ދަތުރުފޮށި ޑިސްއިންފެކްޓް ކޮށްފިންތަ؟

photo_2020-04-01_18-27-07

މިވަގުތަކީ ކޮވިޑް-19 ގެ ސަބަބުން ދަތުރު ފަތުރުކުރުން ރައްކާތެރި ވަގުތެއް ނޫނެވެ. ނަމަވެސް ކޮންމެހެން ދަތުރު ނުކޮށް ފަރު ނުޖެއްސޭ މީހުންނަށާއި، ހާލަތު ނިޔާކުރާ ގޮތުން ދަތުރެއް ކުރަން ޖެހިދާނެ މީހުންނާއި، ކޮވިޑްގެ ސަބަބުން ދަތުރުތައް ކުރުކޮށްލައި އެނބުރި އައިމީހުންނާއި އެނޫންވެސް މިފަދަ މަޢުލޫމާތު ދެނެގަންނަން ބޭނުން މީހުންނަށް މިއީ ވަރަށް މުހިންމު މަޢުލޫމާތު ތަކަކަށް ވާނެއެވެ.

ދަތުރުމަތީގައި ފޮށި ގިނަފަހަރަ ދަމާފައި ނުވަތަ ބިންމަތީ ނޫންނަމަ އޮވަރހެޑް ކެބިންއަށް ލައިގެން ގެންގުޅޭއިރު، ފޮށީގައި އެތައް ވައިރަސް އެއް ހަރުލުން އެކަށީގެންވެއެވެ.

ފޮށީގެ ފުރޮޅު އަދި އަތްގަނޑު ޑިސްއިންފެކްޓުކުރާނީ ކިހިނެއް؟

އަރަން ގެންގުޅޭ ފައިވާން ނުވަތަ ބޫޓާއިއެކު ގޭތެރެ އަށް ވަންނަން ބޭނުންނުވާއިރު ބޭރުގައި ދަމާފައި ގެންނަ ފޮށި ގޭތެރެއަށް ވަކި ވައްދަންވީ ކީއްވެތޯއެވެ؟ އެހެން ކަމުން ފޮށި ސާފުކުރާ އިރު ފޮށީގެ ފުރޮޅުތަކާއި ހިފާ އަތްގަނޑު ސާފު ކުރުމަށް ޚާއްސަ ސަމާލުކަމެއް ދޭންވާނެއެވެ. މައިކްރޯ ފައިބަރ ފޮތިކޮޅަކަށް ޑިސްއިންފެކްޓަންޓް ސްޕްރޭ ޖެހުމަށްފަހު ނުވަތަ ޑިސްއިންފެކްޓަންޓް ވައިޕް ބޭނުން ކޮށްގެން ފޮށީގެ ފުރޮޅު ސާފު ކޮށްލާށެވެ. ފުރޮޅު ސާފު ކުރާއިރު އަނބުރަމުން ހުރިހާ ދިމާލެއް ސާފުވޭތޯ ބަލަން ވާނެއެވެ. އަދި ފޮށީގެ އަތްގަނޑާއި އަތްގަނޑު ހުޅުވަން ބޭނުންކުރާ ސްވިޗު ނުވަތަ ފިތް ރަނގަޅަށް ސާފުކުރަންވާނެއެވެ.

ފޮތިންހަދާފައިވާ ފޮށީގެ ބޭރު ސާފުކުރުން

ފޮތީގެ ވައްތަރުތަކުން ހަދާފައި ހުންނަ ފޮށިތައް ސާފުކުރަންވެސް ބާޒާރުގައި ލިބެންހުންނަ ޑިސްއިންފެކްޓަންޓް ބޭނުންކުރެވޭނެއެވެ. ނަމަވެސް ޑިސްއިންފެކްޓަންޓް ބޭނުންކުރަންވާނީ ފޮށީގެ ކަނެއްގައި ނަމަވެސް ފޮއްޗަށް ބަދަލެއް އާދޭތޯ ބެލުމަށް ޓެސްޓު ކުރިމަށްފަހުއެވެ. މައިކްރޯ ފައިބަރ ފޮތި ބޭނުންކޮށްގެން ފޮށީގެ ބޭރު އެއްކޮށް ފުހެލުމަށްފަހު ފޮށި ރައްކާކުރާށެވެ.

ހަރު މެޓިރިއަލް ތަކުގެ ފޮށި ސާފު ކުރުން

ފައިބަރ ފަދަ ހަރު ބާވައްތަކުގެ ފޮށިތައް ސާފުކުރުމަށްވެސް އެންމެ ރަނގަޅުގޮތަކީ ޑިސްއިންފެކްޓަންޓް ވައިޕް އެއް ބޭނުންކުރުން ނުވަތަ ފޮތިގަޑެއްގައި ޑިސްއިންފެކްޓަންޓް އުނގުޅާފައި ބޭނުންކުރުމެވެ. ފޮށީގެ ބޭރު ރީތިކޮށް ފޮހެލާފައި ފޮށި ރައްކާކުރެވޭނެއެވެ. އަދި ބޭރުގައި އެޅިފައިހުންނަ ކޫރު ފަދަ އެއްޗެހި ފިލުވަން ބޭނުންނަމަ ކޫރު ފިލުވަން ބޭނުންކުރާ ތަފާތު ބާވަތުގެ އެއްޗެހި ބާޒާރުގައި ހުރެއެވެ. އެފަދަ އެއްޗަކުން ކޫރު ފިލުވާލުމުން ފޮށީގެ އާބާތުރަ ފިލުވާލައެވެ.

ފޮށިގެ އެތެރެ ސާފުކުރުން

ފޮށީގެ އެތެރެ ސާފު ކުރުމަށް ވެކިއުމް ކްލީނަރއެއް ބޭނުން ކުރެވިދާނެއެވެ. ޙާއްސަކޮށް ފޮށިތެރޭގެ ކަންތަކާއި ޒިބާއި އެތެރޭގައި ހުންނަ އިތުރު ޖީބުތަކުގެ އެތެރެ ރީތިކޮށް ސާފުކުރަންވާނެއެވެ. އެތެރެ ސާފުކުރުމަށް ފެން ބޭނުން ކޮށްފިނަމަ ފެން ހިކެންދެން އަވީގައި ފޮށި ބަހައްޓަން ވާނެއެވެ. އެހެންނޫނީ ފޮށިގެ ތެރޭގައި ފޫޖަހާނައެވެ.
އަދި ފޮށި ގިނަ ދުވަހު ލައްޕާފައި ބެހެއްޓުމުން އުފެދޭ ދިރޭތަކެތި އުފެދުމަށް ހުރަސްއެޅޭނެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *