މި ފޮޓޯއިން ފެންނަ އިމާރާތް ފެނުމުން ހަނދާންތައް ގޮސް ހުއްޓެނީ މީގެ ތިރީސްފަސްވަރަކަށް އަހަރުގެ ދުރު މާޒީ އަކަށެވެ. އަހަރެންގެ އުމުރުން އޭރުވާނީ އަށެއްކަ އަހަރެވެ. މިގޭގެ ވެރިފަރާތަކީ އެދުވަސް ވަރު މިރަށުގައި ޤަދަރު ކުރެވޭ އަޝްރާފުންގެ ތެރޭގައި ހިމެނޭ ފަރާތެކެވެ. އަހަރެންގެ ބައްޕަގެ ގާތް ރަޙުމަތެރިއެކެވެ. އެހެންކަމުން ފުނަދޫއަށް ކުރާ ޒިޔާރަތްތަކުގައި ފުރަތަމަ މަންޒިލަކަށް ވާނީ މިގެއެވެ.

ގޭގެ އެންމެން ފުނަދޫއަށް ކުރި ޒިޔާރަތެއްގައި މިގޭގެ ބޮޑުކޮޓަރީގައި މަޑުކޮށްލައިގެން އިނީމެވެ. އޭރު ކެއުމާއި ބުއިމުގެ އޮއިވަރު ގޭތެރޭގައި ހިނގަމުން ދެއެވެ. ބޮޑުކަމު ހާއްޖަތަކަށް ދާންޖެހިފައިވުމުން އެއިން އެއްވެސް ކަމެއްގައި ބައިވެރިނުވެ އިންނަން ފެށުމުން ވެގެން އުޅޭގޮތެއް ސާފުކުރުމަށް މަންމައާއި ބައްޕަ ސުވާލު ކުރަން ފެށިއެވެ.

Ad
rt

އަތިރިއަށްދާން ބޭނުންވެފައި ހުރިކަމަށް ބުނުމުން ގޭގެވެރިޔާގެ ދޮށީ ފިރިހެން ދަރިފުޅާއި އެކު އަހަރެން ފޮނުވިއެވެ. އެއީވެސް އަހަރެން އުމުރުގެ ކުއްޖެކެވެ. އެދުވަސްވަރަކީ ގޭގޭގައި ފާޚާނާ ޢާއްމު ދުވަސްވަރަކަށް ނުވުމުން ފާޚާނާކުރަން ދާން ޖެހޭނީ އަތިރިއަށެވެ. ކޮންމެ ރަށެއްގައިވެސް އަންހެނުންނަށާއި ފިިރިހެނުން އަތިރިއަށް ދިއުމަށް ޚާއްޞަ ދިމަދިމާ ފާހަގަކޮށްފައި ހުންނާނެއެވެ.

ގެއިން ނިކުމެގެން އޭނާއާއި އެކު މިސްރާބުޖެހީ އިރުމަތީ ފަރާތު ދަށްފަޅާއި ދިމާއަށެވެ. ގެތަކާއި މަދަރުސާ ފަސްދީ ގޮސް ވަރަށް ބޯ ރުއްދަނޑަކާއި އަރާ ހަމަވިއެވެ. ރުށްދަނޑުގައި އިސްކޮޅާއި ހަމައަށް އޮތީ މިރިހި ވަލެއް ހެދިފައެވެ. މިހާރު އެއީ ފުނަދޫ ސްކޫލުގެ ބައެކެވެ. މަގުގެ ވާތް ފަރާތުގައި އޮތީ ގަހަކާއި ގަހެއް ޖެހި ހެދިފައިވާ ބޯ ފުނަވަލެކެވެ. މިހާރު އެއީ ފުނަދޫ ރިސޯސް ސެންޓަރެވެ. ވިލާކޮލެޖުގެ ލޭކްސައިޑް ކެމްޕަހެވެ. މިރިހިވަލާއި ފުނަވަލާއި ދެމެދު އޮތް މަގުން ހިނގަމުން ދަނިކޮށް މިރިހި ވަލުތެރެއިން މުންޑުލައިގެން، ހުސްގަޔާ ތިބި ކުދިންތަކެއް ބޯދޭތަން ފެނުނެވެ. އަޅައެއް ނުލަމެވެ. ދިޔަގޮތަށްގޮސް ގޮޑުދޮށުގައި އިށީނދެ ކުރަން އައި ކަންތައް ކުރެވޭތޯ ބެލީމެވެ.

އިރުކޮޅަކުން އެއްކަލަ ކުދިންތައް އަހަންނާއި ދިމާއަށް ގާއުކަން ފެށިއެވެ. އެންމެ ދެރަވެ ހިތުގައި ޖެހުނީ އަހަރެންގެ ހަވާލުދާރަކަށް އަހަންނާއި އެކު އައި ކުއްޖާވެސް އެމީހުންނާއި ބައިވެރިވެރިވެ އަހަންނަށް ޖެއްސުން ކުރަން ފެށީއެވެ. ރަނގަޅަށް ތާހިރުވެސް ނުވެ ދެފަޔަށް ލެވުނު ބާރެއްލާފައި ދުއްވައިގަތީ ގެއާއި ދިމާއަށެވެ. އޭރުވެސް ފަހަތުން އެމީހުން އާދެއެވެ. ގެއަށް ދެވުނުއިރު ހުރީ ރޮވި ގިސްލެވިފައެވެ. އެހެނަސް ހިނގައި ދިޔަ އެއްވެސް ކަމެއްގެ ވާހަކަ އެކަކު ގާތުވެސް ނުބުނަމެވެ.

ހަވާލުދާރެއްގެ ގޮތުގައި އަހަންނާއި އެކު އަތިރިއަށް ދިޔަ ކުއްޖަކީ މިއަދު ދިވެހި ޤައުމީ ދިފާއިބާރުގެ އިސް އޮފިސަރެކެވެ.