ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19 ރާއްޖެއިން ފެނިފައިވާއިރު އެބަލިން ރާއްޖޭގެ ރައްޔިތުން ރައްކާތެރިކުރުމުގައި ސަރުކާރުގެ އެކި މުއައްސަސާތަކާއި އިދާރާތަކުން ކެނޑިނޭޅި ކުރެވެމުންދާ މަސައްކަތުގައި ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުން ކުރަމުންދާ މަސައްކަތަށް ބުނެވޭނީ ހަމަ ސަތޭކައެވެ.

ކޮވިޑް 19އާ ގުޅިގެން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ސަރުކާރުން ކުރަމުންގެންދާ ހާއްސަ މަސައްކަތްތަކުގައި ފެނަކައިގެ ގިނަ މުވައްޒަފުން ދަނީ އަމަލީ ގޮތުން ބައިވެރިވަމުންނެވެ.

Ad
rt

ފެނަކައިގެ ބައިވެރިވުން ހިމެނޭ އެއް މަސައްކަތަކީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ބެލުމުގެ ދަށުން ފަރުކޮޅުފުށީގައި ޤާއިމުކުރި ކަރަންޓީން ފެސިލިޓީގެ މަސައްކަތެވެ. އެގޮތުން އެތަން ފެންވަރު ރަނގަޅު އައިސޮލޭޝަން ފެސިލިޓީއަކަށް ބަދަލު ކުރުމަށް ރެއާ ދުވާލު ކެނޑިނޭޅި ކުރި ބުރަ މަސައްކަތުން 4 ދުވަސް ތެރޭގައި ފެސިލިޓީގެ މަސައްކަތްތައް ނިންމާފައިވާއިރު، އެކަމުގައިވެސް ފެނަކައިގެ މުވައްޒަފުން ވަނީ އަމަލީ ގޮތުން ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދީފައެވެ.

އޭގެ އިތުރުން، އެމްއެންޑީއެފްގެ ބެލުމުގެ ދަށުން ހުޅުމާލޭގައި ސަރުކާރުން ޤާއިމުކުރާ 200 އަށްވުރެ ގިނަ އެނދުގެ މެޑިކަލް ފެސިލިޓީގެ މަސައްކަތްތައް ނިންމުމުގައިވެސް އަމަލީ ގޮތުން ބައިވެރިވުމަށް އެންމެ ފުރަތަމަ ނުކުމެފައިވަނީ ފެނަކައިގެ މުވައްޒަފުންނެވެ. އެގޮތުން މި މަސައްކަތުގައި މިހާރުވެސް ފެނަކައިގެ 100 އަށްވުރެ ގިނަ މުވައްޒަފުން އަމަލީ ގޮތުން ބައިވެރިވަމުންދާކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގައި ފެނަކައިގެ ފަރާތުން އެހީތެރިކަމާއި އެއްބާރުލުން ދެމުންދާއިރު، ޓްރީޓޮޕް ހޮސްޕިޓަލު ސަރަޙައްދުގައި އެމްއެންޑީއެފްގެ ބެލުމުގެ ދަށުން އިމާރަތް ކުރެވޭ 10 ފާޚާނާގެ މަސައްކަތްތައްވެސް ކުރަމުންދަނީ ފެނަކައިގެ މުވައްޒަފުންނެވެ. އެ މަސައްކަތުގައިވެސް އިސްނަގައިގެން ފެނަކައިގެ މުވައްޒަފުން ހަރަކާތްތެރިވަމުންދާއިރު، ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވޭ މަސައްކަތްތަކުގައި އަބަދުވެސް ފެނަކައިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޤާއިމު ކުރަމުންދާ ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީތައް ޤާއިމު ކުރުމުގައި ފެނަކައިން އެހީތެރިކަން ފޯރުކޮށްދެމުން ގެންދާއިރު، ކ. ވިލިވަރާއި އއ. ވެލިދޫ ކަރަންޓީން ފެސިލިޓީތަކަށް ބޭނުންވާ ފެނާއި ކަރަންޓުގެ އަސާސީ ޚިދުމަތްތައްވެސް ފެނަކައިން ދަނީ ފޯރުކޮށްދެމުންނެވެ. އަދި އެ މަސައްކަތްތައް އިންތިޒާމް ކުރުމުގައިވެސް ފެނަކައިގެ މުވައްޒަފުން އެ ދެ ރަށުގައި ހަރަކާތްތެރިވަމުންދާކަމަށް ފެނަކައިން މައުލޫމާތުދެއެވެ.

އެ މަސައްކަތްތަކުގައި ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު ގެންދަވަނީ މުވައްޒަފުންނަށް މަގު ދައްކުވައިދީ ހިތްވަރު ލައިދެއްވަމުންނެވެ. އެގޮތުން ފެނާއި ކަރަންޓާ ނަރުދަމާގެ ޚިދުމަތް ދިނުމުގެ އިތުރުންވެސް ރައްޔިތުންނަށް ދިމާވާ މިފަދަ ކޮންމެ ދަނޑިވަޅެއްގައިވެސް ފެނަކައިން ރައްޔިތުންނާ ގާތުން އެހީތެރިކަން ފޯރުކޮށްދޭނެ ކަން ދަނީ ދައްކުވައިދެމުންނެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު ވިދާޅުވީ މިއީ އެކުންފުނީގެ މުވައްޒަފުން ގައުމީ ކަންކަމަށް އިސްކަންދެއްވާ ކަމުގެ މުހިންމު ނަމޫނާއެއް ކަމަށެވެ. ގައުމަށްދިމާވާ ހާދިސާތަކާއި ކާރިސާ ތަކުގައި އެކުންފުނީގެ މުވައްޒަފުން އަބަދުވެސް މަސައްކަތްކުރަމުން ގެންދަނީ އެކަމެއްގައި ވެދެވެން އޮތް އެންމެ މަތީ ދަރަޖައަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެމްއެންޑީއެފްގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ މިމަސައްކަތަށް އެންމެ ފުރަތަމަ ނުކުތީ ވެސް ފެނަކައިގެ މުވައްޒަފުންނެވެ.

ފެނަކައިން ބުނާގޮތުގައި، ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވޭ މަސައްކަތްތަކުގައި އަބަދުވެސް އެކުންފުނީގެ އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އެ މަސައްކަތްތަކުގައި މުވައްޒަފުންނަށް އިތުރު ބާރެއް ލިބެނީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ބައިވެރިވެ ދެއްވާ ހިތްވަރެވެ. އެ މަސައްކަތްތައް އެމްޑީ ސައީދު ގާތުން ބައްލަވަމުން ދިއުމެވެ.

ކޮވިޑް 19އާ ގުޅިގެން އެކި އިދާރާތަކާއި ކުންފުނިތަކުން ސަރުކާރުގެ މުއައްސަސާތަކާއި ގުޅިގެން މިކުރަމުންދާ މަސައްކަތްތަކަށް ދިވެހި ރައްޔިތުންގެ ޝުކުރާއި ތައުރީފު ހައްގެވެ.