މުސްލިމުންް އެމަހަކަށްޓަކައި އެންމެ އިންތިޒާރު ކުރާ އެއް މަހަކީ ބަރާކާތުން ފުރިގެން ވާ ރަަމަޟާން މަހެވެ. ރޯދަ މަހަކީ ތަޤްވާވެރިކަމުގެ މަހެވެ. ތައުބާވުމާއި ފާފަފުއްސެވުމުގެ މަހެވެ.

ފުރަތަމަ ކަމަކަށް، ކުރިއަށް މިއޮތް ރޯދަ މަހުގެ އަޅުކަން ފުރިހަމަ ކުރެވުމުގެ ނަސީބު އަހަރެމެންގެ ޢުމުރުގައި، ލެއްވުމަށް އެދި ﷲ ހަޟްރަތުގައި ދުޢާކުރާށެވެ. ރަޖަބު މަސް ފެއްޓުމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް ކުރައްވާ ދުޢާއަކީ ''ހައްދަވައި ބޮޑު ކުރެއްވި ރަސްކަލާކޮ! ރަޖަބްމަހާއި ޝަޢްބާން މަހުގައި، އަހަރެމެންނަށް ބަރަކާތް ލައްވާފާނދޭވެ! އަދި ރޯދަ މަހާއި ހަމައަށް އަހަރެމެން ވާޞިލުކުރައްވާފާނދޭވެ!''އެވެ.

Ad
rt

މީގެ އިތުރުން ފާއިތުވީ އަހަރުގައި ގެއްލިފައިވާ ރޯދަ ހިފައި ހަމަކޮށް، ނުހިފޭނަމަ ކަންކުރަންވީގޮތް ޢިލްމުވެރިންގެ ގާތުން އޮޅުން ފިލުވައި ފާއިތުވީ ރޯދަ ގަޟާ ކުރަންވާނެއެވެ.

ރޯދަމަހަކީ ފާފަފުއްސެވުމުގެ މަސްކަމުގައި ވާއިރު ކުރެވިފައިވާ ފާފަތަކަށް ތައުބާވުމަށް ވަކި މިއަށްވުރެން ރަނގަޅު ފުރުސަތަކީ ކޮބައިތޯއެވެ؟ ތައުބާވެ، ސާފުހިތަކާއިއެކު ﷲ ޙަޟްރަތުގައި ފާފައަށް އިޢްތިރާފުވެ، ކުށަށް އިޤްރާރުވާ ހާލުގައި އެފަދަ ކަމެއް ދެން މުޅި ޙަޔާތުގައި ވެސް ނުކުރަން ޢަޒުމު ކަނޑައަޅައި ފާފައިގެ މައްޗަށް ހިތާމަކޮށް ފާފާފުއްސެވުމަށް އެދި ދެންނެވުން ގިނަކުރާށެވެ.

އިސްލާމްދީނުގައި އަންގަވާފައިވާ މަގުގައި އީމާންތެރިކަމާއި އެކު ދެގޮތެއްނުވެ ހުރެވޭނެ މަގު ދެއްކެވުމަށް އެދި ދުޢާކުރާށެވެ. ރޯދަ ހިފުމަށާއި، ރޭ އަޅުކަންކުރުމަށާއި، ހެޔޮ އަޅުކަންތައް ކުރުމުގެ ވާގި ދެއްވުން އެދި އެ ކަލާނގެ ކިބަފުޅުން އެދޭށެވެ.

ރޯދަމަހަކީ ޤުރުއާން އުނގެނުމާއި ކިޔަވުން ގިނަކުރަންވީ މަހެވެ. ޤުރުއާން ބާއްވާލެވުނީ ރަމަޟާން މަހުގައި ކަމުން މިއީ ގިނަގިނައިން ޤުރުއާން ކިޔަވަން ޖެހޭ މަހެވެ. މާނަ ނޭނގޭނަމަ ޤުރުއާން ތަރުޖަމާ ކިޔައި ޤުރުއާނުގައިވާ ވަހީބަސްފުޅުތަކާއި މެދު ވިސްނާ ފިކުރުކުރާށެވެ.

މިހާރުން ފެށިގެން ރޯދަމަހުގައި ޤުރުއާން ކިޔަވާނެ ގޮތް ރާވާލާށެވެ. ރޯދަމަހު ހަތިމްކުރެވޭނެ ފަސޭހަ އެތައް ގޮތްތަކައް މިޒަމާނުގައި އިންޓަރނެޓް މެދުވެރިކޮށް ހޯދައި ލެވޭނެއެވެ. އެމީހަކަށް ފަސޭހަގޮތެއް ހޯދާލުމަށްފަހު ކުރިއަށް ދާން ވީއެވެ. ރޯދަ ހިފުމަށާއި، ރޭ އަޅުކަންކުރުމަށާއި، ހެޔޮ އަޅުކަންތައް ކުރުމުގެ ވާގި ދެއްވުން އެދި އެ ކަލާނގެ ކިބަފުޅުން އެދޭށެވެ.

