އަހަރަކީ 1797 ނުވަތަ 1798 ވަނަ އަހަރެވެ. ދުވަސްވަރަކީ ދުނިޔޭގައި އާލަމީ ވަބާއެއް ފެތުރެމުން ދިޔަ ދުވަސްވަރެކެވެ. ބައްޔަކީ ނުރައްކާތެރި ކަށިވިދުރި އެވެ. ޔޫރަޕުން އެކަނިވެސް މިބަލީގައި އަހަރަކު ހަތަރު ލައްކައެއްހައި މީހުން މަރުވަމުން ދެއެވެ. ޔޫރަޕުގެ ރަސްރަސްކަލުންނާއި ވެރިންވެސް މިބަލީގައި އަވަހާރަވަމުން ދެއެވެ. ބޭރު ކަރަކަރައިގައި މި ބަލިމަޑުކަން ބޮޑުވެ މިލިއަނުން މީހުން މަރުވާއިރު، ﷲ ގެ ހެޔޮ ރަޙުމަތުން ރާއްޖޭގެ ރަށްރަށް އޮތީ ވަރަށް ބޮޑަށް ސަލާމަތުން ކަމަށް ފެނެއެވެ.

ދިރިއުޅުން އުފާވެރިވެފައި، އަމިއްލަ ފައިމައްޗަށް ތެދުވެފައި އޮތް އުފެއްދުންތެރި ރާއްޖެއެކެވެ. ދިވެހި ކަނޑުމަހާއި ދިވެހި ކާށި ކޮންމެ އަހަރަކު މިލިއަނުން ރާއްޖެއިން ބޭރުކުރެއެވެ. ރާއްޖޭގެ ތަޚުތުގައި އިންނެވީ ދޮންބަންޑާރައިންގެ ދަރިކަލުން އައްސުލްޠާން ޙަސަން ނޫރައްދީން އިސްކަންދަރު ކުލަސަދައިރަ ކައްތިރި ބޮވަނަ މަހާރަދުންނެވެ. ތިލަދުންމައްޗާއި މިލަދުންމަޑުލުގެ ވިޔަފާރި މޮޅުވެފައި، އެތަނުން ލިބޭ ތަކެތީގެ ފެންވަރު ރަނގަޅުކަން ކަރަކަރައިގެ ވިޔަފާރިވެރީންނަށް އެނގި މަޝްހޫރުވެފައި ވެއެވެ. ވިޔަފާރީގެ ފަސޭހަ ބަނދަރެއް ކަމުގައި އިދާރީ ތިލަދުންމައްޗާއި ޠަބީޢީ ތިލަދުންމަތި ވަނީ ވެފައެވެ.

Ad
rt

އާދައިގެ މަތީން، މަލިކު ގުރާބާއި މަލިކު ފުރެއްދެ އޮޑިފަހަރު ވިޔަފާރިކަމު އައިސް ތިލަދުންމަތި ވަދެ ބަނދަރުކޮށްފިއެވެ. ކަރަކަރައިގެ އެހެން އޮޑިފަހަރާ މަލިކު އޮޑިފަހަރު ތަފާތީ ހަމައެކަނި އަހަރެމެންގެ އަތުން އެމީހުން ގަންނަ ތަކެތީގެ ގިނަކަމަކުން ނޫނެވެ. މާލެއިން ވިދާޅުބަސްފުޅަކާއި ޙުކުމްފުޅަކާ ވެސް ނުލައި (ޤަވާޢިދާ ޚިލާފަށް) ތިލަދުންމަތީގެ ރަށްރަށު އޮޑިއޮޑީގައި ދުއްވައި، މުޅި އަތޮޅުގައި ހުރިނަމަ ހުރިހައި މަހަކާއި ކާއްޓެއް ގަނެ އުޅޭތީ އެވެ. މިވަރަކުން އަދި ނިމެނީކީވެސް ނޫނެވެ. ރަށްރަށު އޮޑިފަހަރުގައި ގޮސް މުޅި މާލެއިން އުތުރު ހުރިހައި އަތޮޅު އަތޮޅެއްގައި ހުރިނަމަ ހުރިހައި މަހަކާއި ކާއްޓެއް ވެސް ގަނެ ހަދަނީ އެވެ. ޙަސަން ނޫރައްދީން ރަދުންގެ ވިދާޅުބަސްފުޅު (1212ހ.) ގައި ވާގޮތުގައި، މަލިކު މީހުން ކޮންމެ އަހަރަކު "އައްނުވަދިހަ" ފުރެއްދެ އޮޑިޔާއި ދެތިން ނަވާއިގެން ތިލަދުންމަތި ވަދެއެވެ.

