ރާއްޖޭގައި ކޮވިޑް-19 ފެތުރުނަނުދީ ހިފެހެއްޓިފައި މިއޮތީ ސަރުކާރާއި، ކަމާއި ބެހޭ ފަރާތްތަކުން އަޅުއްވަމުން ގެންދެވި ފިޔަވަޅުނަތަކުގެ ނަތީޖާއިން ކަމަށް ދެއްނެވުން ދޮގަކަށް ނުވާނެއެވެ. ހަމައެޔާއިއެކު މިނަތީޖާ މިގޮތަށް ހިފެހެއްޓުމުގައި ކަނުލައި އަޑުއަހައި ކިޔަމަންވި ރައްޔިތުންތަކެއް ތިބިކަންވެސް ޔަޤީނެވެ.

ރާއްޖޭގައި އެޅިފައި ހުރި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ކުޑަ ދުލެއް ދިންނަމަވެސް އަދިވެސް ސިއްހީ ކަމާއި ބެހޭ ފަރާތްތަކުގެ އިރުޝާދަށް ބަދަލެއް ނާދެއެވެ.

Ad
rt

ރިސޯޓުތަކަށް އަރާފައިބަން ލުއި ދިނީ އެ ރިސޯޓުތަކުން ފަތުރުވެރިން ހުސްވެ، ކަމާބެހޭ ފަރާތްތަކުން ކަނޑައަޅާ މުއްދަތު ވޭތުވީމަކަމަށް ބަލަން ޖެހެއެވެ. މާލޭސިޓީގެ ކާފިއުއަށް ލުއިދިނީވެސް އެއްފަހަރާ 3 މީހުންނަށް ވުރެ ގިނަ މީހުން އެއްވެއުޅުން ހުއްޓާލުމަށް އަންގާފައިވާ އެންގުމަށް ބަދަލެއް ނުގެނެސްކަން ދަންނަންޖެހެއެވެ.

އެހެންކަމުން ކަމާބެހޭ ފަރާތްތަކުގެ އެންމެ ފަހުގެ އިރުޝާދަކީ ކޮބައިތޯ ބަލައިލަން މުހިންމެވެ.

ރާއްޖޭގައި ކޮވިޑް ނެތް ކަމަށް ބެލުމަކީ ގޯހެއް: ހެލްތު މިނިސްޓަރު

މާލޭ ސަރަހައްދުގައި އިއުލާން ކޮށްފައިވާ ތިން ގަޑިއިރުގެ ކާފިއު އުވާލުމަކީ ލުޔެއް ކަމަށް ބަލައި، ރާއްޖޭގައި ކޮވިޑް-19 ނެތް ކަމަށް ބަލައިގެން ނުވާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ރޭ ވަނީ ދާޅުވެފައެވެ.

"ހަދާ ދިރާސާތަކަށް ބަލައި އަދި މި ނެތޭ ނުބަނަން ދަތި، އެކަމަކު ނުރައްކާތެރި ހަބަރެއް ނުވަތަ ހާދިސާއެއް ބައްދަލު ނުކުރާތާ ދުވަަސްވީމަ އަޅުގަނޑުމެންނަށް ކަން ފަސޭހަ ކުރެވިގެން ދަނީ، އަދިވެސް ހާލަތު ރަނގަޅު ކަމަށް ބަލަން އަވަސް،" އަމީން ރޭ ވިދާޅުވި އެވެ.

ކާފިއު އުވާލިޔަސް ގޭގައި މަޑުކުރައްވާ: ޑރ. އަލީ ލަތީފް

ކާފިއު އުވައިލި ނަމަވެސް ހުރިހާ އެންމެން ވީހާ ވެސް ގިނަ ވަގުތު ގޭގައި މަޑުކުރުމަށް ޑރ. އަލީ ލަތީފު ވަނީ ރޭ އިރުޝާދު ދެއްވާފައެވެ.

"އަސްލު ހީވޭ މީގެ ސީރިއަސްކަން ގިނަ ބޭފުޅުންނަށް އެނގިވަޑައިނުގަންނަވައޭ. އެގޮތަށް ތަންތަނަށް ޖަމާވަންޏާ، އެކަކު ގައިގައި އިންފެކްޝަން ހުންނަންޏާ އަނެކަކުގެ ގަޔަށް އިންފެކްޝަން ދިއުމުގެ ވަރަށް ބޮޑު ޗާންސެއް އޮންނާނެ. އެގޮތަށް ތިމާ އަށް ނޭނގި ހުރެ ތިމާގެ އިންފެކްޝަން އަރައިފި ކަމަށް ވަންޏާ އެ ބޭފުޅަކު ގެ އަށް ވަޑައިގަންނަވާއިރު، ގޭގެ އާއިލާގެ ބޭފުޅުންނަށް ވެސް މި ކަހަލަ ކަމަކާ ގުޅިގެން އިންފެކްޝަން ފެތުރިގެން ގޮސްފާނެ،" ކޮވިޑް-19 އާއި ގުޅޭ ކަންކަމުގައި ލަފާދޭ ޓެކްނިކަލް އެޑްވައިޒަރީ ކޮމިޓީގެ ލީޑަރު ޑރ. އަލީ ލަތީފް ރޭ ވިދާޅުވިއެވެ.

މިއޮތީ ރާއްޖޭގެ ހެލްތު މިނިސްޓަރާއި، ކޮވިޑް-19 އާއި ގުޅޭ ކަންކަމުގައި ލަފާދޭ ޓެކްނިކަލް އެޑްވައިޒަރީ ކޮމިޓީގެ ލީޑަރުގެ އެންމެ ފަހުގެ ބަހެވެ. އެތައް ޑަކްޓަރުންނަކާއި، ސިއްހީ ހިދުމަތްތެރީންގެ ބަހަކީވެސް މިއެވެ.