ހއ. ހޯރަފުށީ ބަނދަރު ބޭނުން ކުރާ ފަރާތްތަކުން އެ ބަނދަރު ބެލެހެއްޓުމާއި ބެހޭ އުޞޫލަށް އަމަލު ކުރުމަށް ހޯރަފުށީ ކައުންސިލުން ނަސޭހަތްތެރި ވެއްޖެއެވެ.

ހޯރަފުށީ ބަނދަރު ބެލެހެއްޓުމާއި ބެހޭ އުޞޫލަށް އަމަލު ކުރުމާބެހޭ ގޮތުން ހޯރަފުށި ކައުންސިލުން ކޮށްފައިވާ ޢިއުލާނެއްގައި ބުނީ ޤާނޫނު ނަންބަރު: 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 151 ވަނަ މާއްދާގެ (1) އިން ބާރުލިބިގެން އެކުލަވާލާފައިވާ "ބަނދަރު ބެލެހެއްޓުމާއި ބެހޭ ޤަވާއިދު" (122-R/2013) ގެ 28 ވަނަ މާއްދާގެ ދަށުން އެޤަވާއިދު ނަގަހައްޓާ ހިންގުމަށްޓަކައި އެކައުންސިލުންވަނީ ބަނދަރު ބެލެހެއްޓުމުގެ އުޞޫލެއް އެކުލަވާލައި ފާސްކޮށްފައި ކަމަށެވެ.

Ad
rt

" ބަނދަރުގެ ބޭނުން އެންމެންނަށްވެސް ލުއިފަސޭހަ ގޮތެއްގައި ފޯރުކޮށް ދިނުމާއި، ސާފުތާހިރުކަން
ދެމެހެއްޓުމަކީ ކޮންމެ ރައްޔިތެއްގެ ފަރުދީ ޒިންމާއަކަށް ވީހިނދު، އަދި އުޅަނދު ފަހަރުގެ ވެރިންގެ ޒިންމާއެއް ކަމުގައި ވާހިނދު، މިދެންނެވި އުޞޫލާއި އެއްގޮތަށް ޢަމަލުކުރުމަށް ނަސޭހަތްތެރިވަމެވެ." އެ ކައުންސިލުން ބުނެފައި ވެއެވެ.

ޚާއްޞަގޮތެއްގައި އަރާ ފޭބުމަށް ބަނދަރުގައި ހެދިފައިވާ ސިޑިތަކުގެ މެދުގައި އުޅަނދު ފަހަރު ދާއިމީ
ގޮތެއްގައި އަޅާފައި އޮތުމުގެ ސަބަބުން ރަށުގެ އުޅަނދުތަކަށާއި ރަށުން ބޭރު އުޅަނދުތަކަށް ތަފާތު ދަތިތަކާއި ކުރިމަތިވެ، އެކަމުގެ ޝަކުވާ އެކައުންސިލަށް ލިބެމުންދާތީ، ސިޑިތަކުގެ މެދުގައި ނުވަތަ ސިޑި ހިމެނޭ ސަރަޙައްދުގައި އަޅާފައިވާ އުޅަނދުތައް އެސިޑިތަކާއި ދުރުކޮށް ދެއްވާ އެލުއިފަސޭހަކަން އެންމެންނަށްވެސް ދެއްވުން އެދޭ ކަމަށް އެ ޢިއުލާނުގައި ބުނެފައިވެއެވެ.

އޭގެ އިތުރުން ބަނދަރުގައި ބެހެއްޓިފައިވާ ފެން މުޑިތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް، ތެލާއި ޑީސަލް
އެޅުމަށް ބޭނުންވާ އުޅަނދުތަކަށް އެސަރަޙައްދުން ލުއި ފަސޭހަކަމާއެކު އެފުރުޞަތު ދިނުމަށާއި ޢާއްމުކޮށް ބަނދަރުގެ ދެކޮޅު މަސްކަޑައިގައި އުޅަނދުފަހަރު ދާއިމީކޮށް އަޅާފައި ނުބޭއްވުމަށްވެސް ހޯރަފުށީ ކައުންސިލުން ވަނީ ނަސޭހަތްތެރިވެފައެވެ.

އެ އިޢުލާންގައި ބަޔާންކޮށްފައިވާ ޤަވާއިދު އަދި އުޞޫލުތަކާއި ޚިލާފުވާ ފަރާތްތަކާއި، އުޅަނދުތަކަށް
ބަނދަރު ބެލެހެއްޓުމުގެ ޤަވާއިދުގެ (122-R/2013) ގެ 28 ވަނަ މާއްދާގެ ދަށުން ރަށުކައުންސިލުން އެކުލަވާލައިފައިވާ އުޞޫލާއި އެއްގޮތަށް ފިޔަވަޅު އަޅަމުންދާނެ ކަމަށްވެސް ހޯރަފުށީ ކައުންސިލްގެ ޢިއުލާނުގައި ބުނެފައިވެއެވެ.

ހއ. ހޯރަފުށްޓަކީ އާބާދީގައި 2200 އަށްވުރެ ގިނަ މީހުން ހިމެނޭ ފުރާ ދުއްވާ އުޅަނދު ފަހަރު ގިނަ ޢަދަދަކަށް އޮންނަ ރަށެކެވެ.