ކޮރޯނާ ވައިރަސް ބަލިމަޑުކަން 2019 (ކޯވިޑް-19) އާ ގުޅޭގޮތުން އަޑުއިވެމުންދާ އެކި މަޢުލޫމާތުގެ ސަބަބުން ތިމާއަށް ހިތްނުތަނަވަސްކަން ދިމާވުމަކީ އެކަށީގެންވާކަމެކެވެ. ހަމަ އެފަދައިން، ތިމާގެ ދަރިންނަށްވެސް މިފަދަ ހިތްނުތަނަވަސްކަން ދިމާވުމަކީ އެކަށީގެންވާކަމެކެވެ. އެހެން މީހުންގެ ފަރާތުންނާއި، ޓީވީ އިންނާއި، އޮންލައިންކޮށް އަޑު އިވެމުންދާ ކަންތަކަކީ ކޮންކަހަލަ ކަމެއްކަން އެކުދިންނަށް ނުވިސްނިދާނެއެވެ.

ވުމާއެކު، އެކުދިންނަށް ހިތާމައާއި، ފިކުރު ބޮޑުވުމާއި، ހާސްކަމުގެ އިޙުސާސްތައް ތަޙައްމަލުކުރަން ޖެހުމަކީ ވަރަށްވެސް އެކަށީގެންވާކަމެކެވެ. ނަމަވެސް، އެކުދިންނާއި ހިތްވަރުލިބޭ ފަދަ ގޮތަކަށް މުޢާމަލާތްކުރުމުން، އެކުދިންނަށް މިކަމުގެ ހެޔޮ ވިސްނުން ލިބި، އެކަމުގައި ކަންކުރާނެގޮތް ދަސްވެ، އަދި އެހެން މީހުންނަށްވެސް ފައިދާވާ ގޮތަށް ކަންކުރަން ހިތްވަރު ލިބޭނެއެވެ.

Ad
rt

ކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދީ އެކުދިން ހިތްހަމަޖައްސައި ދެވިދާނެ 8 ގޮތެއް

1. ސުވާލުކޮށް، އަޑުއަހާށެވެ.

މައްސަލައާބެހޭ ގޮތުން ކުއްޖާއަށް ވާހަކަ ދެއްކުމަށް ހިތްވަރުދޭށެވެ. އެކުދިންނަށް އިނގެނީ ކިހާވަރަކަށްތޯ ބަލައި،
އެއާ އެއްގޮތަށް ކުރިއަށް ގެންދާށެވެ. ކުއްޖާއަކީ ތުއްތު ކުއްޖެއްނަމަ، އަދި މިޙާލަތާ މެދު އެއްވެސް މަޢުލޫމާތެއް
ނެތްނަމަ، އެމައްސަލަ އާ ގުޅޭ ގޮތުން އިތުރަށް ވާހަކަ ދެއްކުން މުހިއްމެއް ނޫނެވެ. އެކުދިންގެ ފިކުރުތައް ބޮޑު
ނުވާނެގޮތަށް، ސާފުތާހިރުކަމުގެ އާދަތައް ކިޔައިދީ، ހަނދާންކޮށްދިނުމަށް މިފުރުޞަތުގެ ބޭނުން ހިފާށެވެ.

ވާހަކަ ދައްކާއިރު ރައްކާތެރި މާޙައުލެއްގައި ހުރުން ވަރަށް މުޙިއްމެވެ. އަދި އެކުދިންނަށް މިކަމާ ގުޅޭ ގޮތުން ވާހަކަ ދެއްކުމުގެ ފުރުޞަތު ދޭށެވެ. އަދި ވާހަކަ އާއި ކުރެހުމާއި، އެހެނިހެން ޙަރަކާތްތައް ބޭނުންކުރުމުން، އެކުދިންގެ ފަރާތުން މަޝްވަރާގެ ފުރުޞަތު ހުޅުވައިލުމަށް އެހީތެރިވެދޭނެއެވެ.

