15 އެޕްރީލް 2020 އިން ފެށިގެން މާލެއިން، ނުވަތަ ހުޅުމާލެއިން ނުވަތަ ވިލިމާލެއިން ނުވަތަ ގުޅިފަޅުން،
ނުވަތަ ތިލަފުށިން ދިވެހިރާއްޖޭގެ އެހެން ރަށަކަށް ދަތުރުކޮށްފައިވާ މީހަކު ކަމުގައި ވާނަމަ، އެފަދަ މީހަކު އެ
ރަށަކަށް ދާ ދުވަހުން ފެށިގެން، 14 (ސާދަ) ދުވަހުގެ މުއްދަތަށް، އެފަދަ މީހަކު ދިރިއުޅޭ ތަނުގައި ނުވަތަ
އެނޫންވެސް ތަނެއްގައި އެކަހެރިވާން އެޗްޕީއޭއިން އަންގައިފިއެވެ.
އެޗްޕީއޭއިން މިރޭ އާންމު ކުރި އެންގުމުގައި ބުނީ ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރި ކަމަށް ޓަކައި، ޤާނޫނު ނަންބަރު 7/2012 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން، އެ ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން، އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް، 12 މާރިޗު 2020 ގައި، މިނިސްޓަރ އޮފް ހެލްތު އިޢުލާނު ކޮށްފައި ވާކަމަށެވެ.
ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު ޤާނޫނުގެ 34 ވަނަ މާއްދާގެ (ރ) އާއި (ށ) ގެ ދަށުން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ހައިސިއްޔަތުން ލިބިދޭ ބާރުގެ ދަށުން، އެ އެންގުން އެންގި ވަގުތުން ފެށިގެން، 14 (ސާދަ) ދުވަހުގެ މުއްދަތަށް އެ ދެންނެވުމުގައިވާ ފިޔަވަޅުތައް އެޅުމަށް އަންގާ ކަމަށް އެ އެންގުމުގައި ވެއެވެ.
އެޗްޕީއޭގެ އެންގުމުގައިވާ ފިޔަވަޅުތައް
- 15 އެޕްރީލް 2020 އިން ފެށިގެން މާލެއިން، ނުވަތަ ހުޅުމާލެއިން ނުވަތަ ވިލިމާލެއިން ނުވަތަ ގުޅިފަޅުން، ނުވަތަ ތިލަފުށިން ދިވެހިރާއްޖޭގެ އެހެން ރަށަކަށް ދަތުރުކޮށްފައިވާ މީހަކު ކަމުގައި ވާނަމަ، އެފަދަ މީހަކު އެ ރަށަކަށް ދާ ދުވަހުން ފެށިގެން، 14 (ސާދަ) ދުވަހުގެ މުއްދަތަށް، އެފަދަ މީހަކު ދިރިއުޅޭ ތަނުގައި ނުވަތަ އެނޫންވެސް ތަނެއްގައި އެކަހެރިވުން.
- 15 އެޕްރީލް 2020 އިން ފެށިގެން މާލެއަށް، ނުވަތަ ހުޅުމާލެއަށް، ނުވަތަ ވިލިމާލެއަށް، ނުވަތަ ގުޅިފަޅަށް، ނުވަތަ ތިލަފުށްޓަށް ވައިގެ މަގުން، ނުވަތަ ކަނޑުގެ މަގުން އުޅަނދުފަހަރުގައި މުދާ ބޭލުމަށް ނުވަތަ މުދާ އެރުވުމަށް ދަތުރުކުރާ އުޅަނދެއްގައިވާ މީހަކު މާލެއަށް، ނުވަތަ ހުޅުމާލެއަށް، ނުވަތަ ވިލިމާލެއަށް، ނުވަތަ ގުޅިފަޅަށް، ނުވަތަ ތިލަފުށްޓަށް ފައިބައިފި ނަމަ، އެ ފަދަ މީހަކު ދިރިއުޅޭ ރަށަށް ދާ ދުވަހުން ފެށިގެން 14 (ސާދަ) ދުވަހުގެ މުއްދަތަށް އެ ފަދަ މީހަކު ދިރިއުޅޭ ތަނުގައި ނުވަތަ އެނޫންވެސް ތަނެއްގައި އެކަހެރިވުން.
- މި އެންގުމުގެ 1 ވަނަ ނަންބަރާއި 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އެންގުމާ އެއްގޮތަށް، އެ އެންގުން ރައްދުވާ ފަރާތްތަކުން ޢަމަލު ކުރާކަން، ލޯކަލް ކައުންސިލްތަކާއި ކަމާބެހޭ އިދާރާތަކުން ކަށަވަރުކުރުން.
- 15 އެޕްރީލް 2020 އިން ފެށިގެން މާލެއަށް، ނުވަތަ ހުޅުމާލެއަށް، ނުވަތަ ވިލިމާލެއަށް ނުވަތަ ގުޅިފަޅަށް، ނުވަތަ ތިލަފުއްޓަށް ވައިގެ މަގުން، ނުވަތަ ކަނޑުގެ މަގުން އުޅަނދުފަހަރުގައި މުދާ ބޭލުމަށް ނުވަތަ މުދާ އެރުވުމަށް ދަތުރުކުރާ އުޅަނދުގައިވާ މީހުން ކޮވިޑް-19 އިން ރައްކައުތެރި ވުމަށް ޓަކައި، ޞިއްޙަތު ސަލާމަތްކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދިއުން.
މިފިޔަވަޅުތައް އެޅުމަށް އެންގި ނަމަވެސް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ކަނޑައަޅާ ޚާއްޞަ ހާލަތްތަކުގައި، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަންގާ ގޮތެއްގެ މަތިން ޢަމަލުކުރެވޭނެ ކަމަށްވެސް އެ އެންގުމުގައި ވެއެވެ.
މި ފިޔަވަޅުތައް ތަންފީޛުކޮށް، މި ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް، އެންމެހައި އިދާރާތަކަށާއި
ފަރާތްތަކަށް އަންގާ ކަމަށާއި، މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާއި އެއްގޮތަށް ޢަމަލުކުރުމަށްވެސް އެންމެހައި ފަރާތްތަކަށް އަންގާ ކަމަށް އެޗްޕީއޭގެ އެންގުމުގައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!