ހދ. ކުޅުދުއްފުށި ސިޓީގައި ކާފިއު ހިންގާ ފުރަބަންދުކޮށްފައިވާ މިދަނޑިވަޅުގައި ކުޅުދުއްފުށީގެ ރައްޔިތުންގެ ފަރާތުން ފެންނަމުންދަނީ މުޅި ރާއްޖެއަށް ފަހުރުވެރިވާ ވަރުގެ ކިޔަމަންޠެރިން ބައެއްގެ ގޮތުގައި ކަމަށް އަޕަރ ނޯތު ޕޮލިސް ޑިވިޜަންގެ ކޮމާންޑަރު ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަލީ ފާއިޒް ވިދާޅުވެއްޖެ އެވެ.

ޕޮލިސް ކޮމާންޑަރު އަލީ ފާއިޒު ފޭސްބުކްގައި ވީޑިއޯ އެއް ހިމަނިއްވާ ކުރެއްވި ޕޯސްޓެއްގައެވެ. މި ވީޑިއޯއިން ފެނިގެން ދަނީ ކުޅުދުއްފުށި ސިޓީގައި ކާފިއު ހިންގާފައިވާ ވަގުތުގައި ރަށުތެރެ ޕެޓިރޯލްކުރަން އުޅުނު ފުލުހުން ނަގާފައިވާ މަންޒަރުތަކެކެވެ.

Ad
rt

ފާއިޒު ހިއްސާކޮށްފައިވާ ވީޑިއޯއިން ފެންނަނީ މުޅި މަގުތައް އެކީ ހުސްކޮށް އޮންނަ މަންޒަރެވެ. މިއީ ބޮޑެތި ރަށްތަކުން ވަރަށް މަދުން ނޫނީ ނުފެންނަ މަންޒަރެއްކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަންވެސް ވަނީ ރައްޔިތުންގެ ފަރާތުން ފެންނަ ކިޔަމަންތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވައި ރައްޔިތުންނަށް ތައުރީފްކުރައްވާފަ އެވެ.

ކުޅުދުއްފުށީ ސިޓީ ފުރަބަންދު ކޮށްފައި ވާއިރު، އެ ސިޓީ ފުރަބަންދު ކުރުމަށް ކުޅުދުއްފުށީ ކައުންސިލުން އަންގާފައިވާ އެންގުމާއި ޚިލާފު ވާނަމަ ޖޫރިމަނާ ކުރުމުގެ އިޚްތިޔާރު ލިބިގެންވާ ކަމަށް އެ ކައުންސިލުންވަނީ ބުނެފައެވެ.

މިދަނޑިވަޅުގައި ބަލި ކޮންޓްރޯލް ކުރުމަށް ހުރިހާ ރައްޔިތުން ވެސް އެއްބާރުލުން ދިނުމަށާއި ސަލާމަތީ ބާރުތަކުގެ
އެންގުންތަކަށް ފުރިހަމައަށް ބޯލެބުމަށް އެކައުންސިލުން ވަނީ އިލްތިމާސް ކޮށްފައެވެ. ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ހުރިހާ ރައްޔިތުން ފަރުދީ ޒިންމާ ފުރިހަމައަށް އަދާކުރުމަށްވެސް އެކައުންސިލްވަނީ ނަސޭހަތްތެރިވެފައެވެ.