ކޮވިޑް-19 އާއި ގުޅިގެން ށ. ގޮއިދޫ ރައްޔިތުންނަށް ދިމާވެފައިވާ މާލީ ދަތިކަމަށް އެހީތެރިވުމުގެ ގޮތުން އެރަށު ކައުންސިލްގެ އިދާރާއިން ދެމުންދާ ޚިދުމަތްތަކުން ނަގަމުންދާ ފީ އާއި ކުލިތައް ކުޑަކޮށްދީފިއެވެ.

އެކަމާއި ގުޅިގެން ގޮއިދޫ ކައުންސިލުން އާންމު ކުރި އެންގުމެއްގައި ބުނެފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ރައްޔިތުންނަށް ދިމާވެފައިވާ މާލީ ދަތިކަމަށް އެހީތެރިވުމުގެ ގޮތުން އެއިދާރާއިން ދެމުންދާ ޚިދުމަތްތަކުން ނަގަމުންދާ ފީ އާއި ކުލިތަކުގެ އަގަށް ބަދަލު ގެނެވިފައިވާ ވާކަމަށެވެ.

Ad
rt

އަދި މިބަދަލުތައް ގެނެވިފައިވަނީ ހިނގަމުންދާ އެޕްރީލް މަހާއި މެއި މަހުގެ ފީ އާއި ކުލީގެ ފައިސާ ކަމަށްވެސް އެކައުންސިލުން ބުނެފައިވެއެވެ.

ގޮއިދޫ ކައުންސިލުން ދެމުންދާ ޚިދުމަތްތަކުން ކުޑަކުރި ފީ އާއި ކުލީގެ ތަފްޞީލް

  • ކުނީގެ ޚިދުމަތުގެ ފީ، %50 އުނިކޮށްފައި.
  • ހުރިހާ ކުލީ ބިންތައް، %10 އުނިކޮށްފައި.
  • ޤުރްއާން ކުލާސް ފީ، %50 އުނިކޮށްފައި.

އެޕްރީލް މަހުގެ ފީ އާއި ކުލީގެ ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ 07 އެޕްރީލް 2020 ން 09 އެޕްރީލް 2020 ދުވަހުގެ ނިޔަލަށް ކަމަށާއި އަދި މިދުވަސްތަކުގައި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ 10:00 - 12:00 އަށް ކަމަށް އެކައުންސިލުން ބުނެފައިވެއެވެ.

ށ. ގޮއިދޫ ކައުންސިލުން ކޮވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، އެރަށުގައި ސޯސަލް ސަޕޯޓް ޑެސްކެއްވެސް ގާއިމުކޮށްފައެވެ.