ކޯވިޑް-19 އާއި ގުޅިގެން ހއ. އަތޮޅުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ދަމަހަށްޓަން ހއ. އަތޮޅު ކައުންސިލުން ނިންމައިފިއެވެ.
އެގޮތަށް ނިންމީ 23 އޭޕްރީލް 2020 ވަނަ ދުވަހު ފޯން ކޮންފަރެސް މެދުވެރިކޮށް ކުރިއަށް ގެންދިޔަ ހއ. އަތޮޅު ކައުންސިލްގެ 148 ވަނަ ބައްދަލުވުމުގައިއެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާ މީހަކު ހއ. އަތޮޅުން ފެނުމާއި އަދި އޭނާ ދަތުރުކުރި ބޯޓުގައި ހއ. އަތޮޅުގެ ބައެއް ރަށްރަށުގެ މީހުން ދަތުރުކޮށްފައިވާތީ އަތޮޅު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން ކަމަށް ހއ. އަތޮޅު ކައުންސިލުން ބުނެއެވެ.
އެ ކައުންސިލުން ބުނީ މި ބައްދަލުވުމުގައި އަތޮޅު ކައުންސިލްގެ ހުރިހާ މެމްބަރުންވެސް މަޝްވަރާކުރައްވައި ނިންމެވީ މޮނިޓަރިން ހާލަތުން ހއ. އުލިގަމު ފިޔަވައި އެހެން ރަށްރަށް ނެގިނަމަވެސް މުޅިރާއްޖެ މިހާރު ފުރަބަންދު ހާލަތުގައި އޮތުމާއެކު މޮނިޓަރިންގެ ހާލަތުގައި ރަށްރަށުން ކަންކުރެއްވި އުސޫލާއި އެޗް.ޕީ.އޭގެ ގައިޑްލައިނާ އެއްގޮތަށް ހއ. އަތޮޅުގެ ހުރިހާ ރަށެއްގައިވެސް ކަންކަންކުރިއަށް ގެންގޮސް ދަމަހައްޓަން ފެންނަކަމަށެވެ. އަދި ކައުންސިލްތަކުން ކަންކަން ނިންމަވަން ވާނީ އެޗް.ޕީ.އޭގެ ގައިޑް ލައިނާއި އެތަނުގެ ލަފާއާއި އެއްގޮތަށް ކަމަށެވެ.
މީގެއިތުރުން ރަށްރަށުގެ ޓާސްކް ފޯސްތަކާއި ހެލްޕް ޑެސްތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންވާ މާސްކާއި، އަންގިފަދަ ތަކެތި ހޯދުމަށް އެލް.ޖީ.އޭ މެދުވެރިކޮށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އެބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަތޮޅު ކައުންސިލްގެ ރައީސް ފާހަގަ ކުރެއްވި ކަމަށާއި، މިގޮތުން ރަށްރަށަށް ބޭނުންވާ ތަކެތީގެ ޢަދަދު ނަގާ މިހާރު އެލް.ޖީ.އޭއަށް ފޮނުވާފައިވާ ކަމަށްވެސް ރައީސް ވިދާޅުވި ކަމަށް ހއ. އަތޮޅު ކައުންސިލުން ބުންޏެވެ.
ހއ. އިހަވަންދޫ ކާވިޔާ ބޯޓުން ދަތުރުކޮށްފައިވަނީ ހއ. އުލިގަމު، ތުރާކުނު، ހޯރަފުށި، އިހަވަންދޫ، މާރަންދޫ، ތަކަންދޫ މީހުން ކަމަށްވެސް އެކައުންސިލުން ބުނެފައި ވެއެވެ.
އަތޮޅު ތަކުން މީހުން ދިރިއުޅޭ ރަށަކުން ފުރަތަމަ ކޯވިޑް-19 ބައްޔަށް މީހަކު ފައްސިވެފައިވަނީ އެ އަތޮޅު އުލިގަމުންނެވެ. އެމީހާ މިހާރު އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކޮށްފައި ވާއިރު، އުލިގަމު އޮތީ މޮނިޓަރިން ހާލަތުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!