް އައިމަން ބުނެފައި ވެއެވެ.
ބަލީގެ އަލާމާތެއް ވެސް ނުފެންނަ ކަމަށާއި ނަމަވެސް ރައްކާތެރިކަމުގެ ގޮތުން ގޭގައި އަމިއްލަ އަށް އެކަހެރި ވެފައިވާ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
މި ބޯޓުން 98 މީހަކު ދަތުރުކޮށްފައިވާއިރު މި ބޯޓަކީ މި މަހުގެ 15 ވަނަ ދުވަހު މާލެއިން ފުރި ބޯޓެކެވެ. މި ބޯޓު ވަނީ ނ. މާފަރާއި ހެނބަދޫ، މިލަދޫ، ވެލިދޫ، ކެނދިކުޅުދޫ، ހޮޅުދޫ އަދި ށ. ނަރުދޫ، ފުނަދޫ، މާއުނގޫދޫ އަދި ފީވައްގެ އިތުރުން ހއ. އުތީމާއި ދިއްދޫ އަށް ދަތުރުކޮށްފައިވައެވެ.
މި ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން މިހާތަނަށް ފަސް މީހެއްގެ ފަރާތުން ވަނީ ބަލީގެ އަލާމާތްތަކެއް ފެނިފައެވެ.
އަމާޒު ބޯޓުގެ ކެޕްޓަން ޕޮޒިޓިވްވުމުން އެ ބޯޓު ދަތުރުކުރި ބައެއް ރަށްތައް މިހާރު ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.
މިވަގުތު ކުޅުދުއްފުށި ސިޓީ އޮތީ ފުރަ ބަންދުކޮށްފައެވެ. ކުޅުދުއްފުށި ކޯވިޑް19 ޓާސްކްފޯސްއިން އަންނަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!