ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ރާއްޖެއަށް ދިމާވާނެ މާލީ ދަތި ތަކުން އަރައި ގަތުމަށް އެހީތެރި ވުމުގެ ގޮތުން އޮޕެކް ފަންޑުން ރާއްޖެއަށް 20 މިލިއަން ޑޮލަރުގެ އެމަޖަންސީ ލޯނެއް ދޭން ނިންމައިފިއެވެ.
އޮޕެކް ފަންޑުން ރާއްޖެއަށްދޭން ނިންމި 20 މިލިއަން ޑޮލަރުގެ ލޯނު އެހީއަކީ ދިވެހި ސަރުކާރުގެ އިޤްތިޞާދީ ރިކަވަރީ ޕްލޭނަށް އެހީވުމަށް ދޭން ނިންމާފައިވާ ލޯނެއް ކަމަށް އޮފިޑުން ބުނެއެވެ.
ޕަބްލިކް ސެކްޓަރއަށް ހަރަދުކުރުމަށް ދޭ ލޯނުގެ ގޮތުގައި އޮޕެކްގެ ގަވަރނިން ބޯޑުން 130.5 މިލިއަން ޑޮލަރުގެ އެމަޖަންސީ ލޯނު އެހީ އެކި ޤައުމުތަކަށް ދިނުމަށް ވަނީ ނިންމާފައެވެ.
އެ ގޮތުން އޮޕެކް ފަންޑްގެ މިފަހަރުގެ އެމެޖެންސީ ލޯނު އެހީ ރާއްޖޭގެ އިތުރުން މިސްރު، މާލީ، ނިކަރާގުއާ އަދި ޓެންޒޭނިއާއަށް ދިނުމަށް ވަނީ ނިންމާފައެވެ.
އޮޕެކް ފަންޑް ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް، އޮފިޑުގެ ދަށުން ތަރައްޤީވަމުން އަންނަ ދުނިޔޭގެ އެކި ޤައުމުތަކަށް ކޮވިޑް-19ގެ ސަބަބުން ދިމާވާ އިޤްތިސާދީ އަދި އިޖްތިމާއީ މައްސަލަތަކުގައި އެހީވުމަށް ލޯނުގެ ގޮތުގައި ޖުމްލަ 390 މިލިއަން ޑޮލަރު ދިނުމަށް ވަނީ ނިންމާފައެވެ.
އޮޕެކްގެ އޮފިޑް ފަންޑަކީ 1976 ވަނަ އަހަރު ތަރައްޤީ ވަމުންދާ ޤައުމުތަކަށް ދިމާވާ އެކިއެކި ކަންކަމުގައި އެހީވުމަށް ޤާއިމްކޮށްފައިވާ ފަންޑެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!