•  
  •  
  •  
  •  
  •  
  •  
  •  

ދިވެހިރާއްޖޭގެ ތާރީޚުގައި ވެސް ނުދެކޭ ސިޔާސީ ވާދަވެރި އާ ރޭހަކަށް ޤައުމު ތައްޔާރުވަމުން ދިޔަ ވަގުތެވެ. ޤައުމެއްގެ ހަޔާތުގައި ސިޔާސީ ގޮތުން ބަޔަކު ބައިބައިވެފައި އޮންނާނީ އެހާކަންހާވަރަށެވެ. އެކަމަކު 2008 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕް ފައިނަލް މެޗުގައި މުޚުތާރު ނަޞީރު (ޓޫކިލޯ) ވައްދާލި ހިތްގައިމު ގޯލާއެކު މުޅި ޤައުމު އުފަލުން ރޮއްވާލިއެވެ. ބައިބައިވެ ކަފިކަފިވެފައިވާ ފިކުރުތައް ޤައުމީ ރޫޙުން ބަނދެލައިދިނެވެ. އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަމުގެ ވިންދު ދިވެހި ފަސްގަނޑުގައި އަލުން ޖަހަންފެށިއެވެ.

ސްރީލަންކާގައި ކުޅުނު އެ މެޗު އަޅުގަނޑު ބެލީ ޓީވީންނެވެ. އާންމުކޮށް ޤައުމީ ޓީމުކުޅޭ މެޗުތައް ބަލަން ތިބޭއިރު މެޗު ހުށަޅައިދޭ ޓީވީ ކޮމެންޓޭޓަރުންނާއި އެނަލިސްޓުންގެ ވާހަކަތަކަށް ބެލުންތެރިން ފާޑުކިޔައެވެ. ޤައުމީ ޓީމުގެ ކޮޅަށް ބައެއްފަހަރު މާބޮޑަށް ބުރަވެ ތިބެގެން ވާހަކަ ދައްކާތީއެވެ. ޓީމު ބަލިވާ ފަހަރުތަކުގައި އެއީ އެ މީހުންގެ އަނގަޔާހުރެ ނުވަތަ އެސްފީނާއިން ވީ ދެރައެކޭ ވެސް ކިޔާފަހަރު އާދެއެވެ. އެކަމަކު ޓޫކިލޯގެ ރަނުގެ ގޯލު އައި ވަގުތު ވަރަށް ތަފާތެވެ. އެނަލިސްޓުން ވަރަށް މަދުން ނޫނީ ވާހަކަ ނުދައްކާ ގޮތެކެވެ.

އެ ލަނޑު ޖެހުމަށް ފުރުސަތު ލިބުނީ ރާއްޖެއަށް ލިބުނު ކޯނަރަކުންނެވެ. މެޗުގެ އޮއިވަރާމެދު އޭރު ވާހަކަ ދައްކަވަމުން ގެންދެވީ ރާއްޖެއަށް ރިހި މެޑަލް ހޯދައިން ގޯލްކީޕަރު މަޢުރޫފް އަޙްމަދު (މާއްޓޭ) އެވެ.

“އަޅުގަނޑު ދަންނަވާނީ މިހާ ރަނގަޅަށް އަޅުގަނޑުމެންގެ މިޑްފިލްޑުން ކައުންޓަ އެޓޭކަށް ސަޕޯޓްދީފައި ރަނގަޅަށް ޖައްސާލައިފިއްޔާ ފުރުސަތު ލިބޭނެޔޭ. ދެން ﷲ ގެ ރަޙުމަތްފުޅުން އިރާދަކުރެއްވިއްޔާ ގޯލް ވަންނާނެ ފޮމިއުލާ ވަރަށް ބޮޑު. ވަރަށް ބޮޑު އިނގޭތޯ.” މާއްޓޭ ވިދާޅުވިއެވެ.