އެކުދިންގެ ހިތުގައިވާ ޝައްކުތަކާއި ކަންބޮޑުވުންތަކަށް އަޅައިނުލާ ދޫކޮށްނުލުމަށް ފަރުވާތެރިވުން ވަރަށްވެސް
މުޙިއްމެވެ. އެކުދިން ތަޙައްމަލުކުރާ އިޙުސާސްތައް ދެނެގަނެ، މިފަދަ ދަނޑިވަޅެއްގައި ބިރުވެރިކަމުގެ އިޙުސާސްތައް ކުރެވުމަކީ އާދަޔާޚިލާފް ކަމެއް ނޫން ކަމުގެ ޔަޤީންކަން އެކުދިންނަށް ދޭށެވެ. އެކުދިންނަށް ފުރިހަމަ ސަމާލުކަންދީ، ދައްކާ ވާހަކަ ކަނުލައި އަޑުއަހައި، އެކުދިން ބޭނުން ކޮންމެ ވަގުތެއްގައިވެސް ތިބާއަށާއި އެކުދިންގެ ޓީޗަރުންނާއި ވާހަކަ ދެއްކޭނެކަމުގެ ޔަޤީންކަން ދޭށެވެ.

2. ތެދުވެރިކަމާއެކު ވާހަކަ ދައްކާށެވެ. އަދި އެކުދިންނަށް ނަގައިގަންނަން ފަސޭހަގޮތަކަށް ޙަޤީޤަތް ކިޔައިދޭށެވެ.

ތެދު މަޢުލޫމާތު ލިބުމުގެ ޙައްޤު ކުޑަކުދިންނަށް ލިބިގެންވާ ފަދައިން، އެކުދިން ފިކުރުބޮޑުވުމުން
ރައްކާތެރިކޮށް ދިނުމަކީވެސް ބޮޑެތި މީހުންގެ މަސްޢޫލިއްޔަތެކެވެ. އުމުރާ ގުޅޭ ގޮތަށް ކިޔައިދެމުން، އެކުދިންނަށް
މަޢުލޫމާތާ ދޭތެރޭ ވިސްނަމުންދާ ގޮތް ރަނގަޅަށް ބަލައި، ހާސްކަން އިތުރުވިޔަ ނުދިނުމަށް ވިސްނާށެވެ.

އެކުދިން ކުރާ ސުވާލުތަކަށް ޖަވާބުދޭން ނޭނގޭނަމަ، ހީވާ ގޮތެއްގެ މައްޗަށް ޖަވާބު ނުދޭށެވެ. އަދި ރަނގަޅު ޖަވާބުތައް ހޯދަން ކުއްޖާއާއެކު މަސައްކަތްކުރާ ފުރުސަތަކަށް ހަދާށެވެ. ޔުނިސެފް އާއި ޑަބްލިޔު.އެޗް.އޯ ފަދަ ބައިނަލްއަޤްވާމީ މުއައްސަސާތަކުގެ ވެބްސައިޓުގައި އިތުބާރުހުރި ގިނަ މަޢުލޫމާތު ހުންނާނެއެވެ. އަދި އޮންލައިންކޮށް ލިބޭ އެންމެހައި މަޢުލޫމާތަކީ ތެދު މަޢުލޫމާތެއް ނޫންކަމުގައި ކުއްޖާއަށް ބުނެދީ، ތެދު މަޢުލޫމާތު ހޯދުމުގައި ކަމުގެ ތަޖުރިބާކާރުންނަށް މެނުވީ އިތުބާރުނުކުރަން ބުނެދޭށެވެ.

3. ކުއްޖާއާއި ރަހުމަތްތެރީން ރައްކާތެރިކޮށްދެވިދާނެ ގޮތްތައް ދައްކައިދޭށެވެ.