މިލަދުންމަޑުލު ދެބުރީގެ ދެމެދުގައި އޮތް ދޮޅިޔަދޫ (ދޮޅިދޫ) ބަނދަރަކީ އުތުރުގެ ދަތުރުވެރީންގެ މެދުގައި މަޝްހޫރު ބަނދަރެކެވެ. އޮޑިފަހަރު ބާއްވަން ވަރަށް ފަސޭހަ، މޮޅު ބަނދަރެކެވެ. ކޮންމެއަކަސް، މަލިކު ނައުގަނޑެއް ކަށިވިދުރިޔާއިގެން އައިސް މިލަދުންމަޑުލު ވަދެ، ނައުގަނޑު ދިޔަތަން ހިލިގެންކަމަށް ހަދައިގެން ދޮޅިޔަދޫ ބަނދަރުގައި ނައު ބާއްވައިފިއެވެ. އަދި މިނައުގެ މީހުން އެބައިމީހުންގެ ވިޔަފާރީގެ މަސްލަހަތުގައި ކަރަންޓީނަށް ބޯނުލަނބައި، ދިވެހީންގެ އޮޑިއޮޑީގައި، މަހާއި ކާށި ގަތުމުގެ ބޭނުމުގައި މުޅި މިލަދުންމަޑުލުގައި ދުއްވައި، ރަށްރަށަށް ފައިބައިހަދައި، އިސާހިތަކު މުޅި އަތޮޅަށް ކަށިވިދުރި ފެތުރި، މިބަލީގައި ރަށްރަށުން މީހުން މަރުވާން ފަށައިފި އެވެ. އެންމެ ފަހުން، ދެތިން ހަތަރު ރަށު އެންމެން ކަށިވިދުރީގައި މަރުވެ، ދެތިން ހަތަރުރަށް ފަޅުވެގެން ދިޔައީއެވެ. މިވާހަކަ ޙަސަން ނޫރައްދީން ރަދުންގެ ވިދާޅުބަސްފުޅު (1212ހ.) ގައި ބަޔާންކުރައްވާފައިވާ އިރު އެއީ ކޮންކޮން ރަށްތަކެއްކަން ލިޔުއްވާފައެއް ނުވެއެވެ. ކަރަންޓީނުގެ ޤަވާޢިދާ ޚިލާފުވި ބީރައްޓެހީންގެ މަދުބައެއްގެ ސަބަބުން ރައްޔިތުން ބަލިމަޑުކަމެއްގެ ތެރެއަށް ވެއްޓިގެން ދިޔައީއެވެ.

މަލިކު މީހުންގެ މި ޒިންމާދާރުކަން ކުޑަ، ލަފާނޫން ޢަމަލުގެ ސަބަބުން، މަލިކު ގުރާބާއި އޮޑިފަހަރު ރާއްޖޭން ފުރުމަށް ރަދުން އަމުރު ކުރެއްވި އެވެ. އަދި މިއަށްފަހު ކޮންމެ ތަނަކުން އައިކަމުގައި ވިޔަސް ވެސް، ފެނެއް، ދަރެއް ލާން ވިޔަސް ދެން މަލިކު ނަވެއް، ގުރާބެއް، ފުރެއްދެ އޮޑިއެއް މިރާއްޖެ ނުވަނުމަށް އެންގެވިއެވެ.

މިއަދު ދުނިޔޭގައި ފެތުރެމުން މިދާ ކޮވިޑް -19 ގެ އާލަމީ ވަބާއިން މާތް ﷲ އަޅަމެން ސަލާމަތްކަންމަތީ ލަހައްޓަވާށި އެވެ.

ހަވާލާ:

- ތިލަދުންމައްޗަށް ވަދެ ތިބި މަލިކު ގުރާބާއި މަލިކު ފުރެއްދެ އޮޑިތަކުގައި ތިބި މީހުނަށް އައްސުލްޠާން ޙަސަން ނޫރައްދީން އިސްކަންދަރު ކުލަސަދައިރަ ކައްތިރި ބޮވަނަ މަހާރަދުންގެ ވިދާޅުބަސް، ފަތްކޮޅު، 1212ހ.

- އަލްފާޟިލް ޢަބްދުއް ލަޠީފު މުޙައްމަދު (ތަކަންދޫ އެދުރު ޢަބްދުއް ލަޠީފު) ގެ ބަސްދީގަތުން، 2020މ.

- "ޕްލޮޓްކިންސް ވެކްސިންސް"، 2018މ.