ނާޒިމްއަފާ ފައުންޑޭޝަނުން ދަނގެތީ ދާއިރާގެ ކޮންމެ ގޭބީސީއަކަށް ރޯދަ ހަދިޔާ ފޮނުވައިފިއެވެ.
އެގޮތުން ދާއިރާގެ ކޮންމެ ގޭބީސީއަކަށް ފިޔާ ބަސްތާއަކާއި ބިސް ކޭހެއް ރޯދަ އިނާޔަތުގެ ގޮތުގައި އެ ފައުންޑޭޝަނުން ވަނީ ދީފައެވެ. މި އެހީތެރިކަން ފާއިތުވި ރޯދަމަހުވެސް ދާއިރާގެ މެމްބަރު ނާޒިމްގެ ފަރާތުން ދާއިރާގެ ރަށްޔިތުންނަށް ވަނީ ފޯރު ކޮށްދީފައެވެ.

ކުރިން ޑިފެންސް މިނިސްޓަރުކަންވެސް ކުރެއްވި، މިހާރު ދަނގެތީ ދާއިރާގެ މަޖިލިސް މެންބަރު ނާޒިމް ވިދާޅުވީ މިއީ ރައްޔިތުންނަށް އެންމެ އެހީތެރިކަން ބޭނުންވާ ވަގުތު ކަމަށެވެ. އެހެން ކަމުން ކޮންމެ ރައްޔިތަކުވެސް އެމީހަކަށް ވެވުނު މިންވަރަކުން އެހީތެރިވެދިނުން މުހިންމު ކަމަށް ނާޒިމް ވިދާޅުވިއެވެ.
އެހީތެރިވުމަކީ ހަމައެކަނި ސަރުކާރުގެ ޒިންމާއެއް ކަމަށް ދެކިގެން ނުވާނެ ކަމަށާއި، މިދަނޑިވަޅުގައި އެހީތެރިވެ، އޯގާތެރިވުމަށް ގޮވާލާކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި ނާޒިމްގެ ދުއާއަކީ މި ހާލަތުން ވީހާވެސް އަވަހަށް އަރައިގަނެވޭނެ މަގެއް މިންވަރު ކުރެއްވުންކަމަށްވެސް ވިދާޅުވިއެވެ.
މެމްބަރު ނާޒިމަކީ ރައްޔިތުންނާއި ވަރަށް ގާތުން މަސައްކަތް ކުރަށްވާ މެމްބަރެއް ކަމަށް އެ ދާއިރާގެ ރައްޔިތުން ފާހަގަ ކުރަށްވައެވެ. ނާޒިމް ތަމްސީލް ކުރަށްވާ ދަނގެތީ ދާއިރާގައި ހިމެނެނީ ފަސް ރަށެވެ. އެއީ ދަނގެތި، ދިއްދޫ، މަންދޫ، އޮމަދޫ އަދި ދިގު ރަށެވެ.
ނާޒިމްއަފާ ފައުންޑޭޝަނުން އިއްޔެ ކޮށްފައިވާ ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވަނީ ނާޒިމްއަފާ ފައުންޑޭޝަންގެ ފަރާތުން ދަނގެތި ދާއިރާގެ ކޮންމެ ގޭބީސީއަކަށް ރޯދަ ހަދިޔާއެއް ފޮނުވުމަކީ އެ ފައުންޑޭޝަންއަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އެ ފައުންޑޭޝަންގެ އެދުމަކީ ރަމަޟާން މަހަގެ ސަވާބާއި ދަރުމަ ދާއިރާގެ ކޮންމެ ރައްޔިތަކަށް މާތް ﷲ މިންވަރު ކުރެއްވުން ކަމަށްވެސް އެ ޕޯސްޓްގައި ބުނެފައިވެއެވެ.
ރައީސް ޔާމީނުގެ ސަރުކާރުގައި މުޅި މާލެ ފެނަށް ޖެހުނު ނާޒުކް ހާލަތުގައި އެ ހާލަތުން ސަލާމަތް ކުރުމަށް ނަމޫނާ ދައުރެއް އަދާކުރެއްވި، މިހާރުގެ ދަނގެތީ ދާއިރާގެ މެމްބަރު ނާޒިމް ގެންދަވަނީ ދާއިރާގެ ރައްޔިތުނަށް އުމްރާ ދަތުރު ދެއްވުމާއި، އެނޫންވެސް ގިނަ އެހީތެރިކަމެއް ދާއިރާއަށް ފޯރުކޮށް ދެމުންނެވެ.
ނާޒިމްވަނީ ދާއިރާގެ ރައްޔިތުންނާއި ވީހާވެސް ކައިރިން މަސައްކަތް ކުރުމަށް ދާއިރާގެ މެމްބަރުގެ އޮފީހެއްވެސް ހުޅުމާލޭގައި ގާއިމު ކުރަށްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!