ދިވެހި ސަރުކާރާ ބަންގްލަދޭޝްގެ ސަރުކާރާއެކު ކުރެވުނު މަޝްވަރާތަކަށްފަހު، ރާއްޖެއިން ކޯވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތުގައި އެހީތެރިވުމަށް އެޤައުމުގެ މެޑިކަލް ޓީމެއް ރާއްޖެއަށް އަންނާނެކަމަށް ފޮރިން މިނިސްޓްރީއިން ހާމަކޮށްފިއެވެ.

ފޮރިން މިނިސްޓްރީއިން ބުނީ މި ޓީމަކީ 10 މެމްބަރުންގެ މައްޗަށް އެކުލެވޭ ޓީމެއްކަމަށާއި މިޓީމު އަންނަނީ އެގައުމުގެ އަސްކަރީ މަތިންދާބޯޓެއްގައި ނޭޕާލުން އަންނަ 18 ދިވެހިންނާއި، ބަންގްލަދޭޝްއިން އަންނަ 51 ދިވެހީން އަންނައިރު ކަމަށެވެ.

Ad
rt

ފޮރިން މިނިސްޓްރީން ބުނީ މިމަތިންދާބޯޓުން ރާއްޖެއަށް ގެނައުމަށްޓަކައި، ނޭޕާލުގައި ތިބި 18 ދިވެހިން އާދިއްތަ ދުވަހު ނޭޕާލުން ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ދަތުރުކުރާނެއެވެ. އަދި މި ފްލައިޓުން ރާއްޖެއަށް އަންނަ ދިވެހިން ތިބީ ބަންގްލަދޭޝްގެ އެކި ހިސާބުތަކުގައިކަމުން، އެމީހުން ވެރިރަށް ޑާކާއަށް ގެންދިޔުމުގެ މަސައްކަތް އިއްޔެއިން ފެށިގެން ބަންގްލަދޭޝްގެ އަސްކަރިއްޔާއިން ދަނީ ކުރަމުންނެވެ.

މިކަމަށް މަގުފަހިކުރުމަށްޓަކައި ބަންގްލަދޭޝްގެ ސަރުކާރާ ދިވެހި ސަރުކާރާ ދެމެދު ގިނަ މަޝްވަރާތަކެއް ވަނީ ކުރެވިފައެވެ. އަދި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރަށް ދެ ފަހަރެއްގެ މަތިން ގުޅުއްވައި، މަޝްވަރާކުރައްވާފައިވެއެވެ.

މީގެ އިތުރުން ބަންގްލަދޭޝްއިން ރާއްޖެއަށް 100 ޓަނުގެ އެހީގެ ތަކެތި ހިފައިގެން އަންނަ އެގައުމުގެ އަސްކަރީ މަނަވަރު މިފެށޭ ހަފްތާގެ ތެރޭގައި މާލެއަށް ބަނދަރު ކުރާނެކަމަށް ބުނެފައިވެއެވެ.