މުޅި ދުނިޔެއަށް މިވަގުތު ދިމާވެފައިވާ ކޯވިޑް19 ގެ ބިރުވެރިކަން މިވަނީ ދިވެހި ރާއްޖެއަށްވެސް ކުރިމަތިވެފައެވެ. މާލެއިން މިބައްޔަށް ފައްސިވެފައިވާ އެތައްބަޔެއް ފެނިފައިވާއިރު ރާއްޖޭގެ އަތޮޅަކުން މިބަލި ފެނުނު ފުރަތަމަ އަތޮޅަކީ ހއ އަތޮޅެވެ.
އެއާއި އެކު ހއ. އަތޮޅު މިވަނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ރާއްޖޭގެ އެންމެ އުތުރުގައި އޮންނަން މިއަތޮޅަކީ އެއްބައިވަންތަ ރައްޔިތުންތަކެއް ދިރިއުޅެމުން އަންނަ އަތޮޅެކެވެ. ކޯވިޑް19 ގެ ބިރުވެރި ރާޅު ތިލަދުންމައްޗަށް ބިންދާލާފައިވާ މިނާޒުކު ދަނޑިވަޅުގައި ހއ އަތޮޅު ހޮސްޕިޓަލުގެ މުވައްޒަފުންގެ ފަރާތުން މިވަނީ ތަފާތު މަސައްކަތެއް ކުރަމުންދާ މަންޒަރު ފެނިފައެވެ.

ފޭސް މާސްކާއި ފޭސް ޝީލްޑް ތައްޔާރު ކުރުމުގައި އެހޮސްޕިޓަލުގެ އަންހެން ކަނބަލުންގެ ފަރާތުން މިވަގުތު ފެނިގެން މިދަނީ ތަފާތު ޖޯށެކެވެ. މި ކަމުގައި އެހޮސްޕިޓަލުގެ ހުރިހާ ކަނބަލުހެން އަންނަނީ އަމަލީ ގޮތުން ބައިވެރިވަމުންނެވެ. މިކަނބަލުންގެ އަމާޒު ހުރީ މުޅި ހއ އަތޮޅަށް ބޭނުންވާވަރަށް މިތަކެތި އަމިއްލަ ރަށުގައި ތިބެ ތައްޔާރު ކުރުމެވެ.

މިކަމާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ދެއްވަމުން އެހޮސްޕިޓަލް ހިންގުމާއި ހަވާލުވެހުރި އުސްމާން އަޝްރަފް ވިދާޅުވީ މިއީ އެ ހޮސްޕިޓަލުގެ މުވައްޒަފުންގެ އަމިއްލަ އިސްނެގުމުގެ މަތިން ކުރަން ފެށި މަސައްކަތެއްކަމަށެވެ. އެގޮތުން އެމަސައްކަތް ހޮސްޕިޓަލުގެ އިތުރުން ގޭގައި ތިބޭ ކަނބަލުންވެސް ފޭސްމާސްކް ތައްޔާރުކޮށް ހޮސްޕިޓަލަށް ފޮނުވަމުން ދާކަމަށެވެ.
މިވަގުތު ވިސްނުން ހުރީ ހއ އަތޮޅުގެ ހުރިހާ ސިއްޙީމަރުކަޒަކަށް ބޭނުންވާވަރަށް ފޭސް މާސްކް ތައްޔާތުކޮށް ފޮނުވުން، ހއ އަތޮޅަކީ އެންމެ ދުރުގައި އޮންނަ އަތޮޅު، ދަތުރު ފަތުރުގެ ދަތިކަން އިންތިހާއަށް އޮތުމާއި އެކު އެންމެ ނާޒުކު ވަގުތަކަށްވެސް ތައްޔާރުވުމުހެ މަސައްކަތް ދަނީ ކުރެވެމުން، މިވަގުތު ކުރެވެން ހުރި މުހިންމު ކަމެއްކަމަށް ދެކިގެން މުވައްޒަފުންގެ އަމިއްލަ އިސްނެގުމުގެ މަތިން ކުރަމުން އަންނަ މަސައްކަތެއް މިއީ
އުސްމާން އަޝްރަފް ވިދާޅުވިއެވެ.

މީގެ އިތުރުން އުސްމާން އަޝްރަފް ވިދާޅުވީ ފޭސް ޝީލްޑް އަކީ ތަފާތު ހާލަތް ތަކުގައި ބޭނުން ކުރަން ޖެހޭ އެއްޗެއްކަމުން ހުސްނުވެ ހުންނާނެވަރަށް އުފައްދަމުން ދާކަމަށެވެ. މިވަގުތު މިމުސީބާތުން ރައްކާތެރިވުމަށް ކުރެވެން ހުރި ހުރިހާކަމެއް ކުރަމުން އަންނަކަން ފާހަގަ ކުރަމުން އިތުރަށް ވިދާޅުވީ އަޅަމެން މިކުރާ މަސައްކަތުގައި ބަރަކާތްލައްވާ މިވަބާއިން އަޅަމެންނާއި މުޅި އިސްލާމީ އުއްމަތް ރައްކާތެރި ކުރެއްވުން އެދި ދުޢާ ކުރާ ހާލު ހުރިހާ ރައްޔިތުންގެ ކިބައިން އެދެނީ ގޭގައި ތިއްބަވާ މުވައްސަސާ ތަކުގެ އިރުޝާދުގެ މަތިން ކަންކަން ކުރެއްވުން ކަމުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!