އދ. މަހިބަދޫ ފަޅުގައި އަޅާފައިވާ ލޯންޗްތަކެއްގައި ރޯކޮށްލުމުގެ ޒިންމާ ހަނގުރާމަވެރި ނިރުބުވެރި ޖަމާއަތް އައިއެސްއައިސް ޖަމާއަތުން އުފުލައިފި ކަމަށް، ޓެރަރިޒަމްގެ އަމަލުތައް ދިރާސާކުރާ ސައިޓް އިންޓެލިޖެންސުން ބުނެފި އެވެ.
ސައިޓް އިންޓެލިޖެންސް ގްރޫޕްގައި ބުނެފައިވާގޮތުން، ފުލުހުންގެ ލޯންޗަކާއި ސީ އެމްބިއުލާންސް ހިމެނޭގޮތަށް ދިން މި ހަމަލާގެ ޒިންމާ އައިސިސް އިން ނަގާފައިވާކަމަށާއި އެއީ ގޮވާތަކެތި ބޭނުންކޮށްގެން ކުރި ކަމެއްކަމަށް އެ ޖަމާއަތުން ބުނެފައިވާ ކަމަށެވެ.
އދ. މަހިބަދޫގައި ހިނގާފައިވާ އަލިފާނުގެ ހާދިސާގައި ލޯންޗުތަކުގައި ރޯކޮށްލީ ބައެއްގެ މުދާ ގަސްދުގައި ރޯކޮށްލުމަށް ކަމަށާއި، މިއީ ގަސްދުގައި ހިންގާފައިވާ އަމަލެއް ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އިއްޔެރޭގެ ޕްރެސް ކޮންފަރެންސްގައި ވިދާޅުވެފައިވެއެވެ.
ލޯންޗުތަކުގައި ރޯކޮށްލަން ދިން ހަމަލާއަކީ ޓެރަރިޒަމްގެ ހަމަލާއެއްގެ ގޮތުގައި ކަނޑައަޅާފައި ނުވަނީ ކީއްވެގެންތޯ ނޫސްވެރިޔަކު ސުވާލުކުރުމުން ސީޕީ ހަމީދު ވިދާޅުވީ އެކަމަކީ ވަކި ބާވަތެއްގެ ހަމަލާއެއްކަމަށް ބުނަން އަދި އަވަސް ކަމަށެވެ. ނަމަވެސް މިހާތަނަށް ތަހުޤީޤުގައި އެއްކުރެވިފައިވާ މައުލޫމާތުތަކުން އެއީ ޓެރަރިޒަމްގެ ހަމަލާއެއްކަމަށް ބެލުމުގެ ފުރުސަތު އެބައޮތްކަމަށާއި، ވަކި ގޮތެއް ނިންމާނީ އެއްކޮށް ތަހުޤީޤް ނިމުމުންކަމަށް ހަމީދު ވިދާޅުވި އެވެ.
1) BREAKING: #ISIS claims its first ever attack in the #Maldives, stating a special source told #Naba that Islamic State fighters carried out the arson attack that destroyed five boats, including a police and ambulance unit, in #Mahibadhoo town, central Maldives. pic.twitter.com/AJX9vLW5BI
— Rita Katz (@Rita_Katz) April 16, 2020

ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!