ކޮރޯނާ ވައިރަސް އަދި އެހެނިހެން ބަލިމަޑުކަމުން އެންމެ ފަސޭހައިން ރައްކާތެރިކޮށްދެވޭނީ ގަވާއިދުން އަތްދޮވުމަށް
ހިތްވަރުދީގެންނެވެ. އަދި ފިކުރު ބޮޑުވާ ގޮތަށް ކިޔައިދިނުމުގެ ބަދަލުގައި، އެކުދިންނަށް ހިތްހަމަޖެހުން ލިބޭނެފަދަ
ގޮތަކަށް ކިޔައިދޭށެވެ. ލަވައާއި ނެށުމުގެ ތެރެއިން ހިތްޖެހޭނެ ފަދަ ގޮތަކަށް މިކަން ކުރެވިދާނެއެވެ.
މީގެ އިތުރުން، ކެއްސައި، ކިނބިހި އަޅާއިރު އަނގައާއި ނޭފަތް ނިވާކުރުމަށް އުޅަނބޮށި ބޭނުންކުރާނެ ގޮތް ކިޔައި
ދެވިދާނެއެވެ. އަދި މިފަދަ ޢަލާމާތެއް ފެންނަ މީހުންނާ ގާތްނުވުމަށް ބުނެދޭށެވެ. ހުންއައިސް، ކެއްސައި ނުވަތަ
ނޭވާލާން އުނދަގޫވާނަމަ، ތިބާއާ އެވާހަކަ ހިއްސާކުރުމަށް ބުނެދޭށެވެ.

4. ޔަޤީންކަން ދެމުންދާށެވެ.

ކުޑަކުދިންނަށް ޓީވީންނާއި އޮންލައިންކޮށް ހާސްވާފަދަ މަންޒަރުތައް ގިނައިން ފެންނަމުން ދިޔުމުން، ވަށައިގެންވަނީ
ހަމައެކަނި ނުރައްކަލުގެ ޙާލަތުކަމަށް ހީކުރެވިދާނެއެވެ. ސްކްރީނުން ފެންނަ މަންޒަރާއި ޙަޤީޤަތް އޮޅުންބޮޅުންވެ،
ކުދިން ތިބީ ވަރަށް ނުރައްކާ ބޮޑު ޙާލަތެއްގައި ކަމަށް ޤަބޫލުކުރެވެން ފަށާފާނެއެވެ.

ހާސްކަމުން ކުދިން ރައްކާތެރިކޮށްދިނުމަށްޓަކައި، އެކުދިންނަށް ކުޅެލައި ހިތްހަމަޖައްސާލަން ފުރުސަތު ދޭށެވެ. އާންމުކޮށް އުޅޭއުޅުމުގައި އަދި ޚާއްސަކޮށް ނިދަން ތައްޔާރުވާ ގަޑީގައި ކަންކުރާ ގޮތްތަކާއި، ޝެޑިއުލްތަކުގައި ހިފަހައްޓައި، އައު ކަންތައްވެސް ތަޢާރަފްކޮށްލާށެވެ.

ތިބާއާއި ދަރިފުޅު ދިރިއުޅޭ ހިސާބުގަނޑުގައި ބަލި ފެތުރެމުންދާނަމަ، ކުޑަކުދިންނަށް ބަލިޖެހުމުގެ ފުރުސަތު ކުޑަކަން ހަނދާންކޮށްދީ، ކޮރޯނާ ވައިރަސް ޖެހޭ މީހުންނަށްވެސް ބަލީގައި ތަޙައްމަލު ކުރަންޖެހޭ އުނދަގޫ ކުޑަކަމަށް ބުނެދޭށެވެ. އަދި ޢާއިލާތަކަށް ރައްކާތެރިކަން ދިނުމަށް، ބޮޑެތި މީހުންނާއި ކަމާބެހޭ ފަރާތްތަކުން ވަރަށް ބުރަކޮށް މަސައްކަތްކުރަމުންދާކަން ކިޔައިދޭށެވެ.

