ހއ. ހޯރަފުށީގައި ބޭރަށް ނުކުމެ އުޅުން މަނާކޮށް، އިތުރު ފިޔަވަޅުތަކެއް އެރަށު ކައުންސިލުން އަޅައިފިއެވެ.

ހޯރަފުށީ ކައުންސިލުން ކުރި ޢިއުލާނެއްގައި ބުނެފައިވަނީ 2020 އެޕްރީލް 19 ވަނަ ދުވަހު ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިގެންވާ ބާރުގެދަށުން ހޯރަފުށި މޮނިޓަރިން ޙާލަތައް ގެނެސްފައިވާ ކަމަށެވެ.

Ad
rt

އެހެންކަމުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ހޯރަފުށީ ކައުންސިލުން މިއެންގުން އަންގާ ވަގުތުން ފެށިގެން ވަކިގޮތެއް އަންގަންދެން އެ ޢިއުލާންގައިވާ ފިޔަވަޅުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އަންގާ ކަމަށް ހޯރަފުށީ ކައުންސިލުން ބުނެފައި ވެއެވެ.

ހޯރަފުށީ ކައުންސިލުން އެޅި ފިޔަވަޅުތައް

1. މިއެންގުން އަންގާ ވަގުތުން ފެށިގެން ގެއިންބޭރަށް ނިކުމެ އުޅުން މަނާ.
2. ކައުންސިލުން ވަކިގޮތެއް އަންގަންދެން ޝަރޫރީ ބޭނުން ތަކުގައިވެސް ބޭރަށް ނިކުމެ އުޅުން މަނާ.
3. 2020 އެޕްރީލް 19 ވަނަ ދުވަހުގެ މަޣްރިބް ނަމާދުން ފެށިގެން މިސްކިއްތަކުގައި ޖަމާޢަތުގައި ނަމާދު ކުރުމާއި ހުކުރު ނަމާދު ކުރުމާއި، ތަރާވީޙް ނަމާދު ކުރުން 2020 އޭޕްރީލް 30 ވާ ބުރާސްފަތި ދުވަހުގެ އަޞުރު ނަމާދުގެ ނިޔަލަށް ހުއްޓާލުން.
4. ވިޔަފާރިކުރާ ފިހާރަތަކާއި، ސައިހޮޓާ ރެސްޓޯރެންޓް ތަކާއި، ކެފޭފަދަ ތަންތަން ބަންދުކޮށް ޑެލިވަރީގެ ޚިދުމަތް ދިނުން.
5. މަސައްކަތް ކުރުމަށާއި ދަތުރު ފަތުރުކުރުމަށް ދޫކޮށްފައިވާ އެންމެހާ ހުއްދަތައް ބާތިލްކުރުން.
6. ކޯވިޑް-19 ހޯރަފުށީ ޓާސްކްފޯހުގެ ފަރާތުން އަޅުއްވާފައިވާ އެންމެހާ ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލުކުރުމާއި، ކޯވިޑް-19 އިން ރައްކާތެރިވުމަށް ކަމާބެހޭ އިދާރާތަކުން ދެއްވާ އިރުޝާދު ތަކާއި އެއްގޮތަށް ޢަމަލުކުރުން.

އިސްވެ ދެންނެވި ފިޔަވަޅުތައް ވަގުތާއި ޙާލަތަށް ރިޢާޔަތްކޮށް ކަމާއި ގުޅޭ މުއައްސަސާތަކާއި ގުޅިގެން ތަންފީޒުކުރަމުން ދާނެ ކަމަށާއި، އަދި މިއަމުރުތަކާއި ޚިލާފުވާ އެންމެހާ ފަރާތްތަކަށް ޤާނޫނީ ފިޔަވަޅު އަޅާނެކަމުގައިވެސް އެ ކައުންސިލްގެ ޢިއުލާންގައި ބުނެފައި ވެއެވެ.

މިފިޔަވަޅުތައް އެޅުމަށް އެކައުންސިލުން ނިންމައި، ނިންމުން އާންމުކޮށްފައި ވަނަ 19 އޭޕްރިލް 2020 ވަނަ ދުވަހުން ފެށިގެންނެވެ.