ގާނޫނުއަސާސީ އިސްލާޙުކުރުމަށް ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށް ބަންޑާރަ ނާއިބް އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެ އެވެ.

ބަންޑާރަ ނާއިބު އިބްރާހިމް ރިފްއަތު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކައުންސިލްތަކުގެ އުމުރު އޮތީ ކަނޑައެޅިފައި ކަމަށާއި ޖޫން ތިނެއްގެ ފަހުން ކައުންސިލްތައް ދެމި އޮންނާނީ ގާނޫނުއަސާސީ އިސްލާހުކޮށްގެން ކަމަށެވެ.

Ad
rt

‏" ކައުންސިލްތަކުގެ ޢުމުރު އޮތީ ކަނޑައެޅިފަ. 3 ޖޫންގެ ފަހުން ކައުންސިލްތައް ދެމިއޮންނާނީ ޤާނޫނުއަސާސީ އިޞްލާހުކޮށްގެން. ރައީސުލްޖުމްހޫރިއްޔާ ޤާނޫނުއަސާސީގެ 253 ވަނަ މާއްދާގެ ދަށުން ކުއްލި ނުރައްކަލުގެ ހާލަތެއް އިޢުލާނު ނުކުރައްވާ. ޤާނޫނުއަސާސީ އިޞްލާޙުކުރުމަށް ޤާނޫނީ ހުރަހެއް ނެތް. " = ބަންޑާރަ ނައިބު އިބްރާޙީމް ރިއަފަތު =

ބަންޑާރަ ނާއިބު މިހެން ވިދާޅުވީ މިއަދު އޮންލައިން ކޮށް ކުރިއަށް ގެންދިޔަ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ކޮވިޑް-19 އިން ރައްކާތެރިވުމަށް ޓަކައި މި އަހަރު ބާއްވަން ޖެހޭ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސް ކުރަން ޖެހޭތީ އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގު ދެމިގެންދާ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލްގެ ބަހުސްގައި ބައެއް މެމްބަރުން މިވަގުތަކީ ޤާނޫނު އަސާސީ އިސްލާޙް ކުރެވޭނެ ވަގުތެއް ނޫންކަމަށް ވިދާޅުވެފައި ވަނިކޮށެވެ.

އެޖަލްސާގައި މަޖިލިސް ރައީސް، ރައީސް ނަޝީދުވެސް ވިދާޅުވީ ގާނޫނު އަސާސީގައި ބަޔާން ކުރާ ކުއްލި ނުރައްކަލުގެ ހާލަތުގައި ގާނޫނު އަސާސީ އިސްލާހު ނުކުރެވޭނެ ކަމަށް ގާނޫނު އަސާސީގައި ބަޔާން ކުރާ ކަމަށެވެ. އެހެންކަމުން މިހާރު ރާއްޖޭގައި އޮތީ އެފަދަ ހާލަތެއް ކަމާ މެދު އަދި ގާނޫނު އަސާސީ އިސްލާހު ކުރެވޭނެ ކަމާ މެދު ސުވާލުތަކެއް އުފެދޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މިހާރު ރާއްޖޭގައި ޢިއުލާން ކޮށްފައި ވަނީ އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިގެންވާ ބާރުގެ ދަށުން އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ހާލަތުކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި އަހަރުގެ ޖޫން މަހުގެ ތިންވަނަ ދުވަހު ދައުރު ހަމަވާ ކައުންސިލަރުންގެ ދައުރު ދިގުވާ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެންނަ ބިލު އެޖެންޑާކޮށް މިހާރު ރާއްޖޭގައި އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ގާނޫނު އަސާސީ އިސްލާހު ކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސިލަ ޖެނެރަލް ފާތިމަތު ފިލްޒާވެސް މިއަދުވަނީ ޤާނޫނީ ލަފާ ދެއްވާފައެވެ.