ކުއްޖާ ބަލިވެއްޖެނަމަ، ކުއްޖާއާއި ރަޙުމަތްތެރިންގެ ރައްކަލަށްޓަކައި، ގޭގައި ނުވަތަ ހޮސްޕިޓަލުގައި މަޑުކޮށްލުމަކީ
މުހިއްމުކަމެއްކަން ބުނެދޭށެވެ. އަދި މިއީ ދަތި އުނދަގޫ (ނުވަތަ ބިރުވެރި ނޫނީ ފޫހި) ކަމެއްކަން ޤަބޫލުކުރާ ކަމަށާއި، ނަމަވެސް ކަމާބެހޭ ފަރާތްތަކުގެ އިރުޝާދަށް ބޯލެނބުމުން، އެންމެންނަށްވެސް ރައްކާތެރިކަން ލިބޭނެކަމުގެ ޔަޤީންކަން ދެމުންދާށެވެ.

5. ތަފާތުކުރުން ފަދަ ކަމެއް ތަޙައްމަލުކުރޭތޯ ނުވަތަ އެފަދަ ގޮތަކަށް ކަންކުރޭތޯ ރަނގަޅަށް ބަލާށެވެ.

ކޮރޯނާ ވައިރަސް ފެތުރުމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނަސްލީ ތަފާތުކުރުން އާންމުވެގެން ގޮސްފައިވާކަން
ހާމަކޮށްދޭ ގިނަ ރިޕޯޓުތައް ދަނީ ފެންނަމުންނެވެ. ވުމާއެކު ހަނގާކުރުމުގެ ޢަމަލެއް ކުރަމުން ނުވަތަ ތަފާތުކުރުމުގެ ޝިކާރައަކަށް ކުއްޖާވެފައިވޭތޯ ބެލުމަކީ ވަރަށް މުޙިއްމުކަމެކެވެ.

މީހާ ހުންނަ ސިފައާއި ނިސްބަތްވާ ނަސްލާ ނުވަތަ ވާހަކަ ދައްކާ ބަހުރުވައާއި ކޮރޯނާވައިރަހާއި ގުޅުމެއް ނޯންނަކަން ބުނެދޭށެވެ. ސްކޫލްތެރޭގައި ހަނގާކުރުމާ ކުރިމަތިލާފައިވާނަމަ، ކުއްޖާއަށް އިތުބާރުކުރެވޭ ބޮޑު މީހެއް ގާތު އެވާހަކަ ދެއްކޭނެކަމުގެ ޔަޤީންކަންދޭށެވެ.

ސްކޫލްގައި އެންމެހައި ދަރިވަރުންނަށްވެސް ރައްކާތެރިކަން ލިބެންޖެހޭނެކަން ކުއްޖާއަށް ހަނދާންކޮށްދޭށެވެ.
ހަނގާކުރުމަކީ ނުރަނގަޅު ޢަމަލެކެވެ. ހިތްހެޔޮކަމާއި އެކަކު އަނެކަކަށް އެހީތެރިވުމުގެ ސިފަ އަށަގެންނެވުމަކީ
އަހަރެމެން އެންމެންވެސް ކުރަންވާނެ ކަމެކެވެ.

6. އެހީތެރިވާ މީހުން ހޯދާށެވެ.

ހިތްހެޔޮކަމާއި ދީލަތިކަމުގެ ޢަމަލުތަކުގައި މީހުން އަވަދިނެތިކޮށް އުޅޭކަން ކުދިންނަށް އެނގުމަކީ ވަރަށް
މުޙިއްމުކަމެކެވެ. ބަލިފެތުރުން ހުއްޓުވައި، މުޖުތަމަޢު ރައްކާތެރިކުރުމަށް މަސައްކަތްކުރާ ހެލްތު ވާރިކަރުންނާއި،
ސައިންޓިސްޓުންނާއި ޒުވާނުންނާއި މިފަދަ މީސްމީހުންގެ ވާހަކަތައް ކިޔައިދޭށެވެ. ހިތްހެޔޮކަމާއި ހަމްދަރުދީއާއެކު
މަސައްކަތްކުރަމުންދާ ބަޔަކު އުޅޭކަން އެނގުމަކީ އެކުދީންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެކަމެކެވެ.