މާތް ﷲ ގެ އިރާދަފުޅަށް އިތުބާރު ކުރައްވައި މާއްޓޭ ދައްކަވަމުން ގެންދެވި ވާހަކަ ނުނިމެނީސް އެ ކޯނަރު ޢަލީ ޢަޝްފާޤު (ދަނގަޑޭ) ތިރިތިރިން ޖޯލު ކުރިމައްޗަށް ނަގައިދިނެވެ. އެ ބޯޅަ ލިބުނީ އޭރިޔާ ބޭރުގައިހުރި ޓޫކިލޯއަށެވެ. އުންޑައެއްހާ ބާރުމިނުގައި އެއްވެސް ކުށެއްނެތި ފޮނުވާލި ބޯޅަ ގޮސް ވަނީ އިންޑިޔާ ގޯލުގެ މަތީ ކަނަށެވެ. އެ ހިނދުކޮޅުގައި މުޅި ރާއްޖެ ހަޅޭކުގެ އަޑުން ގުގުމާލިއެވެ. އޭރު މެޗު ނިމެން އޮތީ އިތުރު ވަގުތާއެކު ވެސް ހައެއްކަ މިނިޓެވެ. އެއީ މެޗުގެ 87 ވަނަ މިނެޓެވެ. ގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް ދަނޑުގައި ކުޅި ބައްލަވަން އިންނެވިތަން ޓީވީ ދައްކާލިއެވެ. ޤައުމީ ޖޯޒީގައި އިންނަވައި އެ ދުވަހު އެ މަނިކުފާނު އެ ދެއްވި ތަރުހީބު އާދަޔާ ޚިލާފެވެ.

މެޗު ނިމުނުތާ ކުޑައިރުކޮޅެއް ފަހުން ރައީސް މައުމޫން ހިލްޓަން ހޮޓަލުގައި ޓީމާ ބައްދަލުކުރެއްވި އެވެ. “މިއީ ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދިއުމަށް ކަމަރުބަންނަންވީ ވަގުތު” ކަމަށް ވިދާޅުވިއެވެ. ކާމިޔާބު ހޯދުމަށްފަހު އެ ކާމިޔާބު ތަކުރާރުކުރަން ވަރަށް މަސައްކަތްކުރަންޖެހޭނެ ކަަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެއީ ދިވެހި ފުޓްބޯޅައިގެ ބައިނަލް އަޤުވާމީ ފުރަތަމަ ރަން މެޑެއްޔެވެ. އެ މެޑެއްޔާ ތަށި ގުޅިފައި އޮތީ ޓޫކިލޯގެ ރަން ގޯލާއެވެ. 2018 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ތަށި ވެސް އިންޑިއާ ބަލިކޮށް، ރާއްޖެއިން އުފުލާލިއެވެ. އެކަމަކު ފުރަތަމަ ފަހަރު ތަށި ލިބިގެން ދިވެހިން ކުރި އުފަލާއި ނެގި މަޖަލެއް ނުފެނުނެވެ. ޤައުމީ އެއްބައިވަންތަ ކަމާއި ޤައުމީ ޝުޢޫރުތަކެއް އެހާ ބޮޑަކަށް ތިލަވެގެންނެއް ނައެވެ. އެ ރީތި ލަވަތަކާއި ފޯރިއެއް ނުހިފިއެވެ.

އެ ގޯލު ޚާއްޞަ ވީ އެހެންވެގެންނެވެ. ޝައްކެއްނެތެވެ. އަލަށް ރަން މެޑެއްޔަކާއެކު ބައިނަލް އަޤްވާމީ މުބާރާތަކުން ޤައުމަށް ތަށްޓެއް ލިބުމަކީ ކުޑަ އުފަލެއް ނޫނެވެ. ކުޑަ ފަޚުރެއް ނޫނެވެ. އެކަމަށް ދޫނުކުރާ މުހިންމު އެހެން ކަމެއް ވެސް އެ ގޯލުން ހާސިލުކޮށްދިނެވެ. އެ ގޯލާއެކު މުޅި ޤައުމަށް ރަތް ކުލައިގެ ޤައުމީ އީދެއް ގެނެސްދިނެވެ. ބައިބައިވެފައިވާ ހުރިހާ ފިކުރެއް ޤައުމީ ރޫޙާއި ޤައުމީ ޖޯޝުން އެކަތިގަނޑަކަށް ހަދައިދިނެވެ.

ޚިޔާލު

Your email address will not be published.

More in ރިޕޯޓް