ހއ. އުލިގަމުން ކޯވިޑް-19 އަށް ފައްސިވި މީހާއާއި ގުޅުން ހުރި 131 މީހުން ހޯދިއްޖެ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

މިހާރު ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއައިއޯސީ) ގައި ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ މެޑިކަލް އޮފިސަރ ޑރ. ނަޒްލާ ވިދާޅުވީ ކޭސް 52 އާއި ސީދާ ބައްދަލުވި 131 މީހުން ދެނެގަނެވިފައި ވާކަމަށެވެ. ކޭސް 52 އަކީ ހއ. އުލިގަމުން ކޯވިޑް-19 އަށް ފައްސިވެފައިވާ މީހާއެވެ.

Ad
rt

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ މި މަހުގެ 15 ވަނަ ދުވަހު ހެނދުނު މާލެއިން ގޮސްފައިވަނީ ހއ. އިހަވަންދޫގެ ކަނޑު ބޯޓެއްގަ އެވެ. އެހެންވެ، އެ ބޯޓުގައި އެކި ރަށްރަށަށް ދިޔަ މީހުން ތިބިއިރު މިހާރު ވަނީ ހަތް ރަށެއް މޮނީޓަރިން ހާލަތަށް ގެނެސްފަ އެވެ.

މިއީ މާލެއިން ބޭރުން، މީހުން ދިރިއުޅޭ ރަށަކުން ކޮވިޑް-19 ޖެހިފައިވާ މީހެއް ފެނުނު ފުރަތަމަ ފަހަރެވެ. އެމީހާ މިހާރު ވަނީ އައިސޮލޭޝަން ފެސިލިޓީއަކަށް ގެންގޮސްފަ އެވެ.

މިބައްޔާއި ގުޅިގެން މޮނިޓަރިންނަށް ގެނެސްފައިވާ ތިލަދުންމަތީގެ ހަތް ރަށަކީ ހއ. އޮތޮޅުގެ ފަސްރަށް ކަމަށްވާ ހއ. އުލިގަމު، ތުރާކުނު، އިހަވަންދޫ، ތަކަންދޫ، ހޯރަފުށި އަދި ހދ. އަތޮޅުގެ ދެ ރަށް ކަމަށްވާ ވައިކަރަދޫ، ހިރިމަރަދޫ އެވެ.