ރައްރަށުގެ ކައުންސިލްތަކުން ވިޔަފާރި އުސޫލުން ކުއްޔަށް ދޫކޮއްފައިވާ ބިންތަކުގެ ކުލި ފަސްކޮއްދިނުމަށް، އިހަވަންދޫ ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު ޝިފާއު ގޮވާލައްވައިފިއެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިފާއު ވިދާޅުވީ ރައްރަށުގެ ކައުންސިލްތަކުން ވިޔަފާރި އުސޫލުން ކުއްޔަށް ދޫކޮއްފައިވާ ބިންތަކުގެ ކުލި ފަސްކޮއްދިނުމަށް ގޮވާލާކަމަށެވެ.
މިވަގުތު ވިސްނަންވީ ވިޔަފާރިތަކާއި، އަދި އެވިޔަފާރިތަކާ ގުޅިފަހުރި ވަޒީފާތަށް ސަލާމަތް ކުރުމަށް ކަމަށްވެސް މެމްބަރު ޝިފާއު ވިދާޅުވިއެވެ.
" ރަށް ރަށުގެ ކައުންސިލްތަކުން ބިންތައް ކުއްޔަށް ނަގައިގެން ހިންގޭ ވިޔަފާރިތަކަށް އަދި މިއަދު ލުޔެއް ލިބިފައި އޮތް ތަނެއް ނުފެނޭ، އަޅުގަނޑު އެދެން ލޯކަލް ކައުންސިލްތަކުން ވިޔަފާރި އުސޫލުން ކުއްޔަށް ދޫކޮށްފައި ހުރި ބިންތަކުގެ ކުލިވެސް މުއްދަތަކަށް އެފަރާތްތަކަށް ފަސްކޮށްދޭން. އެހެންނޫނީ އެވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ތަހައްމަލު ކުރަން ޖެހޭނެ." މެމްބަރު ޝިފާއު ވިދާޅުވިއެވެ.
މެމްބަރު ޝިފާއު ވިދާޅުވީ ހަމައެކަނި ހާލުގައި ޖެހިފައިވަނީ މާލޭގައި ހުރި ވިޔަފާރިތައް ނޫން ކަމަށެވެ. އަތޮޅުތަކުގައި ހުރި ވިޔަފާރިތަކަށްވެސް ވަރަށްބޮޑު ހީނަރު ކަމަކާއި ކުރިމަތި ލާން ޖެހިފައިވާ ކަމަށްވެސް މެމްބަރު ޝިފާއު ވިދާޅުވިއެވެ.
ރައްރަށުގެ ކައުންސިލްތަކުން ވިޔަފާރި އުސޫލުން ކުއްޔަށް ދޫކޮއްފައިވާ ބިންތަކުގެ ކުލިވެސް ފަސްކޮއްދިނުމަށް ގޮވާލަން. މިވަގުތުވިސްނަންވީ ވިޔަފާރިތަށް ސަލާމަތްކުރުމަށް، އަދި އެވިޔަފާރިތަކާ ގުޅިފަހުރި ވަޒީފާތަށް ސަލާމަތް ކުރުމަށް. pic.twitter.com/Gst22rKhl0
— MP Mohamed Shifau (@mhshifau) April 23, 2020
އެސަބަބަށްޓަކައި ރަށްރަށުގެ ކައުންސިލްތަކުން ވިޔަފާރި އުސޫލުން ދޫކޮށްފައި ހުރި ބިން ތަކުގެ ކުލި ވީއެންމެ އަވަހަކަށް އެފަރާތްތަކަށް ފަސްކޮށް ދިނުމަށް ނުވަތަ އެހެން އިންތިޒާމުތަކެއް ހަމަޖައްސައި ދިނުމަށް އެދޭ ކަމަށް މެމްބަރު ޝިފާއު ވިދާޅުވިއެވެ.
ކޯވިޑް-19 ގެ ބަލި މަޑުކަމުގެ ސަބަބުން ރާއްޖެގެ އިގްތިސާދަށްވެސްވަނީ ފޫނުބެދޭ ވަރުގެ ގެއްލުން ކުރުމަތިވެ، އެތައް ޢާއިލާއެއް ދަނީ އެ ދަތިކަން ތަހައްމަލު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!