7. އަމިއްލަ ނަފްސަށް އަޅައިލާށެވެ.

ތިބާ އަމިއްލައަށް މިޙާލަތު ރަނގަޅަށް ތަޙައްމަލު ކުރާނަމަ، ކުދިންނަށްވެސް މިކަމުގައި އެހީތެރިވާން ފަސޭހަވާނެއެވެ. ޚަބަރެއް އަޑު އިވުމުން ތިބާއަށް ވާ ގޮތް، ކުދީންނަށް ދެނެގަންނަން ފަސޭހަވާނެތީ، ތިބާ ހިތްހަމަޖެހިފައިވާކަން ކުދީންނަށް ފެނިގެންދިޔުމަކީ އެކުދީންނަށްވެސް ލިބޭ ހިތްހަމަޖެހުމަކަށް ވާނެއެވެ.
ކަންބޮޑުވެ، ހާސްވާނަމަ، އަމިއްލަ ނަފްސަށް ވަގުތު ދޭށެވެ. އަދި ޢާއިލާއާއި ރައްޓެހިންނާއި މުޖުތަމަޢުގައިވާ އިތުބާރު ހިފޭ މީހުންނާ ވާހަކަ ދައްކާށެވެ. ތިމާގެ ނަފުސަށް ހިތްހަމަޖެހުން ލިބޭ، ނުތަނަވަސްކަމުން އަރައިގަނެވޭނެ ކަންކަން ކުރުމަށް ވަގުތުދޭށެވެ.

8. ވިސްނުންތެރިކަމާއެކު ކުއްޖާއާއެކު ދެކެވޭ ވާހަކަ ނިންމައިލާށެވެ.

ކުއްޖާ ހާސްކަމާއި ފިކުރުކުރަން ޖެހޭ ޙާލަތަކަށް ދިޔުމުން ރައްކާތެރިކޮށްދިނުމަކީ ވަރަށް މުޙިއްމުކަމެކެވެ. ކުއްޖާއާ
މުޢާމަލާތްކުރެވޭ ވާހަކަކޮޅު ނިންމައިލަމުން، އެކުއްޖާގެ ޢަމަލަށް އަންނަ ބަދަލަށާއި، ބަސްމަގަށް އަންނަ ބަދަލާއި
ނޭވާލުމަށް އަންނަ ބަދަލުތަކަށް ވިސްނައި، ހާސްކަން ހުރި މިންވަރު ދެނެގަންނާށެވެ.

އަދި ކޮންމެ ވަގުތެއްގައިވެސް މިފަދަ އުނދަގޫ ވާހަކަތައް މަޝްވަރާ ކުރެވޭނެކަން ކުއްޖާއަށް ހަނދާންކޮށްދޭށެވެ.
އެކުދިންނަށް އަޅައިލާކަން އެކުދިން ގާތު ބުނާށެވެ. އަދި އެކުދިން ފިކުރުބޮޑުވާ ވަގުތުގައި ތިބާ ހުންނާނެކަމާއި ކުއްޖާ ދައްކާ ވާހަކަ ކަނުލައި އަޑުއަހާކަމުގެ ޔަގީންކަންއަރުވާށެވެ.

ނޯޓު: މިލިޔުމަކީ ޔުނިސެފް މޯލްޑިވްސްގެ ލިޔުމެކެވެ. މި ލިޔުން މި ނޫހުގައި ގެނެސްދިނުމުގެ މަޤްޞަދަކީ، ހޭލުންތެރި ކުރުމަށް ޔުނިސެފް މޯލްޑިވްސްއިން ކުރަށްވާފައިވާ މުހިންމު މި މަސައްކަތް ވީހާވެސް ގިނަ ބަޔަކަށް ފޯރުކޮށް ދިނުމުގައި އެހީތެރިވުމެވެ.