ރޯދަމަހަކީ އަޅުކަމުގެ މައްސަރެވެ. ސުންނަތް ނަމާދުތައްވެސް ފަރުވާ ކުޑަނުކޮށް ކުރުވޭތޯ ބަލައި، އާދައަކަށް ހަދަންވީ މައްސަރެވެ. މިހާރު ނަމާދު ކުރާއިރު ނަމާދުގެ ރަވާތިބު ސުންނަތްތައް ނުކުރާ ކަމަށް ވަންޏާ، ކުރިއަތް އޮތް ރޯދަމަހަކީ މިކަން ކުރާނެ މަހަކަށް ހަދާށެވެ. އެ ސުންނަތްތައް ކުރަން ނޭނގޭނަމަ މިހާރުން ފެށިގެން ސުންނަތް ނަމާދުތައް ކުރަން ދަސްކޮށްލާށެވެ.

ޢިލްމު އުނގެނުނު ވަރަކަށް އީމާންކަން އިތުރަށް ގަދަވެއެވެ. ޢިލްމަކީ، ސީދާ މަގުން މީހާ ކައްސައިލިޔަސް، މަގު ސީދާކޮށްދިނުމުގައި އެހީތެރިވާ އެއްޗެކެވެ. އެހެން ކަމުން ރަމަޟާން މަހަށް ތައްޔާރުވުމަށް ދީނީ ތަފާތު ޕްރޮގްރާތަކާއި ފޮތްތަކާއި އެހެނިހެން ގޮތްގޮތުން ނޭގޭ ކަންކަމުގެ މަޢުލޫމާތު ހޯދައި ދަސްކުރާށެވެ.

ކީރިތި ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމް އެންމެ ދީލަތިވެވަޑައިގަންނަވާ މައްސަރަކީ ރަމަޟާން މަހެވެ. މިކަން ނަމޫނާއަކަށް ބަލައި އެމީހަކަށް ވެވެން އޮތް މިންވަރަކުން ސަދަގާތްކޮށް، އެކަކުއަނެކަކަށް އެހީ
ތެރިވާންވާނެއެވެ.

ސަދަގާތް ކުރެވޭނީ ހަމައެކަނި ފައިސާއަކުން ނޫނެވެ. ކާބޯތަކެއްޗާއި އެހެނިހެން އެހީތެރިކަމަކީވެސް ސަދަގާތެވެ. މިއަހަރުގެ ރަމަޟާން މަސް ފެށިގެން މިއަންނަނީ ބަލިމަޑުކަމެއްގެ ސަބަބުން މުޅިދުނިޔޭގެ އިޤްތިސާދު ދަށަށް ގޮސް އެެތައްބައެއްގެ ވަޒީފާ ގެއްލި، ދަތިކަން އިހުސާސް ކުރަން ޖެހިފައިވާ ދަނޑިވަޅެއްގައި ކަމުން މިއީ އެއްބައިވަންތަކަން އިސްކޮށް، އެކަކުއަނެކަކަށް އެހީ ތެރިވާންވީ ވަގުތެވެ. އެހެންކަމުން ޒަރޫރީ ބޭނުންތައް ފުއްދުމަށްފަހު އަތުގައި ރައްކާކުރާނެ ފައިސާ އެއްހުރިނަމަ، ކޮންމެވެސް މިންވަރެއް ޞަދަޤާތް ކުރުމުގެ ހިތްވަރު ލިބިގަންނާނީ ކާކުހެއްޔެވެ؟!

މީގެ އިތުރުން ރަމަޟާން މަހަށް ތައްޔާރު ވުމުގެ ގޮތުން މީހަކާއި މައްސަލައެއް ޖެހިފައި އޮތްނަމަ އެކަމެއް ހައްލުކޮށް، މައިންބަފައިންނަށް ނުކިޔަމަންތެރިވުން ހުއްޓާލައި، ދަރިން، އަނބިން އަދި ފިރިންނާއި އޮންނަ ގުޅުންތައް ރަނގަޅުކުރާށެވެ.

ދޮގުވާހަކަ، ނެތިމޮށުން، ޙަޤީޤަތް އޮޅުވާލުން، މުޖްތަމަޢުގައި ހިނގާ ނުބައި ކަންތައްތައް ފާޅުކޮށް އެކަން ފެތުރުން ހުއްޓައިލާށެވެ. އަދި އެފަދަ ވާހަކަ ލިޔެފައި ހުންނަ އެއްޗެހި ކިއުން ހުއްޓާލާށެވެ.

ކުރިއަށް މިއޮތް ބަރަކާތްތެރި ރޯދަމަހަކީ މުނިފޫހިފިލުވުމާއި ކެއިންބުއިމާއި މަޖާނެގުމުގެމަހެއްގެ ގޮތުގައި ދޫކޮށް ނުލާށެވެ. މިއީ ހަޔާތުގެ ފަހު ރޯދަމަހަށް ވެސް ވެދާނެއެވެ. އެހެންކަމުން މިލިބޭ ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފަން އަޒުމު ކަނޑައަޅާ އެކަމަށް ތައްޔާރުވާށެވެ!